މާޔޫސް ކަމަށް ހައްލު އެބައޮތް، މިއީ މިސާލެއް!

ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވާ ފަރާތަކަށް ސައިކޮލޮޖިސްޓަކު ފަރުވާދެނީ-- ސަން ފޮޓޯ:

އެންމެ ކުޑައިރު އެ އަންހެން ކުއްޖާއަށް ތަހައްމަލްކުރަން ޖެހުނީ ބައްޕަގެ ޖިންސީ ގޯނާއާ އެވެ. މައިންބަފައިން ވަކިވުމުގެ ހިތާމައާވެސް އެކު އެވެ. އެއަށް ފަހު ސްކޫލް މާހައުލުގައި ބުލީ ކުރުމުގެ ޝިކާރައަކަށްވި އެވެ. ލޯބީގެ ގޮތުން އެތައް ބަޔަކާ ގުޅެން މަޖުބޫރުވި އިރު، އެތައް ލޯބިވެރިންނެއް ކެހި ދިނެވެ. އެހުރިހާ ކަމެއްގެ އާޚިރު ނަތީޖާއަކަށްވީ، އެ އަންހެން ކުއްޖާ ޑިޕްރެޝަނަށް ގޮސް އެތައް ވޭނެއް ތަހައްމަލް ކުރަންޖެހުމެވެ.

"މިބުނީ ދިމާވި ކަންކަން. ވިސްނާ މީހަކަށް ވާނެވަރު. ހަމަ މޮޔަވާވަރުވި. މުޅި ދުނިޔެއިން ފޫހިވި. ހާދަވޭނެއްގައޭ އުޅުނީ،" އެއަންހެން ކުއްޖާ ބުންޏެވެ.

އެ ހުރިހާ އުނދަގޫ، ހިތްދަތި ދުވަސްތަކެއް ހޭދަކުރަމުން ދިޔައިރު އަތުން ފައިން ގޯސް ހަދަން ކިތަންމެ ފަހަރަކު ހިތަށް އެރިނަމަވެސް އެކަން ނުކުރީ އެއީ ހައްލު ނޫންކަން އެނގޭތީ އެވެ.

"ކުއްލިއަކަށް ހަމަ ހިތަށް އަރާފާނެ ކޮންމެ ފަދަ ކަމެއް ކުރަން. އަމިއްލައަށް ގޯސް ހަދަން، އެކަމަކު އަބަދުވެސް ގަބޫލުކުރަން އެއީ އަދި އެލިބޭ އަނިޔާއަށް ވުރެ މާ ބޮޑު ކަމެއްކަން. އެ ފާފަކޮށްގެން އުޅެންޖެހޭނީ މާ ހާލުގައިކަން. ލިބޭނެ ފާފަ މާބޮޑުކަން،" އޭނާ ބުންޏެވެ.

ފުރަތަމަ ފިޔަވަޅަކަށް އޭނާ ކުރިމަކަކީ ދީނީ ކަންތައްތަކަށް ފަރުވާތެރިވުންކަމަށް އޭނާ ބުނެ އެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ވަގުތު ނާޅައި ނަމާދުކުރުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން ފަދަ އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އުޅުމަށް ގަދައަޅައި މަސައްކަތް ފެށީ އެވެ. ތަފާތު އެކިއެކި މައުލޫމާތު ހޯދައިގެން އޭނާ ނަފްސާނީ ޑޮކްޓަރެއްގެ ގާތަށް ދިޔަ އެވެ. ބޭހުގެ އިތުރުން ސައިކޯސޯޝަލް ތެރަޕީތައް ނަގަންފެށި އެވެ. ނަތީޖާއެއްގެ ގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭރު މާޔޫސްވި ޒުވާނާއަށް އުފާވެރިކަން ލިބިގެންދިޔަ އެވެ. މިއަދު އޭނާއަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ޒިންމާދާރު މަންމައެކެވެ.

"އަހަންނަކީ ހެއްކެއް ސަލާމަތްވެވޭނެކަމުގެ. ވިސްނާލަން ވެސް ދަތި ދިމާވެފައިވާ ކަންކަން. އެކަމަކު އިރާދަފުޅުން ކެތްކުރީ. އަދި ހައްލު ހޯދަން މަސައްކަތްކުރީ. އެދުވަހު އަތުން ގޯހެއް ހެދި ނަމަ މިއަދެއް ނުފެންނާނެ. މާޝާﷲ މިއަދު ވަރަށް އުފާވެރި،" 27 އަހަރުގެ އެއަންހެން ކުއްޖާ ބުންޏެވެ.

