ކުދި ވިޔަފާރިތަކަށް ޖޫރިމަނާ މައާފުކޮށްދޭތީ މަޓާޓޯ އިން މަރުހަބާ ކިޔައިފި

މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ: ---- ސަން ފޮޓޯ/ އަލީ ނަސީރު

ޓެކްސްގެ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ދައްކަން ޖެހެ ބައެއް ޖޫރިމަނާތައް ދެއްކުމަށް ކުދި ވިޔަފާރިތަކަށް މައާފު ދިނުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މަރުހަބާ ކިޔައިފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީރާގެ އެ ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ކޮމާޝަލް ސެކްޓާގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި، އޮޑިޓް ކުރުމާއި ޓެކްސް ގަވާއިދުތަކަށް ނުހޭނި ތިބި ކުދި ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އަދި ބޮޑެތި އަދަދުތަކުން އެފަދަ ވިޔަފާރިތައް ޖޫރިމަނާކޮށްފައިވާ ކަންވެސް މަޓާޓޯއިން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެ އެސޯސިއޭޝަންގައި ހިމެނޭ އެފަދަ ކުދި ވިޔަފާރިތަކަށް، އެ ވިޔަފާރިތައް ފުޅާކޮށް ޚިދުމަތްތައް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތެއް ލިބި ހިތްވަރު ލިބިފައިވާކަމަށް މަޓާޓޯއިން ބުންޏެވެ. އެ އެސޯސީއޭޝަނުން އިތުރަށް ބުނެފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިގްތިސާދުގައި މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި މީރާގެ އެ ޕްރޮގްރާމުގެ ދަށުން، އެފަދަ ކުދި ވިޔަފާރިތައް ހިމާޔަތް ކުރެވިފައިވާ ކަމަށެވެ.

މީރާއިން މައާފު ކުރަން ނިންމީ ނޮން ރެޖިސްޓްރޭޝަން އަދި ނޮން ކޮމްޕްލަޔަންސް ޖޫރިމަނާ އާއި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) އާ ގުޅިގެން، މިދިޔަ މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތަކެވެ.

މަޓާޓޯގެ ބަޔާނުގައި އެ އެސޯސިއޭޝަނުން ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި މަޓާޓޯގެ މެމްބަރު ކުންފުނިތަކަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަށް އެ އެސޯސިއޭޝަނުން މަރުހަބާ ދަންނަވާކަމަށް ވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް