ވާހަކަދެއްކުމުގެ މުބާރާތުގެ އެއްވަނަ ކަލާފާން، އަރަބިއްޔާ، ސީއެޗްއެސްއީ އަދި އެމްއެންޔޫއަށް

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ މަތީ ތައުލީމުގެ ބައިން އެއްވަނަ ހޯދި އެމްއެންޔޫގެ ދަރިވަރުންނަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތުގެ އެއް ވަނަ ކަލާފާން ސްކޫލް، އަރަބިއްޔާ ސްކޫލް، ސީއެޗްއެސްއީ އަދި ގައުމީ ޔުނިވާސިޓީން ހޯދައިފިއެވެ.

މިއަހަރު ބޭއްވި ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ އަދަބިއްޔާތަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދީބު، އިބްރާހިމް ޝިހާބްގެ ނަންފުޅުގައި ބޭއްވި ފުރަތަމަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ 13 އަހަރުންދަށުގެ އެއްވަނަ ހޯދި ކަލާފާން ސްކޫލުގެ ދަރިވަރުންނަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ފެށި މިއަހަރުގެ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ރާއްޖޭގެ 20 ސްކޫލަކާއި ޔުނިވާސިޓީ އަދި ކޮލެޖަކުން ޖުމްލަ 299 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ ޔުނިވާސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އަށް ދިޔަ ސްކޫލްތަކަށާއި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުބާރާތުގެ އެއް ވަނަ ހޯދި ސްކޫލްތައް:

  • 13 އަހަރުން ދަށް: ކަލާފާން ސްކޫލް
  • 13 އަހަރާއި 16 އަހަރާ ދެމެދު: އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
  • 16 އަހަރާއި 21 އަހަރާ ދެމެދު: ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)
  • މަތީ ތައުލީމުގެ ބައި: ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)

މުބާރާތުގެ އެއްވަނަ އަށް ހޮވުނު ދަރިވަރުން:

  • 13 އަހަރުން ދަށް: ޖަމާލުއްދީން ސްކޫލުން މަރިޔަމް ލީމް އަބޫބަކުރު
  • 13 އަހަރާއި 16 އަހަރާ ދެމެދު: ކަލާފާން ސްކޫލުން މަރިޔަމް ސައިފާ ރަޝީދު
  • 16 އަހަރާއި 21 އަހަރާ ދެމެދު: ސީއެޗްއެސްސީގެ އާއިޝަތު މަލްހާ
  • މަތީ ތައުލީމުގެ ބައި: އެމްއެންޔޫއިން އަލީ އަމީރު

ރޭގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ކޮންމެ ސްކޫލަކުން އެންމެ މޮޅު ވާހަކަދެއްކުންތެރިޔާ އަށާއި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ވާހަކަދެއްކުންތެރިންނަށް ވަނަ ދީފައިވެ އެވެ. އަދި އެސްއެމްއެސްކޮށް ވޯޓު ދީގެން ބޭއްވި މުބާރާތުގައި އެންމެ ގިނަ ވޯޓު ލިބުނު ވާހަކަދެއްކުންތެރިންނަށް ވެސް ވަނީ ވަނަ ދީފައެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދި ސީއެޗްއެސްއީ ސްކޫލުގެ ދަރިވަރުންނަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންގެ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ގޮތް ހެދުމަށް މިއަހަރުގެ މުބާރާތައް ވެސް ދިވެހި ބަހުގެ އެކެޑަމީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެވެ.

ފައްސިޔަ ބުރުގައި، މިއަހަރު މުބާރާތުގެ ބައިވެރިންނަށް އެ ބައިވެރިއެއްގެ އުމުރުފުރާއަށް ދިވެހި ބަހުގެ އެކެޑެމީ އިން ދޭ މައުޟޫތަކަށް ވާހަކަދައްކާނެ އެވެ. އަދި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅަށް ވާހަކަދައްކައިގެން އެންމެ މަތިން މާކުސް ލިބުނު 10 ދަރިވަރުން ދަތުރުކުރާނީ އަރުތަ ބުރަށެވެ.

ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަރުތަ ބުރުގައި ވާހަކަދައްކާ ދަރިވަރުން ވެސް ވާހަކަދައްކާނީ ބައިވެރިއެއްގެ އުމުރުފުރައަށް އެކެޑެމީ އިން ދޭ ދޭ މައުޟޫއެއްގެ މައްޗަށެވެ. ނަމަވެސް މައުޟޫ ދޭނީ ބައިވެރިއަކު ވާހަކަދައްކަން އެރުމުންނެވެ.

ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރީންތަކެއް އުފެއްދުމާއި ތަފާތު މައިދާންތަކުގައި ދިވެހި ބަހުން ފަސޭހަކާމާ އެކު ވާހަކަދެއްކުމުގެ ހުނަރާއި ގާބިލިއްޔަތު ހުރި ވާހަކަދެންކުންތެރީން އުފެންދުމަށް ބާއްވަމުން އަންނަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ 1985 އަހަރުން ފެށިގެން މިއަދާ ހަމައަށް ގައުމީ ފެންވަރުގައި މެދު ނުކެނޑި ބާއްވަމުން އަންނަ މުބާރާތެކެވެ.

ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް