މޯލްޑީވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް އިންތިހާބުގައި، އެ އިދާރާގެ ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް މިހާރުގެ ރައީސް މުހައްމަދު ޝަވީދު އިއުލާނު ކުރައްވައިފިއެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ވާދަކުރައްވާނޭކަން ޝަވީދު އިއުލާނުކުރެއްވީ، އިއްޔެ ބޭއްވި އެ ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައެވެ. އެމޯސީގެ ރައީސް ކަމަށް ޝަވީދު އިންތިހާބުވީ 2013 ވަނަ އަހަރުގައެވެ.
އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ޝަވީދު ދެއްކެވި ވާހަކަފުޅުގައި އޭނާގެ ދައުރުގައި ރަނގަޅަށް ހިނގާފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ހުރިހާ މެމްބަރުންވެސް ވޯޓު ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ. އަދި އެ ކޮމިޓީން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންނުރާ ބަޔަކުވެސް އުޅޭ ކަމަށާއި އަދި އެ އިދާރާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ބަޔަކުވެސް އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބާ ދިމާކޮށް އެކިއެކި ކުޅިވަރު އެސޯސިއޭޝަން ތަކުގައި ހުރި ގޯސް ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ މި ދަނޑިވަޅުގައި ދެއްކުން ރަނަގަޅު ވާހަކަތަކަަކަށް ނުވެދާނެ ކަމަށާއި ނަމަވެސް ކަންކަން ރަނަގަޅު ކުރުމަށް ދައްކަން ޖެހޭ ވާހަކަތައް އަބަދުވެސް ދައްކާނެ ކަމަށާއި ނަންގަވަން ޖެހޭ ޒިންމާ އަބަދުވެސް ނަންގަވާނެ ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުޅިވަރަށް ގިނަ ގޮތްގޮތުން ހިދުމަތް ކުރައްވާ، މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ޝަވީދު އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ގޮތުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވެއެވެ. ހާއްސަ ގޮތެއްގައި މިދިޔަ ދުވަސްތަކުގައި އެތުލީޓުން ތަމްރީން ކުރުމަށް އޮލިމްޕިކް ކޮމިޓީން އެތުލީޓުންނަށް ހޯދައިދިން ފުރުޞަތު ތައް ގިނަ ބަޔަކު ފާހަގަކުރެއެވެ.