ފޮނަދޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ފެނަކަ

ލ. ފޮނަދޫ

ލ. ފޮނަދޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަލީ ވިދާޅުވެއްޖެއެވެ.

ޝަރީފް "ސަން" އަށް މިރޭ ވިދާޅުވީ ފޮނަދޫ ކަރަންޓުގެ މައްސަލަ "ސްޓެއިބަލައިޒް ކުރުމަށްޓަކައި" ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިދިޔަ ބުދަ ދުވަހުން ފެށިގެން އޭނާ ހުރީ ލ. އަތޮޅުގައި ކަމަށާއި އެ ދުވަހުން ފެށިގެން މިރެއާ ހަމައަށް ފޮނަދޫން ކަރަންޓު ކެނޑިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުގައި ބޭނުންކުރަމުން އަންނަ ޖަނެރޭޓަރުތަކުގެ ތެރެއިން 350 ކިލޯ ވޮޓްގެ ޖަނެރޭޓަރުގެ ވޯޓާ ޕަންޕު ހަލާކުވެފައިވާތީ ރާއްޖެއިން ބޭރުން އާ ޕަންޕެއް މިހާރު ގެނެސްފައިވާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ފޮނަދޫއަށް އެ ޕަންޕު ގެންދެވޭނެ ކަމަށެވެ.

އެ ޖަނެރޭޓަރުގައި މައްސަލަ ޖެހުނަސް ރަށަށް ކަރަންޓު ދެވޭވަރުގެ ފުލް ކެޕޭސިޓީ އިންޖީނުގޭގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށަށް އިތުރު ޖަނެރޭޓަރެއް ގަތުމަށްޓަކައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ސެކްޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެން ގަންނާނީ އެއް މެގަވޮޓުގެ ޖަނެރޭޓަރެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ފޮނަދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެ އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ފޮނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ފައިސަލް މިރޭ "ސަން" އަށް ވިދާޅުވީ އާންމުކޮށް ކޮންމެ ހޮނިހިރު ދުވަހެއްގައި ނޯޓިސް ދިނުމަށްފަހު ވަކި ވަގުތަކަށް ކަރަންޓު ކަނޑާ ކަމަށެވެ. އިންޖީނުގެއިން ނެރެފައިވާ ނޯޓިސްތަކުގައިވާގޮތުން ކަރަންޓު ކަނޑާލަނީ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްޓަކައެވެ. ބައެއް ހޮނިހިރު ދުވަހު 3:00 އިން 6:00 އަށް ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލައެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާންފެށީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށާއި އެކަމާ ގުޅިގެން ކައުންސިިލުން ފެނަކަ ކޯޕަރޭޝަނަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުން ތިން ސަރަހައްދެއްގައި ޓްރާންސްފޯމަރުތަކެއް ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އަދި ގުޅައި ބޭނުންކުރަން ނުފަށާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލައިގެ ސަބަބުން ބައެއް ގެތަކުގެ ޓީވީތައް ހަލާކުވެ، އެއާކޮންޑިޝަންތަކުގައި މައްސަލަ ޖެހިފައިވާ ކަމުގެ ޝަކުވަތަކެއް ކައުންސިލަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އާންމުކޮށް ނޯޓިސް މިދެނީ ހޮނިހިރު ދުވަހު ކަރަންޓު ކަނޑާނެ ކަމަށް. އެކަމަކު ބައެއް ފަހަރު ހުކުރު ދުވަހު ވެސް ކުއްލިއަކަށް ކަރަންޓު ކެނޑިދާނެ." ފައިސަލް ވިދާޅުވިއެވެ.

comment ކޮމެންޓް