ދިރާގުގެ އަހަރީ އާންމު ޖަލްސާ މާދަމާ ރޭ އާޓު ގެލެރީގައި

ދިރާގުން މިދިޔަ އަހަރު ބޭއްވި 27 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މާދަމާ ރޭ ނޭޝަނަލް އާޓް ގެލެރީގައި އޮންނާނެއެވެ.

މާދަމާ ރޭ ބާއްވާ ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ފާސްކުރުމުގެ އިތުރުން، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ފާސްކުރުން އޮންނާނެއެވެ.

ދިރާގުގެ އޭޖީއެމްގައި ބައިވެރިވެވޭނީ އޭޕްރިލް 13 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވޭ ހިއްސާދާރުންގެ ރެޖިސްޓްރޭޝަންގެ ކަންކަން މާދަމާ ރޭ 7:30 އިން 8:15 އާ ހަމައަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ދާނެއެވެ.

ދިރާގަށް މިދިޔަ އަހަރު 2.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވެ އެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 1.099 ބިލިޔަން ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 14.97 ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމި 449.92 މިލިޔަން ރުފިޔާ (ހިއްސާއަކަށް 5.92 ރުފިޔާ) އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމި 642.20 މިލިޔަން ރުފިޔާ (ހިއްސާއަކަށް 8.45 ރުފިޔާ)އެވެ.

ދިރާގަކީ ބަހުރައިންގެ ބަޓެލްކޯގެ 52 ޕަސަންޓު ހިއްސާ، ދިވެހި ސަރުކާރުގެ 41.8 ޕަސަންޓު ހިއްސާ އަދި އާންމުންގެ 6.2 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް