"އަލްހަސަނުލް ބަސަރީ ރަހިމަހުﷲ ވިދާޅުވިއެވެ. "ތިބާ ހުނުން ގިނަ ނުކުރާށެވެ. ފަހެ ހަމަކަށަވަރުން ހުނުން ގިނަކުރުމުން ހިތް މަރައިލައެވެ."

ބައެއް މީހުން ބުނާގޮތުން ގިނައިން ހުނުމުން ހިތްހަމަޖެހުން ގެނެސްދޭނެއެވެ. މީސްތަކުން ހެއްވަން މަޖާ ފިލްމުތަކާއި ކާޓޫނުތައް އަދި ޝޯތައްވެސް ހަދައެވެ. ވާހަކަތައް ލިޔެހަދައެވެ. އެކަމަކު މާ ގިނައިން ހުނުމުން ހިތްގާވެ ހަރުވާކަމީ ހަގީގަތެކެވެ. ކޮންމެ ކަމެއް ބަހައްޓަންވާނީ މެދުމިނުގައެވެ.

***

ފޮނުވި މެސެޖަށް ރައްދެއް ދިނުމެއް ނެތި ވަގުތުން ހުޝަލް ފޮނުވީ މާޒިމް އާއި އުރުޖުވާން އެކީގައި ނަގާފައި ހުރި ފޮޓޯއެކެވެ. މެހެކް ގެ ލޯ ތަތް ވެފައިވީ އުރުޖުވާން އަށެވެ. އެ ހިނދު ހުޝަލް އާއި ދެކެވުނު ވާހަކަ އަށް ވެސް ސަމާލުކަމެއް ނެތެވެ. މެހެކް އަށް އުރުޖުވާންގެ ލޯބި މޫނުން މެހެކް ގެ އަމިއްލަ ސޫރަ ފެންނަ ފަދައެވެ. ގާތް ކަމެއް އެ ބެލުމުގައިވިއެވެ. އަދި ކަރުނުން އެ ލޯ ފުރުނެވެ.

***

ފަނޑު އަލިކަމުގެ ތެރޭގައިވީ އަރާމު އަދި ހީފިލުވާފަދަ ހޫނެކެވެ. ނިދިފައި އޮތް މާޒިމް ގެ މޫނު މަތީން ފެންނަމުންދިޔައީ ހިތްހަމަޖެހުމެވެ. ހިތް ހެޔޮކަމެވެ. ނިދީގެ ހަމަހިމޭންކަމުގައި އެ މޫނުގެ ސިފަތައް އިތުރަށް މަޑު ވެފައި ސާފެވެ. އެ މޫނުގެ ހުރިހާ ސިފައަކާއި ބައްޓަމެއް ދިރާސާކުރަމުން ދިޔަ އުރުޖުވާންގެ އިނގިލިތަކުން މަޑުމައިތިރި ބީހިލުމަކާއެކު މާޒިމް ގެ ނިތުމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅު ދުރުކޮށްލިއެވެ. އެ ނިދީގެ އަރާމުގައި އޮތް މާޒިމް ގެ ހަމަޖެހުން ނަގާނުލުމަށް އެހާ ފަރުވާ ބަހައްޓައިގެންނެވެ. އުރުޖުވާން ގެ ލޯ އުޖާލާވެގެން ދިޔުމާއެކު ހިތް ތައުރީފުން ފުރުނެވެ. އެ ހިނދުކޮޅުގައި ނޭނގި ނަމަވެސް އެ ހިތް ބުނަމުން ދިޔައީ އެއްވެސް ޝަރުތަކާއި ނުލާ މާޒިމް އަށް ހިތް ހަދިޔާ ކުރެވިފައިވާކަމެވެ. ޝުކުރުން އެ ހިތް ފުރުނީ މާތް ﷲ އަށް ދުލުން ޙަމްދުކުރެވެމުންނެވެ. އެ ވަގުތު މާޒިމް ކުޑަކޮށް ހަރަކާތްކޮށްލުމުން ވަގުތުން އަނގަމަތީ އަތް އެޅުނެވެ.

