ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދެނީ

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފު ކޮށްދޭ ގޮތަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފި އެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެއީ ޖޫރިމަނާ މައާފު ކުރުމުގައި މިހާރު އަމަލު ކުރަމުންދާ އާއްމު އުސޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދެވޭ ޚާއްސަ އިނާޔަތެކެވެ. އަދި އެ ފުރުސަތަކީ އެފަދަ ފަރާތްތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް އެނބުރި އައުމަށް ޓަކައި އެހީތެރިވެދިނުމުގެ ގޮތުން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ދެވޭ ފުރުސަތެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

އެ އުސޫލުގެ ދަށުން މައާފު ކުރަނީ، އަހަރަކު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން، ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) އާ ގުޅިގެން، މިދިޔަ މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތަކެވެ.

އެ ފަދަ ފަރާތްތަކުން އެކަމަށް އެދި MIRA910 ފޯމު ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީ އަށް ހުށަހެޅުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެ އެވެ.

ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން މި އަހަރުގެ ތެރޭގައި މީރާއިން ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ. އޭގެތެރޭގައި އަމިއްލަ ފަރުދުން އަދި ޑީމްޑް ޕާރޓްނަރޝިޕްތަކުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމުގައި ބަލާ އާމްދަނީގެ ޝަރުތު، އެވްރެޖްކޮށް މަހަކަށް 40,000 ރުފިޔާއަށް އިތުރު ކުރުމާއި، އެ ފަދަ ފަރާތްތަކުން އަހަރެއްގެ ތެރޭގައި އެއް މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭނަމަ ނުވަތަ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާ އަށްވުރެ އިތުރު ނުވާ ނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.

އޭގެ އިތުރުން އަހަރެއްގެ ތެރޭގައި 10 މިލިއަން ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް، ހިސާބުތައް ބެލެހެއްޓުމުގައި "ކޭޝް ބޭސިސް" އިޚުތިޔާރު ކުރުމުގެ ފުރުސަތު ދިނުމާއި، އެ އޮތޯރިޓީއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހުން ފަދަ ލުއިތައް ވެސް ވަނީ ދީފަ އެވެ.

comment ކޮމެންޓް