ޗައިނާގެ ވޫޝީގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއާއި ޒީސްތު ނަސީމްގެ ޕެއާ ކިރްގިސްތާނުގެ ޕެއާ ބަލިކޮށްފިއެވެ.
އެ މުބާރާތުގައި ކިރްގިސްތާން ޕެއާ އަތުން މިއަދު ރާއްޖޭގެ ރަފާ އަދި ޒީސްތުގެ ޕެއާ މޮޅުވެފައިވަނީ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ކުޅުނު މެޗުންނެވެ.
ކިރްގިސްތާންގެ ޕެއާއާ ދެކޮޅަށް ކުޅުނު މިކްސް ޑަބަލްސް މެޗުގައި މޮޅު ކުޅުމަކާއެކު ރާއްޖޭގެ ރަފާ އަދި ޒީސްތު މޮޅުފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ގޭމުންނެވެ.
ރަފާ އަދި ޒީސްތުއަކީ މިއަހަރު ރާއްޖޭގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި ޕެއާއެވެ. އޭގެ އިތުރުން އެ މުބާރާތުގައި ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީސްތު ހޯދިއިރު، ރަފާއަކީ އަންހެން ބައިގެ ޗެމްޕިއަނެވެ.
އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ އިއްޔެ ޓީމު އިވެންޓުގައި ވެސް ވާދަކޮށްފައެވެ. ފިރިހެނުންގެ ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމު ކަޒަކިސްތާނު އަތުން ސީދާ ތިން ގޭމުން ބަލިވިއިރު، އެކުވެރި އަރަބި އިމާރާތް އަދި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެ ބަލިވީ ވާދަވެރި ކުޅުމަކަށްފަހުއެވެ. އެ ދެ މެޗުން ވެސް ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ.
އެ މުބާރާތުގެ އަންހެނުންގެ ޓީމު އިވެންޓުގައި ރާއްޖޭ ޓީމު ވަނީ ކުޅުނު ހަތަރު މެޗުން ބަލިވެފައެވެ. ފުރަތަމަ ތިން މެޗުގައި އިންޑިއާއާއި، އުޒްބަކިސްތާން އަދި ސްރީ ލަންކާ އަތުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ގޭމުންނެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ލުބްނާން އަތުން ރާއްޖެ ބަލިވެފައިވަނީ 3-2 ގޭމުންނެވެ.
މިއަހަރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހޯދާ ނަތީޖާ ރަނގަޅުވެއްޖެނަމަ، އަންނަ އަހަރު ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ. އެ މުބާރާތުން ޖާގަ ލިބޭނީ މިއަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ރޭންކިންއަށް ބެލުމަށްފަހުއެވެ.