ދިވެހި ފިލްމުތަކަށް ލިބޭ އާމްދަނީ ހާމަކުރަން ފަސްޖެހެނީ ކީއްވެ؟

މިފަހަކަށް އައިސް ރާޖޭގައި އުފައްދާފައިވާ އަދި މިހާރު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ބައެއް ފިލްމުތައް --

ރާއްޖޭގައި މީގެ އެތައް އަހަރެއް ކުރިންވެސް ފިލްމު އުފައްދަ އެވެ. ތަފާތު ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތަފާތު ޑައިރެކްޓަރުންގެ ފިލްމުތަކެވެ. ހެއްވާ މަޖާ، ލޯބީގެ، އެކްޝަން، އަދި އުފަލާއި ހިތާމަވެރި މަންޒަރުތައް ދައްކުވައިދޭ ފިލްމުތައް ވެސް އުފައްދައި އަދި މިހާރު ވެސް ދަނީ ޕްރޮޑިއުސްކުރަމުންނެވެ.

ފިލްމެއް އުފައްދާއިރު އެ ފިލްމަކަށް ހަރަދުވި ބަޖެޓް އާންމު ކުރަނީ ވަރަށް މަދުންނެވެ. ފިލްމު ހެދުމަށް ކިހާވަރެއްގެ ޚަރަދެއް ދިޔަތޯ ސުވާލުކޮށްފި ނަމަ، އެހިސާބުން މައްސަލަ ޖެހުނީ އެވެ. ބައެއް ޕްރޮޑިއުސަރު ބުނާނީ ބޮޑު ބަޖެޓަކާ އެކު ހަދާ ފިލްމެއް ކަމަށެވެ. ނުވަތަ ވަރަށް ކުޑަ ބަޖެޓަކުން ހަދާ މޮޅު ފިލްމެއްކަމަށެވެ. އެކަމަކު އެބުނާ "ބޮޑު ބަޖެޓް" ނުވަތަ "ކުޑަ ބަޖެޓް" އެއީ ކިހާވަރެއްކަމެއް އެއީ ބޮޑު ސިއްރެކެވެ. ފިލްމު އަޅުވައި ނިމޭއިރު ވެސް އެ ފިލްމަށް ދިޔަ ޚަރަދު އެއީ ހަމަ އެއްގޮތަކަށް ވެސް ހާމަކުރެވޭ އެއްޗަކަށް ނުވެ އެވެ.

ކުރީގެ ދިވެހި ފިލްމު "އަމާނާތް"ގެ ޕޯސްޓަރެއް ---

ހަމަ އެގޮތަށް ފިލްމެއް އެޅުވުމަށް ފަހު އެ ފިލްމަކުން ލިބޭ އާމްދަނީ ވެސް އާންމު ކުރާތަނެއް މިރާއްޖެ އަކުން މިވީހާތާކަށް ފެނިފައެއް ނެތެވެ. ރާއްޖެގައި ވެސް ފިލްމު ބަލާ އޯޑިއަންސެއް އޮވެ އެވެ. އޮލިމްޕަހަށް ފިލްމު ބަލަން ވަންނަ މީހުން ގިނަ އެވެ. ރަށްރަށުގައި ވެސް ފިލްމު ތައް އަޅުވަ އެވެ. އެއީ ރަށްރަށުގައި ވެސް ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތައް ވެސް އުޅޭތީ އެވެ. ފިލްމު އުފެއްދުމަށް ދިޔަ ޚަރަދާއި ފިލްމެއް އެޅުވުމަށް ފަހު އެ ފިލްމަކަށް ލިބޭ އާމްދަނީ ހާމަކުރުން އެއީ ދިވެހި ފިލްމީ ދާއިރާގައި މަނާކަމަކީ ހެއްޔެވެ.

ދުނިޔޭގައި އެންމެ ގިނައިން ފިލްމު އުފައްދާ ބޮލީވުޑް އަދި ހޮލީވުޑްގައި މިކަން އޮންނަނީ ރާއްޖޭގައި މިއޮންނަ ގޮތަކަށް ނޫނެވެ. ފިލްމެއް ދައްކައި ނިމުމުން ހަފްތާއެއްގައި ފިލްމަށް ލިބުނު އާމްދަނީ އާންމު ކުރެ އެވެ. އަދި މަހެއްގެ ތެރޭގައި އަޅުވާ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމު ހޮވައި އިއުލާން ކުރުން ވެސް އެއީ ބޭރުގެ ފިލްމު އިންޑަސްޓްރީތަކުގައި ފޯރީގައި ކުރަމުން އަންނަ ކަންކަމެވެ. ނަމަވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި މިއީ "ހުވަފެނެއްގައި ވެސް" ކުރާކަމެއް ނޫނެވެ. މިއީ ރާއްޖެއަށް ބަލާފައި ކުރުން އެންމެ ރަނގަޅުކަމަށް ނުވަނީބާވަ އެވެ.