ފަރުވާ ލިބެން އެބަހުރި

ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަކީ އޭގެ ޒާތުގައި ވަރަށް ވެސް އުނދަގޫތައް ކުރިމަތިކުރުވާ އަދި އުފާތަކުން މީހާ ދުރުކޮށްލާ ބަލިތަކެކެވެ. އެކަނިވެރި ކަމުގެ އިހުސާސްތަކާއި މާޔޫސީ ކަންކަން އިހުސާސްވާ ކަންކަމެކެވެ.

ދުނިޔޭގައި 322 މިލިއަނަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޝިކާރައަށް ވެފައިވާ އިރު، ރާއްޖޭގައި ވެސް އޭގެ އެތައް ބަޔަކު އެބަ އުޅެ އެވެ. އެބައްޔަށް އެންމެ އެކަށޭނަ ފަރުވާ ރާއްޖެއިން ލިބެން ހުރެ އެވެ. އަހަރެއްގެ މައްޗަށް 5000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް އައިޖީއެމްއެޗުން އެކަނި ވެސް ފަރުވާ ހޯދާއިރު އޭޑީކޭ އަދި ބައެއް އަމިއްލަ ކުލިނިކް ތަކުގައި ވެސް އެތައް ނަފްސާނީ ޑޮކްޓަރުންނެއް އަންނަނީ ފަރުވާދެމުންނެވެ.

ނަފްސާނީ ކޮންމެ ބައްޔެއް ރަނގަޅު ކުރުމަށް ކޮންމެހެން ބޭސްތަކެއް ބޭނުން ކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ތެރަޕީތަކާއި ކައުންސިލިން އަކީ އެކަމަށް ހައްލު ލިބޭ ގޮތްގޮތެވެ. އެފަދަ ޚިދުމަތްދޭ އެތައް ތަނެއް ވެސް ރާއްޖޭގައި އެބަހުއްޓެވެ.

އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ކޯޕަރޭޓިވް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު އިރާޝް ވިދާޅުވި ގޮތުގައި މާޔޫސްވުމާއި ނަފްސާނީ އެކިއެކި މައްސަލަތަކަށް ތަޖުރިބާކާރުން މެދުވެރިކޮށް ކައުންސިލިން ފަދަ ހިދުމަތްތައް އެކްލިނިކުން ލިބިގެންދާނެ ކަމަށެވެ.

"ހަމައެކަނި ނަފްސާނީ މައްސަލައެއް ނޫން، ކަމެއް ޑިސްކަސް ކުރަން ބޭނުން ނަމަވެސް ވަޑައިގަންނަވާ، ތަޖުރިބާކާރުންގެ ލަފާލިބޭނެ،" އިރާޝް ވިދާޅުވި އެވެ.

އީމާންތެރިކަން އިތުރުކުރޭ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)ގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވާ ގޮތުގައި ނަފްސާނީ ބައްޔަކީ އިސްލާމް ދީނުގެ ނަޒަރުގައި ވެސް ބައްޔަކަށްވާއިރު އެކަންކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެ އެވެ.

މާޔޫސްވުމާއި ނަފްސާނީ ބަލިން ސަލާމަތްވުމަށް ކީރިތި ރަސޫލާ ގިނަ އަދަދެއްގެ ދުއާތަކެއް ދަސްކޮށްދެއްވާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މާޔޫސްވުން ފަދަ ކަންކަމުން ސަލާމަތްވުމަށް އަގީދާ ވަރުގަދަ ކުރަންޖެހޭ. މިންވަރަށް އީންމާންވުމާއި އާހިރަތް ދުވަސް މަތިން ހަނދާން ކުރުމާއި ކީރިތި ގުރުއާން ކިޔެވުން ގިނަ ކުރުމަކީ ވެސް މުހިންމު ކަންކަން،" ޝަހީމް ވިދާޅުވި އެވެ.

ކޮންމެއަކަސް މާޔޫސް ވާއިރަށް އަތުންފައިން ގޯސް ހަދާކަށް ނުޖެހެ އެވެ. އީމާންތެރިކަން އިތުރުކޮށް އެކަންކަމާ ކުރިމަތިލާންވީ އެވެ. ނަފްސާނީ މައްސަލަތަކަކީ އެކަންކަމުން އެތައް ބަޔަކު ސަލާމަތްވެފައިވާ ކަންކަމެވެ. ހައްލު އެބައޮތެވެ. އިސްލާމީ ރިވެތި އަޚްލާގާއި އުސޫލުތަކަށް ތިމާގެ އުޅުމާއި އަމަލުތައް ފައްސާކުރާންވީ އެވެ. އޭރުން މިދުނިޔެ އެކަންޏެއް ނޫނެވެ. ދެދުނިޔޭގައި ވެސް، ކީރިތިﷲ ތިބާއަށް އުފަލާއި ހިތްހަމަޖެހުން މިންވަރު ކުރަށްވާނެތެވެ.

comment ކޮމެންޓް