ރައުދާގެ މަރު ރަނގަޅަށް ތަހުގީގު ކުރަން ބަންގާޅު ކޯޓުން އަމުރުކޮށްފި

ރައުދާ އާތިފް --

ބަންގްލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލަ ފުރިހަމައަށް، ރަނގަޅަށް ކުރިއަށް ގެންދިއުމަށް ބަންގްލަދޭޝްގެ ފުލުހުންގެ މައްޗަށް އެގައުމުގެ ރާޖްޝަހީ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން އެގޮތަށް އަމުރުކުރީ، ރައުދާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ރައުދާ އަމިއްލައަށް މަރުވީކަމަށް ފެންނާނެ ކަހަލަ ގޮތަކަށް ކަމަށް ބުނެ ރައުދާގެ އާއިލާގެ ފަރާތުން ބައްޕަ ޑރ. މުހައްމަދު އާތިފް ރާޖްޝަހީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ޑރ. އާތިފް މިއަދު "ސަން"އަށް ވިދާޅުވީ ރާޖްޝާހީގެ ފުލުހުން ރައުދާގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށުމުގެ ކުރިންނާއި އަދި މިހާރު ތަހުގީގު ކުރިއަށް ގެންދަނީ އެއީ އަމިއްލައަށް މީހަކު މަރުވިކަމުގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް ރައުދާގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކާއި އެހެނިހެން ބައެއް ކަންކަމަށް ބަލާއިރު އެއީ އެފަދަ މައްސަލައެއް ނޫންކަން ވަރަށް ޔަގީންކަމަށް ޑރ. އާތިފް ވިދާޅުވިއެވެ.

"އަޅުގަނޑު ރައުދާގެ ހަށިގަނޑު ބެލީ ބައްޕަގެ ހައިސިއްޔަތުން ނޫން. އެކަމުގެ އިލްމު އެނގިހުރި މީހެއްގެ ގޮތުގައި. މެޑިކަލް ސްޓޫޑެންޓުންނަށް ފެނުނު ނަމަވެސް އެނގޭނެ އެއީ މީހަކު ކަރުގައި ހިފާފައި ހުރި ނިޝާންތަކެއްކަން. ސްކާފެއް ކަރުގައި އޮޅައިގެން މަރުވާ މީހެއްގެ ކަރުގައި އެފަދަ ނިޝާންތަނެއް ނުހުންނާނެ،" ޑރ. އާތިފް "ސަން"އަށް ވިދާޅުވިއެވެ.

ޑރ. އާތިފް ވިދާޅުވީ ތަހުގީގު ރަނގަޅަށް ނުނިމެނީސް ބަންގްލަދޭޝް ފުލުހުން ރައުދާގެ މައްސަލައަކީ އަމިއްލައަށް މަރުވި މައްސަލައެއްގެ ގޮތުގައި މީޑިއާއަށް ބަޔާން ދީ ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހި ފުލުހުން މިދިޔަ ހަފްތާގައި ރައުދާ އާތިފްގެ ފޯނު ހުޅުވައިގެން ބެލި އިރު، ރައުދާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ޖެހިފައިވާކަން އެނގޭ ފަދަ ކޮންވަޒޭޝަންތަކެއް ފެނިފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް، ރައުދާ އަމިއްލައަށް މަރުވީކަމަށް ދައްކަން ފުލުހުން ވަރަށް ބޮޑަށް އުޅޭކަމަށް ބައްޕަ ޑރ. އާތިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޯޓުގައި އުފެއްދި ސުވާލަކީ، ކީއްވެގެންތޯއޭ ރައުދާ އަމިއްލައަށް މަރުވި މީހެއްގެ ގޮތުގައި ދެއްކުމަށް ފުލުހުން މަސައްކަތް ކުރަނީ. އަޅުގަނޑުމެން އެދިފައިވާނީ މި މައްސަލަ ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް،" ޑރ. އާތިފް ވިދާޅުވިއެވެ.

ރައުދާގެ ރަހުމަތްތެރިޔާ ސީރަތު ޕަރުވީން މުހައްމަދާއި ރައުދާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، ސީރަތު ރައުދާއަށް ސްލީޕިންގް ޕިލްސް ދިނުމަށް މަސައްކަތް ކުރިކަން އެނގެން އޮތް އިރު، ދެމީހުންގެ ދެމެދު މައްސަލަ ޖެހުނުކަން، ސީރަތުގެ ފޯނުން ފެނުނު ބައެއް މައުލޫމާތުން ވެސް އެނގެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރަތުގެ މައްޗަށް ދައުވާ ކުރުމަށް އެދިފައި ނުވާނެ ކަމަށް ރައުދާގެ ބައްޕަ ވިދާޅުވިއެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ބުނެފައިވާނެ ކަމަށް ރައުދާގެ ބައްޕަ ވިދާޅުވިއެވެ.

ޑރ. އާތިފް ވިދާޅުވީ އެ މައްސަލައިގައި، ރައުދާގެ އާއިލާއިން ކޯޓުގައި އެދުނު ގޮތަށް، ފުލުހުން ރަނގަޅަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށެވެ.

ރައުދާގެ އާއިލާ މިހާރު އެނބުރި ރާއްޖެ އައިސްފައިވާ އިރު، ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ހުރީ ބަންގާޅުގައެވެ.

comment ކޮމެންޓް