ޝުޖާއު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް މަގާމުން ވަކިކޮށްފި

އިބްރާހީމް ހަނީފް: އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުން އޭނާ މިއަދު ވަނީ ވަކިކޮށްފައި ---

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވަނީ ހަނީފް މަގާމުން ވަކި ކުރައްވާފައިކަމަށެވެ.

ހަނީފް ހައްޔަރުކޮށްފައިވަނީ، އޭޕްރީލް ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ހަނީފްގެ ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ ފަސް ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 10 ދުވަސް ވަނީ ކުރިމިނަލް ކޯޓުން ޖަހައިދީފައެވެ.

ހަނީފަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަރިސް ބޭފުޅެކެވެ. ދާދިފަހުން ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެންފައެވެ.

ފަނޑިޔާރު ޝުޖާއު އާއި ހަނީފަކީ ވެސް ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ޝުޖާއުއަށް ހަމަލާދޭން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޝުޖާއު އަކީ އައްޑޫ ސިޓީގެ މީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރެކެވެ. ޝުޖާއު އަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ހައި ސެކިއުރިޓީގައި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ވަނީ މާލެ ގެނެސްފައެވެ.

ޝުޖާއުއަށް ހަމަލާދިނުމާ ގުޅޭގޮތުން އައްޑޫ ބަހުރުވައިން ދެ މީހަކު ވާހަކައްދާ އޯޑިއޯއެއްވެސް މީގެ ކުރީން ވަނީ ލީކުވެފައެވެ.

comment ކޮމެންޓް