ހިމަބިހި ޖެހުމުގެ 75 ޕަސެންޓް ކާމިޔާބު، ހަފްތާއެއްގެ ތެރޭގައި އަލުން ވެކްސިން ޖަހަން ފަށަނީ

ރާއްޖެއިން މަބިހި ނައްތާލުމަށް ފެށި ކެމްޕޭންގެ ދަށުން މީހަކަށް ވެކްސިން ދެނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

ރާއްޖެއިން މީސަލްސް ނުވަތަ ހިމަބިހި ނައްތާލުމަށް ހިންގާ ކެމްޕޭން ހަފްތާއެއްގެ ތެރޭގައި އަލުން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނޭވާލުމުގެ ނިޒާމު މެދުވެރިކޮށް ފަސޭހައިން ގައިން ގަޔަށް އަރާ އަދި ފުރާނައަށް ނުރައްކާވާ ހިމަބިހި ރާއްޖެއިން ނައްތާލުމުގެ ގައުމީ ކެމްޕޭން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދަން އަމާޒު ހިފައިގެން ފެށި އެ ކެމްޕެއިންގެ މުއްދަތު މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރި ނަމަވެސް، އިންފުލުއެންޒާ ރޯގާގެ ސަބަބުން ކެމްޕެއިން ވަނީ މިއަދާ ހަމައަށް ވެސް މެދުކަނޑާލާފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރޯގާގެ ސަބަބުން އެ ކެމްޕެއިން މެދުކަނޑާލިއިރު މެދުކަނޑާލިއިރު 75 ޕަސެންޓް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާގެ ތެރޭގައި ސަރުކާރުގެ ފަރާތްތަކާ ގުޅިގެން އަލުން އެ ކެމްޕެއިން ފަށައި، ވެކްސިން ނުޖެހިހުރި މީހުންނަށް ވެކްސިން ދިނުމަށް އަލުން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ސަރުކާރުން ފެށި ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭނުގެ މިއަހަރު ފެށިއިރު، މީގެ ގާތްގަނޑަކަށް ނުވަ އަހަރު ކުރިން، 2008 ވަނަ އަހަރުވެސް އެމްއާރު ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް ރާއްޖޭގައި ހިންގިއެވެ.

ނަމަވެސް މީސަލްސްއިން ފުރިހަމައަށް ރައްކާތެރިވުމަށްޓަކައި އެ ވެކްސިންގެ ދެ ޑޯޒެއް ބޭނުންވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ކެމްޕެއިންގެ ދަށުން އުމުރުން 15 އަހަރުން ފެށިގެން 25 އަހަރުގެ މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާއިރު، ކެމްޕެއިންގެ އަމާޒަކީ އެ އުމުރުފުރާގެ މަދުވެގެން 95 ޕަސެންޓަށް މީހުންނަށް ވެކްސިން ދިނުމެވެ.

އަދި އުމުރުން އަށް އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން މީސެލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ކުދިންނަށް ވެސް މި ކެމްޕޭންގައި ވެކްސިން ދޭނެއެވެ.

comment ކޮމެންޓް