މާޔޫސްވަނީ ކަންތައްތައް ހާސިލްކުރާނެ ގޮތްތައް ބުނެދެވިފައި ނުވާތީ: މިނިސްޓަރު އާދަމް ޝަރީފް

ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާޔޫސްވެ މީހާ ޑިޕްރެޝަންގެ ތެރެއަށް މީހާ ގެއްލިގެންދަނީ ކަންތައްތައް ހާސިލުކުރާނެ ގޮތްތައް ބުނެދެވިފައި ނުވާތީ ކަހމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ގައުމުތަކަށް އަންނަމުންދާ ބަދަލުތަކާއި އެހެން އާބާދީތަކުގައި ތަހައްމަލު ކުރަން ޖެހޭ ބަލިތައް ރާއްޖޭގައި ވެސް ތަހައްމަލު ކުރަމުންދާނެ ކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން ދިރިއުޅުމުގެ ތެރެއިން ތިމާއަށް ހާސިލްނުވާ ކަންތައްތަކެއްގެ ސަބަބުން މާޔޫސް ވެގެން ދިއުމަކީ ހައްލެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާޔޫސްވެ ކަންބޮޑުވުމުގެ ތެރެއަށް ގެއްލިގެންދަނީ ކަންތައްތައް ހާސިލްކުރުމަށް މަސައްކަތްކުރަން ޖެހޭނެ ގޮތްތައް ބުނެދެވިފައިނުވާތީ ނުވަތަ މަޝްވަރާކޮށް ސައްލާކޮށް އެކަންކަމުން އަރައިގަތުމަށް ވާހަކަދެކެވޭ މިންވަރު މަދުވެގެންދާތީ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ކަންތައްތައް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާއިރު، ދިރިއުޅުމުގެ އާދަތަކާއި އުޅުންތައް ބަދަލުކޮށް ހާސިލްކުރަން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށްޓަކާ މަސައްކަތް ކުރަން ޖެހޭ އާ ގޮތްތަކެއް ޒުވާނުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މާޔޫސްވުމުގެ ބައްޔަށް ހުށަހެޅިގެންދާ މިންވަރު މަދުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދިރިއުޅުމުގެ ކަންތައްތައް ހާސިލްކުރަމުންދާއިރު އިސްލާމީ އަގީދާގައި ހުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ޑިޕްރެޝަންއަށް ހުށަހެޅިގެންދާ އެންމެ މައިގަނޑު ކަމަކީ އަގީދާ ބަލިކަށިވުމާއި ގަބޫލުކުރެވޭ ގަބޫލު ކުރެވުންތަކާ އެކީގައި ދީނުގައި އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް ފަސް ޖެހުން ކަމަށެވެ.

އެހެންކަމުން އެންމެ އިސްކަން ދޭން ޖެހޭ ކަމަކީ އިސްލާމުދީނުގެ މަތީގައި އުޅުންތަކާއި ގުޅުންތައް ބެހެއްޓުންކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް