ވޮލީ އެސޯސިއޭޝަންގެ ދެ ކޮމިޝަނަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނޮވެމްބަރު 3، 2016: ގައުމީ ވޮލީބޯލް ލީގު ފެށުމުގެ ގޮތުން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ކްލަބްތަކަށް ގެނެސްފައިވާ ބިދޭސީ ފިރިހެން ކުޅުންތެރީންގެ ޓީމު ބައްދަލުކުރި ޚާއްސަ މެޗުންގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޮލީބޯލް އެސޯސިއޭޝަންގެ އާ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ، އެ އިދާރާގެ ކޯޗާސް ކޮމިޝަނާއި ރެފްރީޒް ކޮމިޝަނަށް ކުރި މަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ދެ ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރުން އޮންނާނީ މި މަހު 20 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އެ ދެ ކޮމިޝަނަށް ކުރިމަތިލާން ބޭނުންވާ މީހުން އެކަމަށް އެދޭ ފޯމާ އެކު މި މަހު 18 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން އެ އިދާރާއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެ މަގާމަށް މީހުން ހޮވުމަށް ވޯޓް ލެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ އިދާރާގައި ރަޖިސްޓްރީވެފައިވާ ކޯޗުންނާއި ރެފްރީންނަށެވެ. އަދި މިއަދުން ފެށިގެން މި މަހު 18 ވަނަ ދުވަހާ ހަމައަށް ކޯޗުންނާއި ރެފްރީން ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

މި އަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަންގެ ކޮންގްރެސްގައި ވަނީ އެ އިދާރާގައި ކުރިން ހުރި ބައެއް ކޮމިޝަންތަކަށް ބަދަލު ގެނެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އިންތިހާބުވި ހިންގާ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފަ އެވެ.

comment ކޮމެންޓް