ދެ ގަޑިއިރަށް ދެމިގެންދިޔަ މައިބަދައިގެ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި

އޭޑީކޭގައި ކުރިއަށް ގެންދިޔަ ސްޕައިން ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ މައިބަދައިގެ ސާޖަރީގެ މަންޒަރެއް--

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ސްޕައިން ކޮންފަރެންސްގެ ތެރެއިން މުޅި ދުނިޔެއަށް ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ދައްކަމުން ދިޔަ މައިބަދައިގެ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ ފެށި އެ ސްޕައިން ކޮންފަރެންސަކީ އޭޑީކޭ އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު ސިއްހީ ދާއިރާއިން އިލްމު އުނގެނުމާއި މައުލޫމާތު ފެތުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތެވެ.

އެ ކޮންފަރެންސާ އަދި މިއަދު ކުރިއަށްގެންދިޔަ ސާޖަރީއާ ގުޅޭގޮތުން އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މި ސާޖަރީއަކީ މި ސަރަހައްދުގައިވެސް ވަރަށް މަދުން ނޫނީ ނުކުރާ ސާޖަރީއެއްކަމަށާއި ރާއްޖޭގައި މިފަދަ ސާޖަރީއެއް ކުރިއަށް ގެންދިޔުމަކީ، އަދި ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ސިއްހީ ދާއިރާ ކުރިއަރަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

" މިއީ މި ސަރަހައްދުގައިވެސް ވަރަށް މަދުން ކުރާ ސާޖަރީއެއް. ނަމަވެސް ރާއްޖޭން މިވަނީ މީހެއްގެ ކަރުގެ މައިބައިދައިގެ ޑިސްކް މަސްނޫއީ ޑިސްކަކަށް ބަދަލުކޮށް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މިއީ ސިއްހީ ދާއިރާ ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް،" އައްފާލް ވިދާޅުވިއެވެ.

މީގެ ދެ އަހަރުކުރިން ސްޕައިން ސާޖަރީތައް ހަދަން ފަށައި ކާމިޔާބު އޮޕަރޭޝަންތަކެއް މިހާތަނަށް ކޮށްފައިވާ އޭޑީކޭގައި ހަދާ ސްޕައިން ސާޖަރީތަކުގެ ހިދުމަތްދޭ ގޮތާއި އެ މަސައްކަތްތައް އެ ކޮންފަރެންސްގައި އަންގައިދީފައިވެއެވެ.

އައްފާލް ވިދާޅުވީ، ގިނަ ބަޔަކު މި ސާޖަރީ ވަގުތުން ބެލުމުން ދޭހަކޮށްދެނީ ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއަށް އިތުބާރު ބޮޑުވެގެން ގޮސްފައިވާ މިންވަރު ކަަމަށާއި ކިޔަވާ ދަރިވަރުންނާއި ސިއްހީ ދާއިރާއަށް ޝައުގުވެރިވާ ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ގިނަ އެއްޗެހި ތަކެއް ދަސްވެގެންދާނެކަމަށެވެ.

ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ، އިންޑިއާ އަދި ނޭޕާލްގެ، ކައްޓާއި ނާރުގެ ހާއްސަ ސްޕެޝަލިސްޓުން ބައިވެރިވާ ކޮންފަރެންސްގައި ގާތްގަނޑަކަށް 75 އާއި 100 އާ ދެމެދުގެ އަދަދަކަށް ބައިވެރިން ތިބި ކަމަށާއި ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ މި ސާޖަރީ ކުރިއަށް ގެންދިޔައީ ސްޕައިން ސާޖަން ޑރ ރިޗަޑް ވޮންސް އާއި އޭޑީކޭގެ ނިއުރޯ ސަރަޖަން ޑރ. އަލީ ނިޔާފްގެ ބެލުމުގެ ދަށުން، ގާބިލް ޑޮކްޓަރުންގެ ޓީމަކުން ކަމަށް އައްފާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ސާޖަރީ ކުރިއަށް އޮތްތަނުގައިވެސް އޭޑީކޭއިން ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ތަފާތު ކަންތައްތައް، ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ކާމިޔާބުކަމާ އެކު ސާޖަރީކޮށް މައިބަދައިގެ ޑިސްކެއް ބަދަލުކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ދިވެހި ޕޭޝެންޓެއްގެއެވެ.

އައްފާލް ވިދާޅުވީ، ޑިސްކް ބަދަލުކުރި ބަލިމީހާގެ ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރިކަވާރ ވާނެ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ ސާޖަރީ ހަދަމުންދިޔައިރު ގައުމީ ޔުނިވާސިޓީ އާއި އޭޑީކޭގައި ހުންނަ ސްކޫލް އޮފް ހެލްތު ސައިންސްގައި އެ ސާޖަރީ ވަނީ ލައިވްކޮށްފައެވެ. ސާޖަރީގެ ހުރިހާ ކަމެއް ކްލާސްރޫމަށް ފެންނާނެ ގޮތް ހަދާފައިވާއިރު ކްލާސްރޫމުގައި ތިބޭ ދަރިވަރުންނަށް އޮޕަރޭޝަން ކުރާ ސާޖަނުންނާ ސުވާލުކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ ސާޖަރީއެއް ލައިވްކޮށް ދުރަށް ދެއްކި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް