އިދިކޮޅު ފަރާތްތަކާ ގުޅުމުން މެމްބަރު ސައުދު ވެސް ޕީޕީއެމް އިން ވަކިކޮށްފި

ރައްޔަތުން މަޖިލީސް މި އަހަރަށް ހުޅުވުމަށް ބޭއްވި ފުރަތަމަ ޖަލްސާއަށް މެމްބަރު ސައުދު ވަޑައިގަންނަވަނީ ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވާތީ ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފިއެވެ.

ގައުމު އިސްލާހު ކުރެއްވުމަށް ކަމަށްވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ، މިމަހު ކުރީކޮޅު ގުޅިވަޑައިގަތް ސައުދު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރެއްވީ އޭނާއާ ގުޅޭގޮތުން އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މައްސަލަ ބެލުމަށްފަހު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ސައުދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާގޮތާ ހިލާފަށް، ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭބޭފުޅުންނާއެކުގައި ސައުދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ޕާޓީގެ ފިކުރާ ހިލާފަށް ޕާޓީއާއި އަދި ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގުމުން ގެންދަވާ ފަރާތްތަކާއެކު މަސައްކަތް ކުރައްވައި ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައާއި ތަފާތު ފޯރަމްތަކުގައި ޕާޓީގެ އަސާސްތަކާއި ހިލާފަށް އަމަލު ކުރައްވައި ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޕީޕީއެމްގެ މެމްބަރުކަމުން ސައުދު ވަކިކުރީ، އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަން ދެ މެމްބަރުން ކޮމެޓީއަށް ފޮނުވަން ފުރުސަތު ދިނުމަށްފަހު، ނުފޮނުވުމުން، ސައުދުގެ ގައިރުހާޒިރުގައި ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ ސިޔާސަތުތަކަށާއި ސަރުކާރަށް ފާޑުވިދާޅުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް މިދިޔަ މަހުގެ ފަހުކޮޅު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައެވެ.

އޭގެ އިތުރުން، ޕީޖީ ގުރޫޕުގެ ނިންމުމާ ހިލާފުވެ ޕާޓީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވުމުގެ ސަބަބުން މީގެ ކުރިން ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ވެސް ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.

comment ކޮމެންޓް