ކްލަބުތައް ބާރުވެރިކުރުމަށް ވޮލީ އިން އިސްލާހީ އެޖެންޑާއެއް އިއުލާނުކޮށްފި

ވޮލީ ބޯޅަ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ސަން ފޮޓޯ / ފަޔާޒް މޫސާ

ރާއްޖޭގެ ވޮލީ ބޯޅަ އެސޯސިއޭޝަން ހިންގަމުން އަންނަ ގޮތްތައް ބަދަލުކޮށް ގޯސްކޮށް ހިނގާ ކަންތައްތައް ރަނގަޅު ކުރުމުގެ މަގްސަދުގައި ވޮލީ ބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަމާޒު ހިފައިގެން އެ އިދާރާގެެ އިސްލާހީ އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ވޮލީ އިދާރާގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ވޮލީ ބޯޅަ މިހާތަނަށް ހިނގަމުންއައީ ދެ މީހަކު ބޭނުންވާ ގޮތަކަށް ކަމަށާއި އެމީހުން މަސައްކަތް ކުރަމުން އައީ ތާ އަބަދު ބާރުވެރިކަމުގައި ތިބެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ދެން އެ ފުރުޞަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި އެސޯސިއޭޝަން ދެން ހިނގަނީ ކްލަބުތައް ބޭނުންވާ ގޮތަށް ކަމަށެވެ.

"ކުރިން ކަންތައްތައް ވެގެންދިޔަ ގޮތަށް ދެން ކަންތައްތައް ވިޔަކަ ނުދޭނަން. ވަކި މީހެއްގެ ބާރުގެ ދަށުގައި އެސޯސިއޭޝަން އޮތަ ދޭކަށް ދެން ބޭނުންމެއް ނޫން. އިސްލާހީ އެޖެންޑާ ނިމި ތަންފީޒް ކުރެވޭ ހިސާބުން މުޅި ވޮލީ ބޯޅައިގެ މޫނު މަތި ބަދަލްވާނެ،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ ހިމެނޭ ގޮތަށް އަދި އިތުރު އެހެންވެސް ޓެކްނިކަލް ބޭފުޅުން ހިމެނޭ ހަތް މެމްބަރުންގެ ރިފޯމް ކޮމިޓީއެއް އެކުލަވާ ލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިމެނޭ ކަމަށާއި އަދި ކޮމިޓީއަށް މެމްބަރުން އައްޔަން ކުރެވުމާ އެކު އިސްލާހީ އެޖެންޑާ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

"ހަތް މެމްބަރުންގެ ކޮމިޓީއެއް މި އެކުލަވާލަނީ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވޮލީ ބޯޅަ ރިފޯމް ކުރުމަށް މަސައްކަތް ކުރާނަން . އެއަށް ފަހު އެދެވޭ ބަދަލުތަކެއް ގެންނާނަން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާހީ މަސައްކަތް ފެށުމާ އެކު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ނިންމަވާފައި ނޫނީ ފަސް އެނބުރި ނުބައްލަވާނެ ކަމަށެވެ. އަދި ވިދާޅުވީ އިހުގެ އެކްސްކޯތަކުން ބާރުތައް މުށު ތެރެއަށް ލައިގެން ވޮލީ ހިންގަން އުޅުނަސް އޭނާ އެގޮތަށް ކަންތައް ނުކުރާނެ ކަމަށާއި އަލުން އިންތިހާބުތަކެއް ބާއްވަން ޖެހުނަސް އެކަން ވެސް ކުރާނެ ކަމަށެވެ.

comment ކޮމެންޓް