މޯލްޑިވިއަން: ޚިދުމަތުގައި 17 އަހަރު، ފްރެކުއެންސީ އިތުރު ކުރަނީ

ދިވެހިންގެ ފަޚުރުވެރި ދިވެހި ގައުމީ އެއާލައިނަށް މިއަދު 17 އަހަރު ފުރޭއިރު މި މުއްދަތުގައި އެ ކުންފުނިން ރާއްޖޭގެ އިގްތިޞާދީ ކުރިއެރުމުގައި އަދާ ކުރި އަދި އަދާކުރަމުންދާ ދައުރު ވަރަށް ވެސް ބޮޑެވެ. ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެ "ވައިގެ ބްރިޖަކުން" ގުޅައިލި ގުޅައިލުން ވެގެން ދިޔައީ ދިވެހި ވިޔަފާރިވެރީންނަށް ލިބުނު ވިޔަފާރީގެ ފެހި ސިގްނަލަކަށެވެ.

ދެހާސް ވަނަ އަހަރު އުފެދިގެން އައި އެ އެއާލައިނަށް ފުރަތަމަ ނަން ދިނީ އެ އެއާލައިނުގެ ބެލެނިވެރި ކުންފުނި، "އައިލޭންޑް އޭވިއޭޝަން"ގެ ނަމުންނެވެ. އޭރު ފްލީޓުގައި އޮތީ "ބޮމްބާޑިއާ ޑޭޝް 8 ކިއު200"ގެ ބޯޓަކާއި ޑޯނިއާ 228 މަރުކާރުގެ ބޯޓަކާއެކު ޖުމްލަ ދެ ބޯޓެވެ. އޭރު ދަތުރު ކުރީ ހަމައެކަނި އަތޮޅުތަކުގައި ހެދިފައި އޮތް ފަސް އެއާޕޯޓަށެވެ. އޭރު ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މޯލްޑިވިއަންގެ ބޯޓެއް --- ސަން ފައިލް ފޮޓޯ

އައިލެންޑް އޭވިއޭޝަން އެއާލައިނުގެ ނަމުގައި އޭރު އޮތް އެ އެއާލައިނުން ކުރި ފުރަތަމަ ބައިނަލްއަގުވާމީ ދަތުރު ކުރީ އިންޑިއާގެ ތިރުވަނަންތަޕުރަމަށެވެ. އެއީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއަށް ފަހު އެ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު އެއާލައިން ރަސްމީކޮށް "މޯލްޑިވިއަން"ގެ ނަމަށް ރިބްރޭންޑް ކުރި އެވެ.

އެއާލައިނުގެ ދަތުރުތައް 2000 ވަނަ އަހަރު ފަށައިގަތް އިރު އެކުންފުނީގެ ފްލީޓުގައި އޮތީ އެންމެ ދެ ބޯޓު ކަމަށްވީ އެއާލައިނަށް 17 އަހަރު ފުރުނު އިރު މިހާރު އެކުންފުނީގެ ފްލީޓުގައި ޖުމްލަ 21 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް މަރުކާގެ 200 ސީޓާއި، 152 ސީޓުގެ ދެ ބޯޓު ހިމެނެ އެވެ. އަދި ޑޭޝް 8-200 މަރުކާރުގެ ދެ ބޯޓާއި، ޑޭޝް 8-300 މަރުކާރުގެ ހަތް ބޯޓު ހިމެނެ އެވެ.

ރާއްޖޭގެ އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ދިވެހީން އުފުލުމުގައި ހަރަކާތްތެރިވަމުން އައިސް އެކުންފުނިން މިހާރު ވަނީ ސީޕްލޭނުގެ ޚިދުމަތް ވެސް ފަށައިފަ އެވެ. އެ އެއާލައިނުގެ ސީޕްލޭނު ފްލީޓުގައި ޑީސީއެޗް-6 މަރުކާރުގެ 10 ބޯޓު އޮވެ އެވެ.

މޯލްޑިވިއަންގެސީޕްލޭން-- ފޮޓޯ: މޯލްޑިވިއަން

"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އައިލެންޑް އޭވިއޭޝަން އުފެދިގެން އައި އިރު އެންމެ ފުރަތަމަ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި ކުންފުނި އަދިވެސް ހިނގަމުން ދަނީ އެމަނިކުފާނު އެކުލަވާލި ބިޒްނަސް ޕްލޭނުގެ ދަށުން ކަމަށެވެ.

ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކުންފުނީގެ ފްލީޓު ގިނަކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އެ އެއާލައިން މެދުވެރިކޮށް ފަތުރުވެރިން ގެނައުމަށް ޓަކައި އެކި ގައުމުތަކަށް ދަތުރު ފަށައި މިހާރު ރާއްޖޭގެ އެތެރޭގައި ވެސް ފަތުރުވެރިންގެ ޓްރާންސްފާ ކަންކަން ކުރަމުން ދަނީ އެ އެއާލައިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އެމަނިކުފާނު އެޅުއްވި ބިންގަލުގެ މައްޗަށް އަޅުގަނޑުމެން ކުންފުނި ހިންގަމުން މިދަނީ. ރައީސްގެ ވިސްނުމެއް ދުނިޔޭގެ އެކި ހިސާބުތަކަށް އުދުހެން އެއީ. އިތުރު ބޯޓު ފަހަރު ގެނެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާ ކުރަން އެމަނިކުފާނު ނިންމެވި،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ލަގްޒަރީ ސީޕްލޭން-- ފޮޓޯ: މޯލްޑިވިއަން

ހާރިސް ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައި އިތުރު އެއާޕޯޓުތަކެއް ހެދި، އެ އެއާޕޯޓުތައް ޑައިވާސިފިކޭޝަންގެ ދަށުން ހިންގުމަށް ލިބެން ފެށުމުން ކުންފުނީގެ ހިންގުން ފަސޭހަވެ، ދަތުރުތަކަށް ހަލުވިކަމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އެބަ ކުރަން އެއާބަސް ދަތުރުތައް. ޗައިނާގެ ހަ ސިޓީއަކަށް އެބަ އުދުހެން. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ގުޅުން އެފަދަ ގައުމުތަކާ ބަދަހިވެ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި އެބަދޭ. އެމަންޒަރު އެބަ ފެނޭ. މީގެ ސަބަބުން ގައުމަށް ވަންނަ ބޭރު ފައިސާ އެބަ އިތުރުވޭ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ----- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ދިވެހި ގައުމީ އެއާލައިނެއް އޮތުމަކީ ގައުމަށް ވަރަށް މުހިއްމު ކަމެކެވެ. އަދި އޭގެ ފައިދާ ރާއްޖެއަށް ވަރަށް ފުރިހަމަކަމާ އެކު ކުރަމުން އަންނަ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ އެއާލައިނުގެ ސަބަބުން ވަޒީފާގެ ފުރުސަތު ތަނަވަސްވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން އެކުންފުނީގެ މުވައްޒަފުންގެ އަދަދު ހުރީ 400ގައި ކަމަށާއި ނަމަވެސް މިހާރު އެކުންފުނީގައި 1000 އެއްހާ މުވައްޒަފުން އެބަތިބި ކަމަށެވެ.

"ސީ ޕްލޭންގެ ޚިދުމަތް މިވަނީ މީގެ ދެ އަހަރު ކުރިން ފެށިފައި. އަޅުގަނޑުމެން ވިސްނާފައި އޮތީ ފަތުރުވެރިންގެ އިތުރުން ދިވެހީންނަށް ވެސް ހުޅުވާލައިގެން ސީ ޕްލޭން އޮޕަރޭޝަންތައް ކުރިއަށް ގެންދަން. ދިވެހިންނަށް ދަތުރު ކުރެވޭނެ ގޮތަށް ހަދަން ނިންމާފައި އޮތީ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ކައިރީ އެ ކުންފުނީގެ މުވައްޒަފުން: އައިލެންޑް އޭވިއޭޝަނުން މިއަހަރު ވަނީ މުވައްޒަފުންނަށް ބޯނަސްދޭން ނިންމާފައި

