ރާއްޖެއަކީ ޒަމާނީ ޑިމޮކްރަސީ އޮންނަ ގައުމެއްކަން ބޭރު ދުނިޔެއަށް އަންގައިދޭން ޖެހޭ: ރައީސް

ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންނާ އެކެ ބާއްވާ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއަކީ ޒަމާނީ ޑިމޮކްރެސީ އޮންނަ ގައުމެއްކަން ބޭރު ދުނިޔެއަށް އަންގައިދޭން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންނާ އެކު ބާއްވާ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަފީރުންގެ ކިބައިން ވަރަށް ގިނަ ކަންކަމަށް އެދިވަޑައިގެންފަ އެވެ.

ދިވެހި ދައުލަތަކީ ބޭރުގެ އެކިއެކި ދައުލަތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ ދައުލަތްތަކަށް އިހުތިރާމް ކުރާ ދައުލަތަކަށް ވާއިރު "ދައުލަތުގެ ސިޔާސަތު ބޭރު ދުނިޔެއަށް ހާމަވާން ޖެހޭ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަޑު ބޭރު ދުނިޔެއަށް އިވުމަކީ ދިވެހި ހުރިހާ ސަފީރުންގެ ފަރާތްޕުޅުން އަޅުގަނޑު އެދޭ އެދުމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނަ މި ދަނޑިވަޅުގައި ރާއްޖޭން ބޭރު ފަރާތްތަކުގެ އެހީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ސަފީރުންގެ މަހާސިންތާގައި ރާއްޖެ އަށް ތަރައްގީގެ މަޝްރޫއުތަކަށް އެހީ ލިބޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅަކީ ހަލަބޮލިކަމާ އެކު ރާއްޖޭގެ ވާހަކަ ބޭރު މަސްރަހުގައި ދެކެވެމުންދާ ދަނޑިވަޅެއް ކަމަށެވެ. އެހެންކަމުން ސަފީރުންގެ މަސައްކަތްޕުޅަކަށް ވާން ވަނީ ބޭރު ދުނިޔޭގައި ރާއްޖޭގެ ވާހަކަތައް ހަގީގަތާ އެއްގޮތަށް ހާމަކޮށް ދިނުން ކަމަށެވެ.

އެގޮތުން ރާއްޖެއާ ގުޅުވައިގެން ދެކެވޭ ދީނީ ހައްދު ފަހަނައަޅާފައިވާ މީހުންގެ "ހާއްޔެއް" ކަމަށް ރާއްޖެ ސިފަކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދިވެހި ދައުލަތަކީ މޮޑަރޭޓް އިސްލާމީ ދައުލަތެއްކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދޭން އެބަޖެހޭ. މިއީ ވަރަށް ވަރުގަދަ މިސާލުތަކާ އެކީ ކޮށްދެއްވަން ޖެހޭ މަސައްކަތެއް،" ރައީސް ޔާމީން ވިދާޅިވި އެވެ.

މި ސަރުކާރަކީ ގާނޫނަށް ބޯލަނބާ ޒަމާނީ ޑިމޮކްރެސީއެއް އަށަގެންފައިވާ ގައުމެއްކަން ބޭރު ދުނިޔެއަށް އަންގައިދޭން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން މިއަދު ވިދާޅުވި އެވެ.

އދ.ގައި ހިމެނޭ ދައުލަތްތަކަކީ އެ ދައުލަތަކަށް ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތްތަކަށް ވާން ޖެހޭ ކަމަށާއި އެއްވެސް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމާ ނުބެހުމަށް ރައީސް ވަނީ މިއަދުގެ ވާހަކަފުޅުގައި އެދިލައްވާފަ އެވެ.

ރައީސް ވިދާޅުވީ އދ. އަކީ އެކި ފަންތީގެ އެކި ގިންތީގެ އަދި އާރާ ބާރުގެ ގޮތުން ވެސް ތަފާތު ގައުމުތައް އެކުލެވޭ ބޮޑު އާއިލާއެއް ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ކަންކަން ނިންމުމުގައި އެއްވެސް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމާ ނުބެހުން. ކޮންމެ ބަޔަކީ ވެސް އެބަޔަކު އަމިއްލަޔަށް އެބަޔަކު ނިންމާ ކަންކަން ނިންމުމުގައި ސިޔާދަތީ ބާރު އޮންނަ ދައުލަތަކަށް ވެގެންދާ ދައުލަތްތަކެއް ހިމެނޭ އދ. އަކަށް ވެގެން ދިޔުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އދ.ގެ ބޭރުން ގިނަ ޖަމާއަތްތަކެއް ހެދިގެން ދިޔަ ނަމަވެސް އެ ޖަމާއަތްތަކުން ވެސް އަމަލުކުރަން ވާނީ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމާއި ނުބެހި، އެކަމުން ބޭރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ދާހިލީ ކަންކަމާ ބެހުމުގެ އުސޫލެއް އަސާސެއް އޮންނާނެ ކަމަށް ދިވެހި ދައުލަތުން ގަބޫލު ނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކުދި ގައުމުތަކުގައި ހިނގާ ކުދިކުދި ކަންކަމަށް ގައުމުތަކުން ފާޑު ކިޔަމުންދާއިރު ބޮޑެތި ގައުމުތަކުގައި ހިންގާ ކަންކަމުގެ ވާހަކައަށް ބަސް ބުނެވޭ ތަނެއް ނާންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް