'ރާބްތާ' ގައި ރާޖްކުމާރު ރާއޯ ފެނިގެންދާނީ 324 އަހަރުގެ މީހެއްގެ ރޯލުން

'ފައިންޑިން ފެނީ' އާއި 'ކޮކްޓެއިލް' ފަދަ ފިލްމުތައް ޕްރޮޑިއުސް ކޮށްފައިވާ ދިނޭޝް ވިޖާނެ ޑައިރެކްޓު ކޮށް އަންނަ ޖޫން މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު 'ރާބްތާ' ގައި ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ ފެނިގެން ދާނީ 324 އަހަރުވީ މީހެއްގެ ރޯލުން ކަމަށް އޭނާ ބުނެފި އެވެ.

'ރާބްތާ' ގެ ޓްރެއިލަރ މިހާރު ރިލީޒް ކޮށްފައި ވާއިރު، ޓްރެއިލަރ ނިމޭ އިރު އާދަޔާ ޚިލާފު ކެރެކްޓަރ އެއް ފެނިގެންދެ އެވެ. ވަރަށް މޮޅު މޭކަޕެއްގެ ފަހަތުގައި ފޮރުވިފައިވާ މީހާގެ ސިފަ ނޭނގުނަސް އެ ރޯލު ކުޅެފައި ވަނީ ގައުމީ އެވޯޑު ވެސް ހޯދާފައިވާ އެކްޓަރު ރާޖްކުމާރު އެވެ.

ޑައިރެކްޓަރު ވިޖާން ބުނީ ފިލްމަށް ރާޖްކުމާރުގެ "ލުކް" ފައިނަލް ކުރީ 16 ޓެސްޓަށް ފަހު ކަމަށެވެ. ރާޖްކުމާރަށް ޚާއްސަކޮށް ލޮސް އެންޖަލެސް އިން ޚާއްސަ ޓީމެއް ވަނީ ފިލްމުގައި ހަރަކާތްތެރިވެފަ އެވެ.

އެގޮތުން ކޮންމެ ދުވަހަކު ރާޖްކުމާރުގެ މޭކަޕް ކުރުމަށް ހަ ގަޑިއިރު ހޭދަވާ ކަމަށާއި، ރާޖްކުމާރު އެކަމަށް އެއްބަސްވީތީ ޝުކުރުވެރިވާ ކަމަށް ވިޖާން ބުންޏެވެ.

މޭކަޕްގެ އިތުރުން ރާޖްކުމާރުގެ ކޮސްޓިއުމް ވެސް ވަރަށް ބަރު ކަމަށްވެ އެވެ. ރާޖްކުމާރު ބުނީ މޭކަޕް ކޮށް ނިމޭ އިރު މީހާ އެކީގައި ދާހިއްލަން ފަށާ ކަމަށާއި، އެއީ ވަރަށް ކެތްތެރިކަމާ އެކު ކުރި މަސައްކަތް ކަމަށެވެ.

'ރާބްތާ' ގެ ޓްރެއިލަރ އަށްފަހު ގިނަ ބަޔަކު ތިބީ ލޯބީގެ މުޅިން ތަފާތު ފިލްމަކަށް އިންތިޒާރުކޮށްގެންނެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ސުޝާންތު ސިންގ ރާޖްޕުތު އަދި ކްރިތީ ސަނޯން އެވެ.

comment ކޮމެންޓް