ސަރުކާރުގެ ހިއްސާ އޮންނަ އެ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހާރިސް ވިދާޅުވީ އެކުންފުންޏަށް ލިބޭ އެންމެ ބޮޑު ފަޚުރަކީ އެ އެއާލައިނުގެ ފްލީޓުގައި ބޭނުން ކުރާ ބޯޓުތަކުގެ އިންޖިނޭރުންނާއި ޕައިލަޓުން ތަމްރީން ކުރުމަށް އެކުންފުނިން ހިންގާ ޕްރޮގްރާމްތަކެވެ. އެ ޕްރޮގްރާމްތަކުގެ ދަށުން އެތައް ބަޔަކު ވަނީ މިހާރު ތަމްރީން ކުރެވިފަ އެވެ.

"ތަމްރީން ލިބިފައިތިބި މުވައްޒަފުން ނުލިބޭ ކަމަކީ ކުންފުންޏަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން. އެހެންވެ އަޅުގަނޑުމެންގެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން މިދަނީ އޭވިއޭޝަން ދާއިރާގެ އެކި ފީލްޑްތަކުން ތަމްރީން ދެމުން. އެގޮތުން ދިވެހި އިންޖިނޭރުންނާއި ޓެކްނީޝަނުން އަދި ޕައިލަޓުން ތަމްރީން ކުރަމުން މިދަނީ،" ހާރިސް ވިދާޅުވި އެވެ.

މިއަހަރުގެ ތަސައްވަރު ކިޔައިދެމުން ހާރިސް ވިދާޅުވީ، މިއަހަރު ބޮޑަށް ފޯކަސްކޮށްފައިވަނީ ކެޕޭސިޓީ އިތުރުކޮށް އެއާލައިނުގެ އުދުހުންތައް އިފެކްޓިވްކޮށް ދިވެހިންނާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މި އަހަރުގެ ތެރޭގައި، އެ އެއާލައިނުން އުދުހޭ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ފްރެކުއެންސީ އިތުރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން އުފެދުނު އިރު އެކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން ----- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވިއަންގެ ބައިނަލް އަގުވާމީ މަންޒިލްތައް:

  1. ބެންކޮކް
  2. ޗަންގްޝާ
  3. ޗެންޑޫ
  4. ޗެންނާއީ
  5. ޗޮންކިންގް
  6. ކޮލޮމްބޯ
  7. ޑާކާ
  8. ނަންޖިންގް
  9. ޓްރިވެންޑްރަމް
  10. ވުހާން
  11. ޒިއާން

މި މަންޒިލްތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކަށް ވެސް މޯލްޑިވިއަނުން ދަތުރު ކުރެ އެވެ.

ހާރިސް ވިދާޅުވި ގޮތުގައި، ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ޖުމްލަ ތިން ބޯޓު ގެންނަން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ސީ ޕްލޭނުގެ ފްލީޓަށް މިމަހުގެ ފަހު ކޮޅުގައި އިތުރު ބޯޓެއް ގެނެސް، މި އަހަރުގެ ފަހު ކޮޅުގައި 50 ގޮނޑީގެ ޑޭޝް 8 މަރުކާގެ ދެ ބޯޓު ގެންނަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފައިލް ފޮޓޯ

"ޑޭޝް 8ގެ ފުރަތަމަ ބޯޓު ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެންނާނެ. އަނެއް ބޯޓު ނޮވެމްބަރު މަހުގެ ތެރޭގައި ގެންނާނެ. އަދި ސީ ޕްލޭނުގެ އާ ބޯޓު މިމަހުގެ ފަހު ކޮޅުގައި ގެންނާނެ،" ހާރިސް ވިދާޅުވި އެވެ.

އެކުންފުންޏަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު އެކުންފުނީގެ ހެޑް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ގައުމީ ދިދައާ އެކު ކުންފުނީގެ ދިދަ ނަގައި ކޭކެއް ވަނީ ފަޅައިފަ އެވެ. އަދި އެކުންފުނީގެ ހުރިހާ ބްރާންޗެއްގައި ވެސް ކޭކު ފަޅަން ހަމަޖައްސާފައިވާ ކަމަށް ހާރިސް ހާމަކުރެއްވި އެވެ.

comment ކޮމެންޓް