ކްލަބު މޯލްޑިވްސް ކަޕްގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ސިފައިންގެ ކްލަބުން ޓީމް ނަންބާސް ބަލިކުރިއިރު ޕޮލިސް ކުލަބާ އަވަ އެފްޓީ ކުޅުން މެޗު އެއްވަރުވެއްޖެއެވެ.
މިރޭ 8:00ގައި ކުޅުނު މި ދެ މެޗުގެ ތެރެއިން ސިފައިންގެ ކްލަބުން ޓީމް ނަންބާސް ބަލިކުރީ 12-2ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ސިފައިންގެ ކުލަބަށް މި މެޗުގައި އައިމިނަތު ޒާހިޔާ ތިން ލަނޑު ކާމިޔާބުކޮށްދިން އިރު އައިމިނަތު ފަޒްލާ ވަނީ ޖެހިޖެހިގެން ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މަރިޔަމް ރިފާ އެޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު ޕިމްޕިލާއި ޗޮކާއީ އާ ޝަފާ ސިއުތު މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
ސިފައިންގެ ކުލަބު ވަނީ އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ.
ޕޮލިސް ކުލަބާއި އަވަ އެފްޓީ ބައްދަލުކުރި މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.
ޕޮލިސް ކުލަބުގެ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝުހާނާ އަހުމަދެވެ. އަދި އަވަ އެފްޓީގެ ދެ ލަނޑު ޖަހއިދިނީ ބިދޭސީ ކުޅުންތެރިއާ ފޮޒިލޯވާއެވެ.
މި ނަތީޖާއާއެކު ޕޮލިސް ކުލަބްވަނީ މި މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެ އަދި އެއް މެޗުން މޮޅުވެފައެވެ. އަވައެފްޓީ ދެ މެޗު ކުޅުނުއިރު އެއްމެޗުން އެއްވަރުވެ އަނެއް މެޗު ވަނީ ކާމިޔާބުކޮށްފައެވެ.