ލަންޑަން (އެޕްރީލް 11) : މިދިޔަ އަހަރު އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރީ ޗައިނާއިން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މިޖަމްއިއްޔާއިން ބުނިގޮތުގައި ޗައިނާއިން މިދިޔައަހަރު މަދުވެގެން 1023 މީހަކަށް މަރުގެ އަދަބު ދީފައިވާކަން ކަށަވަރުވާ ކަމަށާއި ނަމަވެސް ޗައިނާ އިން މަރުގެ އަދަބު ދިންމީހުންގެ ހަގީގީ އަދަދު އެގައުމުން ހާމަނުކުރާ ކަމުގަ އެވެ. ޗައިނާގައި މަރުގެ އަދަބު ދޭމީހުންގެ އަދަދު އިތުރުވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގެ އާބާދީ ބޮޑުވުންވެސް ހިމެނެެ އެވެ.
ޗައިނާ އިން މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން ސާބިތުވެގެން މަރުގެ އަދަބު ދިން މީހުންކަމަށްވެ އެވެ. މަރުގެ އަދަބު ދޭމީހުންގެ ސްޓްޓިސްޓިކްސް އަކީ ޗައިނާގައި ސިއްރުކުރާ މައުލޫމާތެކެވެ. ޗައިނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން ކޯޓަށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބުދޭ ގާނޫނެއް އޮންނަ ގައުމެކެވެ.
މީގެ އިތުރުން ހައްގަކާނުލައި މީހުން މަރާމީހުންނަށާއި ތަންތަނުގައި ބޮންގޮއްވުން ފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގާކަން ސާބިތުވާ ފަރާތްތަކަށް ވެސް މަރުގެ އަދަބުދޭ ގާނޫނެއް ޗައިނާގައި އޮވެ އެވެ. ޗައިނާގެ އިތުރުން އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައޫދީ އަރަބިޔާ އީރާން، އިރާގު، ޕާކިސްތާން މިސްރު އަދި އެމެރިކާ އެވެ. މިދިޔަ އަހަރު 55 ގައުމެއްގައި ތިންހާސް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި އޭގެތެރެއިން ދޮޅުހާހެއްހާ މީހުންނަށް މަރުގެ އަދަބު ދީފައިވެ އެވެ.
އެމެރިކާ އިން މިދިޔައަހަރު މަރުގެ އަދަބު ދީފައި ވަނީ 20 މީހުންނަށެވެ. މިއީ 1991 ވަނަ އަހަރަށް ފަހު އެމެރިކާގައި މަރުގެ އަދަބު ދިން މީހުންގެ އަދަދު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެމެރިކާގައި އަހަރެއްގެ މައްޗަށް 50 އާއި 100 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް މަރުގެ އަދަބު ދީފައިވެ އެވެ.
އެމެރިކާގައި މަރުގެ އަދަބު ދިންމީހުންގެ އަދަދު މަދުވީ އެންމެ ގިނައިން މިއަދަބު ތަންފީޒުކުރާ އެމެރިކާގެ ދެ ސްޓޭޓް ކަމަށްވާ ޓެކްސަސް އާއި ޖޯޖިޔާ ގައި މަރުގެ އަދަބު ތަންފީޒުކުރުން މިދިޔައަހަރު ހުއްޓާލުމުންނެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މަރުގެ އަދަބު ތަންފީޒުކުރުމަށް ވަރަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
އެހެންކަމުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ މައި ސަރުކާރުން މަރުގެ އަދަބު ދޭ މީހުންގެ އަދަދު އިތުރުވާނެކަމަށް އެމްނެސްޓީން ދެކެ އެވެ. އެމްނެސްޓީ އަކީ އެއްވެސް ހާލަތެއްގައި މީހުންނަށް މަރުގެ އަދަބު ދިނުމާ ދެކޮޅަށް ވަކާލާތުކުރާ ޖަމްއިއްޔާއެކެވެ. ނަމަވެސް ގަސްދުގައި މީހުން މަރާމީހުންނަށް މަރުގެ އަދަބު ނުދިނުމަކީ މަރާލެވޭ މީހާގެ ހައްގު ގައި ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް މިއަދަބު ދިފާއުކުރާ ފަރާތްތަކުން ބުނެ އެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން 55 ގައުމަކުން މަރުގެ އަދަބު ތަންފީޒުކުރެ އެވެ. (ރޮއިޓާސް)