ރިޔާޒުގެ ފޯނުގެ ޕިން ކޯޑު ޝަރީއަތުގައި ފުލުހުންނަށް ދީފި

އަބްދުﷲ ރިޔާޒް ---

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިރޭ ބޭއްވި ޝަރީއަތުގައި އޭނާގެ ފޯނުގެ ޕިން ކޯޑު ފުލުހުންނަށް ދީފި އެވެ.

ރިޔާޒުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިރޭ ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ރިޔާޒުގެ މައްޗަށް ކުރާ ދައުވާއަކީ، ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާގައި ބުނެފައި ވަނީ، މާޗު 27 ވަނަ ދުވަހުގެ ރޭ ޖިނާއީ މައްސަލައަކާ ގުޅިގެން، ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ، އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުން ކަމަށެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ޝަރީއަތުގައި އެ މައްސަލައަކީ ފޯނުގެ ޕިން ކޯޑު ނުދީގެން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ގާޒީ ފާހަގަ ކުރެއްވި ކަމަށެވެ. އަދި ރިޔާޒް ތަހުގީގަށް ދީފައިވާ ބަޔާންތަކުން ތަހުގީގަށް އެއްބާރުލުން ދީ، ފޯނުގެ ޕިން ކޯޑު ފުލުހުންނަށް ދޭން ހުށަހަޅާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި ކަމަށް ހިސާން ފާހަގަ ކުރެއްވި އެވެ.

ހިސާން ވިދާޅުވީ، ޕިން ކޯޑު ދީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުރުސަތު އޮތް ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށާއި، މިރޭ ފުލުހުންނަށް ޕިން ކޯޑު ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމާ މެދު އަންނަ އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ޝަރީއަތުގައި މިރޭ އިއުލާނު ކުރައްވާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެެ.

އެ ދައުވާ ރިޔާޒްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

comment ކޮމެންޓް