"ހިމޭން ދުނިޔެ" އިން ޑައިރެކްޓަރެއްގެ ދަތުރު ފެށި ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ، ބޭރުގެ ފިލްމު އިންޑަސްޓްރީތަކުން ފިލްމުތަކަށް ލިބޭ އާމްދަނީ ލިބޭ މިންވަރު އާންމު ކުރާ ގޮތަށް ރާއްޖޭގައި ވެސް އާންމު ކުރުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަސްލު ވަރަށް ސަޅި ކަމެއް އެއީ. އޭރުން ފިލްމު ކާމިޔާބުވިކަން ވެސް އެނގޭނީ. ފިލްމު އުފައްދަން ހޭދަވި ބަޖެޓާއި ފިލްމަށް ލިބުނު އިންކަމް އަޅާކިޔަން ވާނެ. މިއީ ވަރަށް މުހިއްމު ކަމެއް،" މިހާތަނަށް ބެލުންތެރިންނާ ހަމައަށް 11 ފީޗާ ފިލްމު ގެނެސްދީފައިވާ ފައްތާހު ބުންޏެވެ.

ފިލްމް "ހައްދު" ގެ ކެލާ/އުތީމްގެ ކްރޫ: ފިލްމުގެ 20 ޕަސަންޓް ޝޫޓިން މިހާރު ވަނީ ނިންމާލާފައި---

ފައްތާހު ބުނީ ކުރިޔަށް އޮތްތާނގައި އާމްދަނީ އާ ބެހޭ ގޮތުން އޭނާއަށް ސުވާލުކޮށްފި ނަމަ ފިލްމަށް ލިބުން އާމްދަނީ އިއުލާން ކުރަން ފަސްނުޖެހޭނެ ކަމަށެވެ. އެގޮތުން މިހާރު ޝޫޓުކުރަމުން އަންނަ ފިލްމު، "ހައްދު"ގެ އާމްދަނީ އިއުލާން ކުރަން އޭނާ ތައްޔާރެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ކަންކަމުގައި ދުރުގައި ހުރުމަށް ފަހު އެނބުރި ފިލްމީ ދާއިރާއަށް އައި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ނަސީރު (މައްލާ ނާބެ)ގެ ވިންނުން މިކަމާ ގުޅޭ ގޮތުން ބަލާލަމާ ހިނގާށެވެ.

ނާބެ ވެސް ބުނަނީ ފިލްމުތަކަށް ލިބޭ އާމްދަނީ ހާމަކުރުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ފިލްމެއް ކާމިޔާވިކަން ނުވަތަ ނޫންކަން ވެސް އެނގޭނީ އޭރުން ކަމަށް ބުނަމުން ނާބެ ބުނީ ދެން ފަހަރަކުން އޭނަ ވެސް އާމްދަނީ ހާމަ ކުރާނެ ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ނަސީރު (މައްލާ ނާބެ) -- ސަން ފައިލް ފޮޓޯ

ނާބެ އެންމެ ފަހުން ޕްރޮޑިއުސްކޮށްފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު ރިލީޒް ކުރި "މަލިކާ" އެވެ. ފިލްމުގެ ގިނަ ޝޯތައް ފުލްވި އެވެ. މިހާރު އަތޮޅުތެރޭގައި ވެސް ފިލްމު ދައްކަ އެވެ.

ރާއްޖޭގައި ފިލްމުތަކަށް ލިބޭ އާމްދަނީ އިއުލާން ނުކުރާތީ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ބަހެއްވެސް ހޯދާލީމެވެ.

"ރާއްޖެ އަކީ ކުޑަތަނެއް. މިތާނގަ ނެތް ޑިސްޓްރިބިއުޓް ކުރާނެ ބަޔަކު. މާކެޓް ކުރާނެ ބަޔަކު ނެތް. ބޮކްސް އޮފީސް އިންނަންޏާ އެ ހިންގާނެ ބަޔަކު ވެސް އެބަ ޖެހޭ ތިބެން. އަނެއްކާ ފިލްމު އަޅުވާނެ ސިނަމާތައް ހުރުން ވަރަށް މުހިއްމު. މާލޭގައި ފިލްމު އަޅުވާރޭ އެހެން ރަށްރަށުގައި ވެސް ފިލްމު އެޅުވެންޏާ އާމްދަނީ އިނގޭނީ. އޭރުން ބުނެވޭނީ މިހާތަނަށް އައިރު މިވެނި ފިލްމަކަށް ލިބުނީ މިހާވަރެކޭ، އަސްލު އިއުލާން ކުރުން މުހިއްމު،" މިހާތަނަށް ސާޅީސް ނުވަ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އަމްޖޭގެ ވިސްނުން ހުރީ މިހެންނެވެ. އޭގެ އިތުރުން އަމްޖޭ ބުނީ، ކުރިޔަށް ހުރި ފިލްމުތަކުން ލިބޭ އާމްދަނީ ހާމަކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު ރިލީޒް ކުރި ފިލްމު، "ވިޝްކާ"ގެ ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ބުނީ، ދިވެހި ފިލްމުތަކަށް ލިބޭ އާމްދަނީ ހާމަކުރުމަކީ އޭނާގެ ނަޒަރުގައި މުހިއްމު ކަމެއް ނޫން ކަމަށެވެ.

" ބޭރުގެ ގައުމުތަކާ ރާއްޖެ ތަފާތު. ރާއްޖޭގެ ފިލްމެއް އަޅުވައިގެން ތިން މަސް ނޫނީ ހަތަރުމަސް ވާއިރުވެސް މުޅި ރާއްޖެ ކަވަރު ނުވޭ. އެއް އަހަރު ތެރޭގައި މުޅި ހުރިހާ ރަށެއްގައި ފިލްމު އަޅުވައިގެން ފިލްމު ދެއްކުނީމާ ނޭނގޭނެ ފިލްމަށް ލިބޭ އާމްދަނީ އެއް. މީގަ އެންމެ ބޮޑު މައްސަލަ އަކީ ސިނަމާތައް ނެތުން. ފިލްމު ބަލާ އޯޑިއަންސެއް އޮންނަންޏާ ސިނަމާތައް ހުންނަން ޖެހޭ. އެހެންވެ އަސްލު މިބުނީ އެއީ މުހިއްމު ކަމެއް ނޫނޭ،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ ބަތަލާ ރިޝްމީ ބުންޏެވެ.

ރާއްޖޭގައި ފިލްމެއް އުފައްދަން ކުރާ ޚަރަދާއި ފިލްމަށް ލިބޭ އާމްދަނީ ހާމަކުރުމާ ގުޅޭގޮތުން އެދާއިރާގެ އެކިއެކި ފަރާތްތަކުގެ ޚިޔާލަކީ މިއީ އެވެ. ބައެއް ފަރާތްތަކުން އާމްދަނީއާއި ބަޖެޓް ހާމަކުރަން ފަސްޖެހޭއިރު އަނެއްބަޔަކު ބުނަނީ އެއީ ހަމަކުރާން ޖެހޭ، އަދި ކުރުން ރަނގަޅު ކަމެއް ކަމަށެވެ.

ދިވެހި ފިލްމު "މީ ލޯތްބަކީ" ގެ ލީޑު ރޯލުން ފެނިގެންދާ އައްޒަ އާއި ޖުމައްޔިލް ---

ފިލްމެއް ތައްޔާރުކުރާން ފަށާފައި، މިއީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން އުފައްދާ ފިލްމެކޭ ބުނެ، އެއަށްކުރި ޚަރަދު ހާމަކުރާން ފަސްޖެހުމަކީ، އޭގައި ކޮންމެވެސް ވަރެއްގެ އޮޅުވާލުމެއް ގެންގުޅުން ކަމަށް ތުހުމަތު ކުރެވިދާނެ އެވެ. ފިލްމަށް ލިބޭ އާމްދަނީ ހާމަކުރުމުން، ފަހަރެއްގައި މުޅި މަސްދުވަހު ހައުސްފުލް ޝޯތަކެއް އަޅުވާ ކަމަށްބުނެ، ފިލްމުގެ ކާމިޔާބުކަން އަންގައިދޭން ކުރި މަސައްކަތް ފަޅާއެރުމުގެ ބިރު އޮތީކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ފިލްމުގެ އާންދަނީ ހާމަކޮށްފި ނަމަ، ޕްރޮޑިއުސަރަށް އޭނާގެ ފިލްމަށް ލިބޭ ތަރުހީބު ކުޑަވެދާނޭކަމުގެ ބިރު ހީވަނީކަމަށް ވެސް ވެދާނެ އެވެ.

ދިވެހި ފިލްމް މަލިކާގެ ޕްރިމިއާރ ނައިޓް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެންމެ ރަނގަޅު ގޮތަކީ، ފިލްމީ ދާއިރާގައި ކުރެވޭ މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ވެސް، ހާމަކުރަން ކެރުމެވެ. އޭރުން ވިޔަފާރީގައި ވާދަވެރިކަން އުފެދި، ފޯރި ގަދަވާނޭ ކަމަށް މިދާއިރާގެ ތަޖްރިބާކާރުން ގަބޫލުކުރެ އެވެ.

comment ކޮމެންޓް