" އީކް.....ވަޓް އިފް.....އަވަހަށް ދަތް އުނގުޅަން ދާންވީ..." އުރުޖުވާން އަވަސް ވެގަތީ މީހާ ތާޒާ ވެލުމަށެވެ. މާޒިމް ހޭލުމުގެ ކުރީން ނަލަ ހެދިލަން އުރުޖުވާން ބޭނުންވިއެވެ. ހަމަގައިމުވެސް ހެނދުނު މޫނު ދޮވެ ދަތް އުނގުޅައިގެން ނޫނީ މާޒިމް އާއި ކުރިމަތިލާކަށް އޭނައަކަށް ނުކެރޭނެއެވެ. ނޫނީ ލަދުން މަރުވެސް ވެދާނެކަމުގެ އިހުސާސްކުރެވުނެވެ.

ފާޚާނާއަށް ވަދެ މޫނު ދޮވެލުމަށްފަހު ނިކުމެ އިސްތަށިގަނޑުގައި ފުނާ އަޅާ ރީތިވެލިއެވެ. އަދި ދަބަހުގައި އޮތް ޗުއިންގަމް ނަގައި ހަފާލައި އަވަސް ވެގަތީ އަނެއްކާވެސް އެނދުގައި އޮށޯތުމަށެވެ. އެނދުގައިއޮތް ބަރު ރަޖާގަނޑު ނަގައި އޮށޯންނަން ދިމާ ކުރި އިރު ފަހަތުން ބޮޑު ހިޔަންޏެއް އެޅުނުހެން ހީވިއެވެ. ފަހަތް ބަލައިލިއިރު އެއްވެސް މީހެއް ނެތުމުން އަވަސް ވެގަތީ އެނދުގައި އޮށޯތުމަށެވެ. އެވަގުތު އެނދުގައި މާޒިމް ނެތް ކަން ފާހަނގަ ވިއެވެ. ކޮޓަރީގެ އަލި މަޑު ވެފައި ވުމުން ހިޔަންޏެއްގެ ހިލަން ވާކަމުގެ އިހުސާސް ކުރެވުނެވެ.

"ބޫ...." ފަހަތުގައި ހުރި މާޒިމް އުރުޖުވާން ގެ ލޯ މަތީގައި އަތް އެޅިއެވެ. އުރުޖުވާން އަށް ހަޅޭއްލަވައިގަނެވުމުން އަނގަމަތީ އަތް އަޅާލައި ލޯ މަތިން އަތް ނެގިއެވެ. ލަދުވެތިކަމާއެކު ހައިރާންވިލެއް ބޮޑުކަމުން އެސްފިޔަޖަހައިލަންވެސް ނޭގުނެވެ.

މާޒިމް ގެ ހޭވިފައި އޮތް އިސްތަށިގަނޑާއި، ނިދީގެ އަސަރުތައް އެކުލެވޭ އިޝްގީ ލޯ އުރުޖުވާންގެ ހިތް އެފުށް މިފުށަށް ޖެހިއެވެ. ލާނެތް ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.

" ގުޑް މޯނިން....ބިއުޓިފުލް..."މާޒިމް ގެ އަޑު ބަރުވެފައި ލާނެތްކަމެއް ހުއްޓެވެ. ދުވަހަކުވެސް އެގޮތަށް އެހެންމީހަކަށް މާޒިމް ފެނިފައި ނުވާނެއެވެ. އެފަދަ ބެލުމެއްގައި އެފަދަ ރާގެއްގައި ވާހަކަ ދައްކާފައެއް ނެތެވެ. މިހުރިހައި ކަމެއްވެސް ޚާއްސަ ކުރެވުނީ ހަމަ އުރުޖުވާންއަށެވެ.

"މްމްމްމް" އުރުޖުވާން އަނގަމަތި އަތް އެޅިފައިވީ ނަމަވެސް ވާހަކަ ދައްކަން މަސައްކަތް ކޮށް ބޯޖަހައިލީ ލޮލުގެ އެސްފިޔަވެސް ޖެހުމެއް ނެތިއެވެ. ހީނުކުރާފަދަ ކަންތައް މާޒިމް ކޮށްލާ ގޮތުން ހަމަ ހައިރާންކުރުވަނީއެވެ.

" ބްރެކްފާސްޓް އަށް ރެޑީ ވާން ހިނގާ...." މާޒިމް ގެ އަތް އުރުޖުވާން ގެ އަނގަމަތިން ނަގައިލި ތުންފަތުގައި ބީހިލަމުންނެވެ. ހިނދުކޮޅަކަށް އުރުޖުވާން އަށް ބަލައިލުމަށްފަހު ހިނގައިގަތީ ފޮށި ތެރެއިން ހެދުން ނަގައި އެނދުމަތީ ބާއްވާލުމަށެވެ.

" އަދި މިތާ ކައިރި އިންނާނެ މޯލް އެއް....ހެދުން ގަނެލަން ދާނީ ދޯ..." މާޒިމް ދުވަހުގެ ތާވަލް ރާވައިލިއެވެ.

"ކޮންފަރެންސް؟" ހިނދުކޮޅެއް ހުއްޓިފައި ހުރެވުނު ނަމަވެސް އުރުޖުވާން އަވަސް އަވަހަށް އަހައިލިއެވެ.

" އަޅެ އުރޫޖް ބަލާލަބަ.....މިހާރު ތިއީ މައި ޕާސަނަލް އެސިސްޓެންޓް އެއްނު......"މާޒިމް އަނެއްކާ ވެސް ވަރަށް ލާނެތް ގޮތެއްގައި ބުނެލީ އެއް ލޯ މަރާލަމުންނެވެ. އުރުޖުވާން ލަދުން މަރުވާވަރުވިއެވެ. މާޒިމް އަމިއްލަ ލެޕްޓޮޕް ދިއްކޮށްލައި ޕާސްވޯޑް ވެސް ބުނެލަދީފައި މެއިލް ތައް ޗެކް ކޮށްލުމަށް އެދުނެވެ. އުރުޖުވާން ވެސް ވަރަށް ކިޔަމަންތެރިކަމާއެކު މެއިލް ތައް ހުޅުވާ ބަލައިލަން އިނީ މާޒިމް ފެންވަރާލަން ދިޔުމުންނެވެ.

***

" ތިބުނީ.....އަހަންނަކީ.....އިންސާނެއްގެ...ދަރިއެކޭތަ؟" އުވެއިސްއަށް އުދަގުލުން ސުވާލުކުރެވުނެވެ. އެއީ އޭނާއަށް ކުރިން އިވިފައިވީ ވާހަކައެއް ނޫނެވެ. ރޮތްސްޗައިލްޑްގެ ލޮލުގައި ރުޅިވެރިކަން އުތުރިއެރިއެވެ. އަދި އުވެއިސް ގެ ގަޔާއި ދިމާލަށް އެއްލާލެވުނީ ކެކި ކެކި ހުރި އަލިފާންބޯޅައެކެވެ. ނަމަވެސް އެ އަލިފާންގަނޑު ނިވާލީ އައި ބާރުގަދަ ވައި ރޯޅިއަކުންނެވެ.

" ޑޭޑް....." އުވެއިސް ގެ ހިމާޔަތައް އައީ އީވޯން އެވެ. ލޯބިވާ ދަރިފުޅު ފެނުމުން ރޮތްސްޗައިލްޑްގެ ރުޅިގަނޑު މަޑުވާ އަތަށް އެޅިއެވެ. ނަމަވެސް އެ ވަގުތު އީވޯން އާއި ކުރިމަތިލައި ވާހަކަ ދެއްކުމުގެ ޝައުގެއް ނެތުމުން އަވަހަށް ލޯމައްޗަށް ޣައިބުވިއެވެ. އީވޯން އަވަސް ވެގަތީ އެ ގިނަހިލައިން އުވެއިސް ސަލާމަތް ކުރުމަށެވެ. ގައިގެ ބާރު ދެރަވެފައި އޮތް އުވެއިސްގެ ހޭވެރިކަން ގެއްލެމުން ދިޔައެވެ. އޭރު އީވޯން ގެ މޫނު ފުސްކޮށް ނަމަވެސް އޭނާއަށް ފެނުނެވެ. އުވެއިސް އޮތް ހާލު ފެނި އީވޯންއަށް ރޮވުނެވެ. ޅަ އިރުއްސުރެ އުވެއިސް ދެކެ ލޯބިވެވުނު އިރު އަބަދުވެސް ރޮތްސްޗައިލްޑް ގެ ނުރުހުމާއި ހިތްހަމަނުޖެހުން އުވެއިސް އާއި މެދު ވާކަމީ އިވޯންވެސް ދަންނަ ހަގީގަތެކެވެ. ނަމަވެސް އީވޯން ގެ އެދުމަށް ރޮތްސްޗައިލްޑް އެއްބަސްވީ އީވޯން އަމިއްލަ ނަފްސުވެސް ގުރުބާންކުރަން ފަސްނުޖެހޭނެކަން ޔަގީންވާތީއެވެ.

"ދޭ މިތަނުން....އަހަރެން ބޭނުމެއްނޫން އެހީ އެއް....." އުވެއިސް އެފަދަ ހާލަތެއްގައި ވެސް އީވޯން ގެ އެހީ އާއި ގާތް ކަމެއް ބޭނުމެއް ނުވިއެވެ. ނަމަވެސް އުވެއިސް ގެ ކުކުރުމަށް ސަމާލުކަމެއް ދިނުމެއް ނެތި އީވޯން އަވަސްވެގަތީ އުވެއިސް އާއި އެކު ހަމަޖެހޭ އަމާން މާހައުލަކަށް ދިޔުމަށެވެ.

" މިބުނީނު ދޫކުރާށޭ...." އީވޯން އުދުއްސައިގަންނަން އުޅުމުން އީވޯން ދުރުކޮށްލީ ގައިގައި ހުރި ބާރެއް ލުމަށް ފަހުއެވެ.

" އުވެއިސް.....ޕްލީޒް....އައި ޖަސްޓް ވޯންޓް ޓު ހެލްޕް..." އީވޯން ގެ އަޑު ތުރުތުރުލާގޮތްވިއެވެ.

" ހަހް. މި ހުރިހައި ކަމެއް ވީ ވެސް ކަލެޔާ ހެދި....ޖަސްޓް ލީވް މީ އެލޯން...." އުވެއިސް ވޭނީ ހިނިގަނޑެއް ޖަހާލިއިރު އެރާގުގައި އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނެތެވެ. އެއާއެކު އީވޯން ގެ ލޯ މަތީން ގެއްލިދިޔައެވެ. އުވެއިސް ގެ ފަހަތުން ދާން ބޭނުންވިޔަސް އީވޯން ފަސް އެނބުރުނީ އެއީ އެއްވެސް މާނައެއް ނެތް ކަމެއް ކަން އެނގި ހުރެއެވެ.

އުވެއިސް އައްޔަށްވުރެ ބާރު ދުވެއްޔެއްގައި ދަތުރުކުރީ މާޒްވިލާއަށެވެ. ދޮރު މަތީގައި ހުރީ މުޝްރިކާގެ ހިޔަންޏެވެ.

"މަޑު ކުރޭ....." މުޝްރިކާގެ އަޑު ގުގުމާލިއެވެ. އެ އަމުރަށް ސަމާލުކަމެއް ނުދީ ދާން އުޅުމުން އޭނާ އުވައިސްގެ ކަރުގައި ހިފާލީ އިންސާނެއްނަމަ އެ މުށުތެރޭގައި ޗިސްވެ ފުރާނަ ހަށިން ނިކުމެގެން ދާހާ ބާރަށެވެ. އުވެއިސް ގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކވެ. މުޝްރިކާގެ އަތަށް ލެވިފައިވާ ބާރު ދޫވާންފެށިއެވެ. އަދި ލޮލުން ހިތާމައިގެ އަސަރު ފެނުނެވެ.

