ތިން ޕޮއިންޓަށް ނުކުތް ޓީސީއާއި ވިކްޓަރީ ވެސް މެޗު ނިންމާލީ ޕޮއިންޓަކާއެކު

މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޓީސީ އަތުން އެއްވަރުވެ، ވިކްޓަރީއަށް ކުރިއަށްދިއުމަށް އުނދަގޫތަކެއް ކުރިމަތިވެ އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގައުމީ ދަނޑުގައި ބުދަ ދުވަހުގެރޭ ވިކްޓަރީއާއި ޓީސީ ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެޓީމުގެ ކޯޗުންވެސް މެޗުގެ މުހިއްމުކަމާމެދު ވާހަކަދައްކާފައިވާއިރު ދެ ޓީމުންވެސް ނުކުތީ ތިން ޕޮއިންޓް ހޯދައިގެން ދަނޑުން ފޭބުމަށެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގައި ޓީސީ އަދި ވިކްޓަރީއަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މެޗު ފަށައިގެން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޓީސީއަށެވެ. ނަމަވެސް ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ޓީސީގެ އީސާ އަލް މަގްރަބީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ޓީސީގެ ޕެނަލްޓީ ބޭކަރުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވިކްޓަރީން ވަނީ ފުރަތަމަ ހާފުގައި ލިބުނު އެންމެ ފަހި ފުރުސަތުގައި ލަނޑެއް ކާމިޔާބުކޮށް ޓީސީން ކުރަމުންދިޔަ އުންމީދުތަކަށް ހުރަސްއަޅައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެރިޗް އަންދްރޭޗްއެވެ. އޭނާއަށް މި ފުރުސަތު ފަހިކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒެވެ.

ވިކްޓަރީއަށް ޓީސީ ހާސްކަންމަތީ ބޭއްވުނީ މަދު ވަގުތުކޮޅަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ފުލުފުލުގައި އުފެއްދި ދެވަނަ ހަމަލާއިން ޓީސީ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އެންމެ ފުރަތަމަ ޓީސީގެ ހަސަން ނާއިޒް(ދާދު) ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު އަތުގައި ޖެހިފައި ބޭރަށް ދިޔައިރު އެ ބޯޅައިން ލިބުނު ކޯނަރުން ޓީސީގެ މުހައްމަދު ސާމިރު ހުރަސްކޮށްދިން ބޯޅަ ދާދު ވަނީ ބޯލުން ފޮނުވާލައި، ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފަށް ބަލާއިރު ދެވަނަ ހާފު ފެށިގެން ރަަނގަޅަށް ކުޅުނީ ޓީސީއިންނެވެ. ނަމަވެސް މި ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ޓީސީއަށް ނުހިފުމުން ލީޑު ނެގީ އަނެއްކާވެސް ވިކްޓަރީންނެވެ. މި ގޯލްވެސް ކާމިޔާބުކޮށްދިނީ ކެރިޗްއެވެ. ވިކްޓަރީން ކާމިޔާބުކުރި ގޯލާއެކު އެޓީމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސްކޮށްގެން ކުޅެމުންނެވެ. އަދި ކޮންމެވެސް ވަރަކަށް މެޗު ލަސްކުރަން މަސައްކަތް ކުރިތަންވެސް ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިފައިވެއެވެ.

ވިކްޓަރީ ލީޑުގައި އޮވެގެން މެޗުގެ ބޮޑުބައި ކުރިއަށްދިޔައިރު ޓީސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 84 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީގެ އިބްރާހިމް މަހުދީއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ރިލްވާން ވަހީދު (ރިލޭ) ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް ކޯނެލިއަސްއެވެ.

މި ނަތީޖާއާއެކު ޓީސީއަށް މާލޭ ލީގުގެ ތާވަލުން ލިބެނީ ދެވަނަ މަގާމެވެ. އެޓީމުން ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފައެވެ. އަދި ވިކްޓަރީއަށް ލިބިފައިވަނީ ދެ ޕޮއިންޓާއެކު ތާވަލުގެ ހަވަނައެވެ.

comment ކޮމެންޓް