އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް އިންޓަނެޓް ޕްރޮޓޮކޯލް ޓެލެވިޜަން (އައިޕީޓީވީ) ވަރަށް އަވަހަށް ތައާރަފު ކުރާނެކަން އިއުލާން ކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް ޕލކގެ ހިއްސާ ވިއްކުމުގެ އިނީޝަން ޕަބްލިކް އޮފަރިންގް (އައިޕީއޯ) މިރޭ ރަސްމީކޮށް ލޯންޗުކޮށްފައިވާ އިރު، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި، ގަތަރުގެ އުރީދޫ ގްރޫޕުގެ ސީއީއޯގެ ނައިބު ވަލީދު އަލް ސައީދު ވިދާޅުވީ، އައިޕީޓީވީ ތައާރަފު ކޮށްދިނުމަށް އުރީދޫ މޯލްޑިވްސްގެ އިސްވެރިން އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.
"މިއަދުވެސް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން އަދި އެމްޑީ ވިކްރަމް ސިންހަ އަޅުގަނޑު އަރިހުގައި އެދިވަޑައިގެންނެވި ރާއްޖެއަށް އައިޕީޓީވީ ތައާރަފު ކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.
އުރީދޫ ގްރޫޕުގެ ނައިބު ސީއީއޯ ވަލީދު ވިދާޅުވީ، ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި އައިޕީޓީވީ ރާއްޖެއަށް ތައާރަފު ކޮށްދޭނެ ކަމަށާއި، މިއީ ރާއްޖެއަށްޓަކައި ވެދެއްވާ ވައުދެއް ކަމަށެވެ.
އައިޕީޓީވީއަކީ ޓެރެސްޓްރިއަލް، ސެޓަލައިޓް ސިގްނަލް އަދި ކޭބަލް ޓީވީއާ ޚިލާފަށް، އިންޓަނެޓް ޕްރޮޓޮކޯލްގެ ސިގްނަލް ބޭނުންކޮށްގެން ޓެލެވިޜަން ކޮންޓެންޓް ފޯރުކޮށްދޭ ޚިދުމަތެކެވެ. ޑައުންލޯޑު ކޮށްފައިވާ މީޑިއާއާ ޚިލާފަށް އައިޕީޓީވީއިން ޓީވީ ޗެނަލްތައް ވަގުތުން ސްޓްރީމް ކުރެވެއެވެ.
އުރީދޫ ގްރޫޕުގެ ޑެޕުއިޓީ ސީއީއޯ ވިދާޅުވީ އުރީދޫ މޯލްޑިވްސްއަކީ އުރީދޫ ގްރޫޕުގެ ދަށުން ހިނގާ ކުންފުނިތަކުގެ ތެރެއިން އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ކުންފުނި ކަމަށެވެ. އަދި އުރީދޫ ގްރޫޕުން ރާއްޖޭގައި އިންވެސްޓްމެންޓް އިތުރަށް ފުޅާކުރަމުން ގެންދާނެ ކަމަށް ޑެޕިއުޓީ ސީއީއޯ ވަލީދު އަލް ސައީދު ވިދާޅުވިއެވެ.