ބީއެމްއެލްގެ "ވާއު ކިޑްސް ރަން" އަންނަ މަހު

ބީއެމްއެލް މެއިން ބްރާންޗުގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޯޓޯ: ޔާމީން ސައީދު

ޓީއެފްޖީއާ ގުޅިގެން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ "ވާއު ކިޑްސް ރަން"ގެ މިއަހަރުގެ ހަރަކާތް އަންނަ މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި އެ ކުންފުނީގެ މެނޭޖާ އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ ކިޑްސް ރަން ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އެ ހަރަކާތުގައި ކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭނެ ކަމަށާއި، ގާތްގަނޑަކަށް 600 އެއްހާ ކުދިން އެ ދުވުމުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަކީ އެކުންފުނީގެ އަމާޒެކެވެ. އަދި އެހަރަކާތް ހިންގަނީ ވެސް އެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ޓީއެފްޖީއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން މާދަމައިގެ 12:00 އިން ފެށިގެން ޓީއެފްޖީގެ ވެބްސައިޓު މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެ އެވެ.

"ބީއެމްއެލް ވައު ކިޑްސް ރަން 2017" ފަށާނީ މޭ 12 ވަނަ ދުވަހުގެ ހެނދުނު 07:20ގައި އެ ބޭންކުގެ ހެޑް އޮފީސް ކުރިމަތިންނެވެ. އަދި ނިންމާލާނީ ރަސްފަންނު ސަރަހައްދަށެވެ.

comment ކޮމެންޓް