"ކިހިނެއްވީ؟މަންމަ މަރާލި ގޮތަށް މަވެސް މަރާލަންވީނު. ކޮންކަމަކާ ފަސްޖެހެނީ؟" މުޝްރިކާގެ މޫނާއި މޫނު ޖެހޭ ހާ ގާތްވެލަމުން އޭނަ ބުނެލިއެވެ. މުޝްރިކާގެ ލޯ އުވެއިސް އާއި ވަކި ކުރުވިއިރު އެލޮލުން ޖެހިލުންވުން ފެނުނެވެ. އަދި ފަސް އެނބުރުނެވެ. ރޮތްސްޗައިލްޑް ހަގީގަތް ހާމަކޮށްފިކަން އެނގުނެވެ. މުޝްރިކާގެ ޖަވާބެއް ނައުމުން އުވެއިސް ގެ މިސްރާބު ހުރީ އެތެރެއަށް ވަނުމަށެވެ.

" އަހަރެންގެ ލޯބިން ހެލްގާ ސަލާމަތެއް ނުކުރެވުނު ނަމަވެސް....." މުޝްރިކާގެ އަޑު މަޑުމައިތިރިވިއެވެ.

" ސަލާމަތެއް ނުކުރެވުނެއްނު. އަހަރެންވެސް އަހަރެންގެ ހަށްޓަށް ދޫކޮށްލާ...." އުވެއިސްގެ އަޑު ތުރުތުރުލިއެވެ. ހަނދާނަށް ގެނެވުނީ ހެލްގާ ގެ ރުއިމުގެ އަޑެވެ.

" ދަރިޔާ....ތި ކުޅެވެނީ އަލިފާނާ....." މުޝްރިކާ ނަސޭހަތްތެރިވާން މަސައްކަތް ކުރި ނަމަވެސް އުވެއިސް ލޯމަތިން ގެއްލުނެވެ. ދިޔަ ތަނެއް ހޯދުމަށްދާނެ ހިތްވަރެއް މުޝްރިކާގެ ނެތެވެ.

މަދީނާ ފުން ނިންޖަކަށް ގެއްލިފައި އޮތްވާ ގަޔަށް ވައި އެޅުނު ހެން ހީވެ ތެދުވެވުނެވެ. އެނދުގައި އެއްވެސް މީހަކު ނެތަސް ސޯފާގައި ނިދާލާފައި އޮތް ކެނާން ފެނުނެވެ. ގައިގާ ކޮށްޓާލައި ހޭލައްވައިލުމުން ކެނާން ސިހިފައި ތެދުވެ ވަގުތުން ބަލައިލީ ގަޑިއަށެވެ. ނަމާދު ވަގުތު ފާއިތުވިކަން އެނގުމުން އަވަސްވެގަތީ ނަމާދުކުރުމަށެވެ.

މަދީނާ ބެލްކަނީގެ ދޮރުފޮތި ކަހައިލާ ބޭރުގެ މަންޒަރު ބަލައިލީ ރޭގައި އިހުސާސް ކުރެވުނު ކަނަތައް ހަނދާންވެފައެވެ. އަދި ގައިން ހީބިހި ނަގއިދިޔައެވެ. ހަމަ ގައިމުވެސް ރޭ ލޯގަނޑުން ފެނުނީ އަންހެނެއް ގެ ސިފައެވެ. އަދި އުވެއިސް ގެ އުޅުންވެސް ރޭގައި ތަފާތެވެ. ކަމަކަށް ބިރުން އުޅުނު ހެން ހީވިއެވެ. އުވެއިސް އާއި ދެން ދިމާވާނެ އިރަކަށް އިންތިޒާރުކުރެވި ގައިގައި ހުރި ހީބިހިފިލުވަން އަތުގައި ފިރުމާލެވުނެވެ. އަދި ދޮރު ހުޅުވާލަން އުޅުމުން ދޮރު ބޭރުން ތަޅު އެޅުވިފައި ހުރި ކަން އެނގުނެވެ. ނަމަވެސް އިރުކޮޅަކުން އެ ތަޅު އަމިއްލަ އަށް ހުޅުވޭތަން މަދީނާއަށް ފެނި ފަހަތައް ފިޔަވަޅުތަކެއް އެޅުނެވެ. ދޮރު ހުޅުވާލެވުމާއެކު ހެނދުނުގެ ތާޒާ ވައި މުޅި ކޮޓަރިތެރެއަށް ވަދެގެތެވެ. މަދީނާ ގެ ހިތަށް ބިރުވެރިކަން ވަދެ ފަސް އެނބުރި ބަލައިލެވުނެވެ. ސިހިގެން ދިޔައީ އުވެއިސް ގެ މޫނުފެނިފައެވެ.

"ބުނީމެއްނު ވަރަށް އަވަހަށް އަންނާނަމޭ..." އުވެއިސް ހިނިތުންވެލަމުން ބުނެލިއެވެ. މަދީނާ ހުއްޓުން އެރި ހިނދުކޮޅަކަށްފަހު އިސްދަށަށްޖެހިއެވެ. އުވެއިސް އެނދުގައި އިށީދެފައި އަތުން އިޝާރާތްކޮށްލިއެވެ. އެއްވެސް ވާހަކަ އެއް ދެއްކުމެއް ނެތި ކިޔަމަންތެރިކަމާއެކު މަދީނާ އިށީނެވެ. ބިރުން ހުއްޓަސް އުވެއިސް ގެ ހުރިހާ ކަމެއް އެނގެން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

" އަހަރެންމީ....މަދީނާގެ ޚިޔާލުތަކު ތެރޭ އުޅޭ މީހެއް ނޫން....އިންސާނެއްވެސް ނޫން.....ޖިންނި އެއް...." މަދީނާގެ ގައިން ހީބިހި ނަގައިގަތެވެ. ހިތް ބާރަށް ތެޅެން ފެށިއެވެ. ގުޑިލަން ވެސް ނުކެރިފައިއިނީ އުވެއިސް އެ ހާމަކުރި ވާހަކައިންނެވެ. އުވެއިސްގެ ދުލުން އިވުމުން ހިތުގައި އޮތް ޝައްކު ފިލައިދިޔައީ ކަން މަދީނާއަށް ޔަގިންވީއެވެ.

"އަހަރެން މަދީނާ އާއި ހަވާލު ކުރީ މަދީނާ މި ދުނިޔެއަށް އުފަން ވީއްސުރެން....އަހަރެން ނޫނީ މަދީނާ ރަނގަޅަށް ދަންނާނެ މީހެއް މި ދުނިޔެ އަކު ނުހުންނާނެ. ހުރިހައި އުފަލެއް....ދެރައެއް....ރުޅިއެއް....ހިތާމައެއް....އަހަރެން ދެކެފިން.....އަދި މަދީނާ ދެކެ ލޯބި ވެސް ވެވިއްޖެ...." އުވެއިސް ގެ ހިތް ބަންޑުންކުރިއެވެ. މަދީނާ ގެ ލޯ ވީ ޝަކުވާ އިން ފުނި ޖެހިފައެވެ. މަދީނާގެ ހާލު އުވެއިސް އަށް ރަނގަޅަށް އެނގޭ ހިނދު އެހާ އަނިޔާ ދިނީ ކީއްވެބާއޭ ހިތް ސުވާލުކުރިއެވެ.

"އަނިޔާ ދިނީ އަހަރެން ބޭނުންވެގެންނެއް ނޫން....އެއީ މަޖްބޫރެއް. އެއީ މަދީނާގެ ކުށެއް ވެސް ނޫން...." އުވެއިސް އަށް ހަކީމުގެ ނަން ގަންނަން އުނދަގޫވިއެވެ.

"ދެން ކާކު؟" މަދީނާ އަށް ސުވާލުކުރެވުނެވެ. އަދި އެވަގުތު ކެނާން ދޮރު ހުޅުވާލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު