''ކަލޭ ހީކުރީތަ ކަލެއަށް ހުރިހާ ދުވަހަކު އަހަރުމެންގެ ފުށުން ސަލާމަތްވެވިގެން އުޅެވޭނެ ކަމަށް، ކަލެއަށް ލިބިފަ ތިހުރި ހުނަރަކާ މެދު އެއްޒަމާނެއްގައި ކަލޭ ވަރަށް ފަހުރުވެރިވީމެއްނު، ކަލޭގެ ބާރު ދައްކަން ވެސް އުޅުނީމެއްނު، އެކަމަކު އެދުވަސްތައް މާޒީވެ ހިނގައްޖެ... ކަލޭގެ ބާރު ތިދަނީ ކެނޑެމުން... ގިނަ ދުވަހެއްނުވެ ކަލޭ ކުރި ކަންތަކުގެ އަޖުމަ ލިބޭނެ... އަހަރުމެންގެ އުސޫލަކީ ބަދަލަށް ބަދަލު...'' ހަރުކަށި އަޑެއް އިވުނެވެ.

ކުއްލިއަކަށް ފެނިގެން ދިޔައީ ގޭގެ އިންފާރާއި ދާދި ގާތުން އަލިފާންކަނިތަކެއް ބުރައިގެން ދިޔަ މަންޒަރެވެ. އެހިނދު ބާރު އަޑުފަށްގަނޑެއް ވެސް އިވި ބިންގަނޑަށް ލޮޅުންތަކެއް އައެވެ. ސިހުމުގެ އަސަރު ޖާބިރުގެ މޫނުމަތިން ފާޅުވިކަމުގައި ވިޔަސް އޭނަ ފައިތިލަ ސާބިތުކުރިއެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަން އުފެދި ނިތްކުރީގައި ފިނިދަލެއް ހިއްލާފައިވީ އޭނައަށް ދިން އިންޒާރުގެ ސަބަބުންނެވެ. ހަމަލޮލަށް ނުފެނުނު ކަމުގައި ވިޔަސް އޭނަގެ ދުޝްމަނުން ހަމަލާ ދޭން މަސައްކަތްކުރާކަން ޖާބިރަށް އެނގެއެވެ. ބޭރުން ފެނިގެން އެދާ އަލިފާން ކަނިތަކާއި އެކުވެ އިވެމުންދާ ބިރުވެރި ހަޅޭކުގެ އަޑުތަކަކީ އެކަމަށް އޮތް އެންމެ ވަރުގަދަ ހެއްކެވެ. މަހުލޫޤުންތައް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބޭނެކަން ޔަޤީންވުމުން ބޭރުތެރޭގެ ހައިޖާންގަނޑު ހިނދިގެން ދިޔަ އެވެ. އެއާއެކު ޖާބިރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''ކަލޭގެ ބާރު ލަސްނުވެ ކެނޑިގެން ދާނެ، އޭރަށް ކަލެއަށް އަހަރެންވި ވަޢުދު ފުއްދާނަން، އޭރަށް ކަލޭގެ ގާތުން ބަދަލު ހިފޭނެ...'' އަނެއްކާ ވެސް އެހަރުކަށި އަޑު ތަކުރާރު ވިއެވެ.

''ތިދޭ އިންޒާރުތަކަށް އަހަރެން ބިރެއް ނުގަނޭ... އަހަރެންގެ ޢާއިލާއަށް ގެއްލުމެއް ދޭން އުޅެފިއްޔާ އެކަމުގެ ނަތީޖާ ރަގަޅެއް ނުވާނެ، އެއްފަހަރު އޮންނާނީ އެކަން ސާބިތުކޮށްދީފައި!...'' ޖާބިރު އެންމެފަހުން ބުނެލިއެވެ. ހަނުހުރުން ވެގެން ދާނީ އޭނަގެ ނިކަމެތިކަން ބަޔާންކޮށްދޭނެ ކަމަކަށެވެ. އެއާއެކު އޭނަގެ ހަރުކަށިކަމާއި ބާރު ދައްކާލަން ޖާބިރު އުޅުނެވެ. އަލިފާނާ ކުޅެންޏާމު އޭނަ ހުންނަން ޖެހޭނީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ގެއްލުމެއް ކުރިމަތިވެދާނެކަން ވިސްނައި ހުޝިޔާރު ވެގެންނެވެ. ކުރެވޭ އެންމެ އިހުމާލެއްގެ ސަބަބުން ވެސް ފޫނުބެދޭނެ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

''އަދި ވެސް ކަލޭގެ ބޮޑާކަން ދައްކަންތަ ތިއުޅެނީ؟... ބަލަ ކަލެއަށް ތި ބާރު ލިބިފައިވަނީ ވެސް އަހަރުމެންގެ ތެރެއިން ނިކަމެތި ޖިންނީންތައް އަތްދަށުކޮށްގެން... ކަލޭގެ ޚާދިމަކަށް ތިއުޅޭ ޖިންނީގެ ބާރު ވެސް އަހަރުމެންގެ ކުރިމަތީގައި ލަހެއްނުވެ ފަނޑުވެގެންދާނެ... އޭރަށް ކަލޭ ރައްކާތެރިކޮށްދޭނީ ކާކު؟... ކަލޭގެ ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ޖަތީޖާ ގިނަ ދުވަހެއްނުވެ ކަލޭގެ ލޯކުރިމަތިން ފެނިގެންދާނެ، އެދުވަހަކުން ކަލެއަށް އެއްޗެއް ވިސްނޭނޭ!!!...'' މިފަހަރު ކުރިއަށް ވުރެ އަޑު ބާރެވެ. ޖާބިރު ދެކެ ކުރާ ނަފުރަތު އެއަޑުން ރީތިކޮށް ހާމަކޮށްދެއެވެ.

މާހައުލު އަމާންވުމުގެ ކުރިން ބޭރުތެރެއިން ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެއާއެކު ގޭގެ އިން ފާރަށް ލޮޅުންތަކެއް އަރައިގެން ދިޔަ އެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ފާޅުވެގެން ދިޔައީ ގޭގެ މައިދޮރާއި ދިމާލުންނެވެ. އެވަގުތު ބޯޖަންވިލާ ގަހުގެ މޫތައް ބިމުގެ ފަސްގަނޑާއި ގުޅިފައިވާ ހިސާބުން ބިންގަނޑު ކަނޑައިގެން ދިޔަ އެވެ. ސިހުން ލިބިފައިވި ޖާބިރަށް އޭނަގެ މުށުގެ ތެރޭން ބާޒީ ދޫވެގެން ހިނގައިދަނީކަން ރޭކާލިއެވެ. އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. ކަންކުރަންވީ ގޮތަކާ މެދު އޭނަ ސިކުނޑިއަށް ބާރުލިއެވެ. އޭނަ ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެވަނީ މަޖުބޫރުވެފައެވެ. އެމީހުންގެ ބާރު އެހެން ނޫންނަމަ ދުވަހަކަސް ވުރެ ދުވަހަކަށް ދާނީ ގަދަވަމުންނެވެ.

''ކަލޭގެ ސަބަބުން މިހުރިހާކަމެއް މިވީ!، ކަލެއަށް ކަންތައް ބަލަހައްޓަން ޖެހޭ ވަރަށް ބެލެހެއްޓުނުނަމަ މިހާލަތަށް ނުދިޔައީސް...'' ވާޤިދާއި ކުރިމަތިލި ޖާބިރުގެ މޫނުން ހާސްކަން ފިލައި ރުޅިވެރިކަމުގެ ސަވާރު ވިއެވެ. އޭނަ ވާޤީދަށް ބަލަން ހުރީ އިންތިހާ ދަރަޖައިގެ ހިތްހަމަނުޖެހުމާއެކުގައެވެ. ވެދިޔަކަންތަކުގެ އިލްޒާމު ވާޤިދުގެ ބޮލުގައި އަޅުވައި ކުށްވެރިކުރާ ކަހަލައެވެ.

''ކަލޭގެ..... އޮތީ އެމީހުންނާއެކު ދޯ؟... އަހަރެން ހަނދާން ނެތުނިއްޔޭ ކަލޭ ތީ އެނަސްލުގެ މީހެއްކަން.... ކަލޭ ތިއުޅެނީ މަށަށް އޮޅުވާލައި ގެއްލުން ދޭންތަ؟... އެހެންވެއްޖެއްޔާމު ކަލޭގެ ވަސްވެސް މުދުނިޔެއިން ފޮހެލަން އަހަންނަށް ބޮޑުކަމަކަށް ނުވާނެ، މީގެ ފަހުން މަށަށް އޮޅުވާލަން ވިސްނުމުގެ ކުރިން އަހަރެންގެ މިވާހަކަތަކާ މެދު ވިސްނާލާތި......'' ޖާބިރު ހަޅޭއްލަވައިގަތެވެ. އެވަގުތު ވާޤިދުގެ މޫނުން ބިރުވެރިކަން ފާޅުވިއެވެ. ޖާބިރަކީ ކިހާ ރަހުމުކުޑަ މީހެއްކަން އޭނަގެ ހަމަލޮލުން ވަނީ ކިތަންމެ ފަހަރަކު ދެކެފައެވެ. ޖާބިރަކީ އެއްއިރެއްގައި ވެސް އޭނަ ގެންގުޅޭ ޚާދިމުންނާ މެދު އޯގާތެރިކަން ބަހައްޓާ މީހެއް ނޫނެވެ. އޭނަ ބޭނުންވާ ފަދައިން ކަންތައް ނުވެއްޖެނަމަ އެކަމުގެ އަގު ގިނަ ފަހަރު އަދާކުރަން ޖެހެނީ ފުރާނައަކުންނެވެ. އެވެސް ވޭންދެނިވި ގޮތަކަށެވެ. ދެން ތިބި ޚާދިމުންނަށް ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.

އަމިއްލަ ފުރާނައާ މެދު ބިރުގެންފައި ހުރި ވާޤިދަށް ޖެހުނީ ޖާބިރުގެ ގާތުން އާދޭސްކުރާށެވެ. ޖާބިރުގެ ކުރިމަތީގައި އޭނަގެ ބާރެއް ނެތީތީ އެވެ. އޭނަ އެވަނީ ޖާބިރުގެ މުށުތެރޭގައި ހައްޔަރުވެފައެވެ. އޭނަގެ ފުށުން ޖާބިރަކަށް ގެއްލުމެއް ނެތެވެ. ހަމައެއާއެކު ގެއްލުމެއްދޭން މަސައްކަތްކޮށްފިނަމަ ހަށިރައްކަލަށް ޖާބިރު ހަދާފައިވާ ކަންތަކުގެ ސަބަބުން އޭނައަށް ޖެހޭނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. އާޚިިރުގައި ދެރަ ލިބޭނީ އޭނަ އަށެވެ.

''އެންމެ ފަހުގެ ފުރުސަތު މިދެނީ...'' ޖާބިރުގެ އަޑުގައި ވަނީ އިންޒާރެވެ. އޭނަ ދެން ވާޤިދަށް އަމުރުކުރީ ޝާޢާގެ ހަށިފާރަވެރިޔަކަށްވުމަށެވެ. އެކަމާއި ވާޤިދު އެއްބަސްވި އެވެ.

*****

ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ޝާޢާގެ ސަމާލުކަން އޭނަގެ ފޯނަށް ހުއްޓުނީ ވައިބްރޭޓް ވުމުންނެވެ. އަވަސްއަވަހަށް ފޯނު ނަގައި ބަލާލި އިރު ބާއްޖަވެރި ހެދުނަކަށް އެދި ޔޫނުސް މެޖެސްކޮށްފައި އޮތެވެ. އެއާއެކު ޝާޢާގެ ތުންފަތުގައި ފަރި ހިނިތުންވުމެއް ކުޅެލިއެވެ. އޭނަ މެސެޖަށް ރައްދުދޭން އުޅެނިކޮށް ޔޫނުސް ގުޅަން ފެށިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝާޢާ ފޯނަށް ޖަވާބު ދިނެވެ. ހެނދުނުހެނދުނާ ޔޫނުސްގެ އަޑު އިވުމުން ވެސް އޭނަގެ މުޅި ދުވަސް އުޖާލާވެގެން ދިޔަ އެވެ.

''މިއަދު ޝާ އަހަންނާއެކު އޮފީހަށް ދާންވީނު؟...'' ވާހަކައިގެ ތެރޭން ޔޫނުސް އަހާލިއެވެ. އޭނަގެ ރާގުން ވެސް އެކަމަށް ބޭނުންވެފައިވާ މިންވަރު ޝާޢާއަށް ދޭހަކުރެވުނެވެ. އެއާއެކު ވަގުތުން އެއްބަސް ވާން އޭނަ ބޭނުން ވިއެވެ.

''އަހަރެން އޮތީ ބުނެފަ އައިޝާ ގާތު މިއަދު ޝާ ބަލާ ނުދައްޗޭ...'' ޝާޢާގެ ހިތުގައި އޮތް ސުވާލަށް ޔޫނުސްގެ ޖަވާބު ލިބުނެވެ. ޔޫނުސްއަށް ކޮންމެ ފަހަރަކު އޭނަގެ ހިތުގައިވާ އެއްޗެއް ފަހުމުވާތީ ޝާޢާއަށް ހައިރާންކަން ވެސް ލިބެއެވެ. އެދެމެދުގައި އެވަނީ އާދަޔާ ޚިލާފު ގުޅުމެއްކަން ގައިމެވެ. ޔޫނުސްއަށް އޭނަގެ އިހުސާސްތައް އެހާމެ ރަގަޅަށް ދަސްވެފައިވާ ކަހަލައެވެ.

''އޯކޭ...'' ޝާޢާ އެއްބަސްވެލިއެވެ. ފަސްމިނެޓްތެރޭ އަންނާނެ ވާހަކަ ބުނެލަމުން ޔޫނުސް ފޯނުކޯލް ކުރުކޮށްލުމާއެކު ޝާޢާ އޭނަގެ އަތްމަތި އަވަސްކޮށްލިއެވެ. އަދި އަތްދަބަހަށް އޭނަ ބޭނުންވާނެ އެއްޗެހި އަޅައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތް އިރު ވެސް އޭނަގެ ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.

*****

ގޭގެ ފެންޑާއަށް ޝާޢާ ނިކުތްތަނާ އޭނަގެ ސަމާލުކަން އަތުލީ މެދު ގޯތީގައި ވާހަކަދައްކަން ތިބި އޭނަގެ މާމައާއި ކާފަ ފެނުމުންނެވެ. އެމީހުންގެ މޫނުމަތީގައިވި ނުތަނަވަސްކަން ޝާޢާއަށް ފާހަގަ ކުރެވުނެވެ. އޭނައަށް އިތުރު ހައިރާންކަމެއް ލިބުނީ އޭނަ ފެނުމާއެކު ދެކެވެމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް އަތުވުމުންނެވެ. އެވަގުތު ނުތަނަވަސްކަމުގެ ތެރޭން ވެސް މާމަ އޭނައަށް ހިނިތުންވެލިއެވެ. ޝާޢާގެ ހިތް ސުވާލުތަކުގެ އޮއެވަރުގެ ތެރޭގައި ބެހެން ފެށިއެވެ. މާމައާއި ކާފައަށް ހާސްކަން ލިބިފައިވަނީ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟ އޭނަ ފެނުމާއިއެކު ދެކެވެމުން ދިޔަ ވާހަކަތަކުގައި ނިމުމުގެ ސިއްކަޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެވާހަކަތަކާއި އޭނައާއި ގުޅުމެއް ވަނީ ހެއްޔެވެ؟

ސުވާލުކުރަން އުޅުނު ޝާޢާއަށް އެފުރުސަތު ނުލިބުނީ އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އަތްދަބަސް ތެރޭ އޮތް ފޯނު ނަގައި ޖަވާބު ދިނެވެ. އެއަށްފަހު އޭނަ ކުރިއަށް ހިނގައިގަތެވެ.

''ދަނީ...'' މާމައާއި އަރާހަމަވުމާއެކު ޝާޢާ ހިނިތުންވެލި އެވެ. މާމަ ވެސް ޝާޢާއަށް ހިނިތުންވެލީ ހުރިހާ އިހުސާސްތަކެއް ވަންހަނާކުރަން މަސައްކަތްކުރަމުންނެވެ. ބަދިގެއަށް ވަންނަން ދިޔަ ކާފައަށް ވެސް ޝާޢާ އެވަގުތު ގޮވާލިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ބޭރަށް ނިކުތުމަށެވެ.

ދޮރާށި ހުޅުވާލުމާއެކު އޭނައާއި ފުރަތަމަ ވެސް ބައްދަލުކުރީ ޝާޢާ ދެކެން ބޭނުންވެފައި ހުރި އެހިތުގެ ވެރިޔާ އެވެ. އޭނަގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވެގެން އައީ ވެސް އެސަބަބާ ހުރެ އެވެ. ޝާޢާ އާއި ނަޒަރު ބައްދަލުވުމުން ޔޫނުސް ވެސް ހިނިތުންވެލިއެވެ. އެއަށްފަހު ޝާޢާގެ ރީތި ކަމަށް އޭނަ ތަޢުރީފުކޮށްލިއެވެ. އޭގެެ ސަބަބުން ޝާޢަގެ ތުންފަތުގައިވި ހިނިތުންވުން ރަކި ހުނުމަކަށް ބަދަލުވިއެވެ.

ޝާޢާ ސައިކަލުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ޔޫނުސް ސައިކަލު ދުއްވާލިއެވެ. އެހުރިހާ އިރު ވަންދެން އެދެޒުވާނުންނަށް ބަލަން ހުރި ހަދީޖާ ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ އެވެ. ޝާޢާއާއި ޔޫނުސްއާ ދެމެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން އޭނައަށް ވަގުތުން ނަގައި ގަނެވުނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޝާޢާއަށް މިދުވަސްކޮޅު އައިސްފައިވާ ބަދަލުތަކާ މެދު އޭނައަށް ވިސްނާލެވުނެވެ. އޭރު އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވި ސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބިފައިވި ވިއެވެ. އެކަމާ މެދު އޭނަ ދެކެންވީ ގޮތެއް ހަދީޖާއަކަށް ނޭގުނެވެ. ކޮންމެވެސް އެއްދުވަހަކުން ޝާޢާ ވެސް ޒަވާޖީ ހަޔާތެއް ފަށާނެކަން އޭނައަށް އެނގެއެވެ. ނަމަވެސް އެކަމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި މެދު ވިސްނޭލެވުމުން ހަދީޖާގެ ހިތުގެ ތެޅުން އަވަސް ވާން ފެށި އެވެ. އެއާއެކު އޭނަ އަވަސްވެގަތީ ޖާބިރާއި މަޝްވަރާކުރުމަށެވެ. އެހެންނޫންނަމަ ނޭދެވޭ ނަތީޖާއެއް ނިކުތުން އޮތީ ނުހަނު ގާތުގައެވެ.

*****

''ޖާބިރު...'' ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން ޖާބިރަށް ގޮވާލަމުން ހަދީޖާ ގޮސް ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީނެވެ. އަތުގައި އޮތް ސައިތަށިން ކޯވަރެއް ބޯލަމުން ހަދީޖާއަށް ޖާބިރު ބަލާލިއެވެ. އެއީ ވާހަކަ ކުރިއަށް ގެންދިއުމުގެ އިޝާރާތެއްކަމުގައި ހަދީޖާ ދެކުނެވެ.

''އަހަންނަށް ހީވަނީ ޝާޢާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ހެން، މިހާރު ޝާޢާގެ މިޒާޖަށް ހާދަ ބޮޑެތި ބަދަލުތަކެއް އައިސްފިޔޭ... ޖާބިރަށް އެކަންތައް ފާހަގަ ނުކުރެވޭތަ؟...'' ދުރުދުރުން ފެށުމުގެ ބަދަލުގައި ހަދީޖާ އޭނަގެ މައުޟޫޢުއިން ފެއްޓިއެވެ.

''ތިބުނީ؟...'' ހައިރާންކަން ވެރިވެފައިވާ އަޑަކުން ޖާބިރު ސުވާލުކުރިއެވެ.

''އަހަންނަށް ފާހަގަވީމަ ބުނެލީ...... ނޫހުގެ ދޮށީ ފިރިހެން ސޮރު ޔޫނުސް އެއީ، ރަގަޅު ޢާއިލާއަކުން އައިސްފައި ހުރި ކުއްޖެއް އެއީ... ޝާޢާ އާއި ކިތަންމެހާ ވެސް ގުޅޭ، އެކަމަކު ޖާބިރަށް އެނގެއްނު އެކަމުން ނިކުމެދާނެ ނަތީޖާ ރަގަޅުނުވާނެކަން... އަހަރެން ކަންބޮޑުވަނީ އެކަމާ... މިހާރު ވެސް ކަންތައް އޮތީ ބޮއްސުންލާފައި... އިތުރަށް ކަންތައް ގޯހުންގޯހަށްދާން އަހަރެން ބޭނުމެއް ނޫން...'' ހަދީޖާ އޭނަގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

ޖާބިރަށް ވިސްނާލެވުނެވެ. ހަދީޖާ އެހާމަކުރީ ތެދެވެ. އެފަދަ ގުޅުމަކަށް ޝާޢާއަށް ފުރުސަތު ދެވޭކަށް ނެތެވެ. އެއީ ޚުދު ޔޫނުސްއަށް ވެސް އޮތް ނުރައްކަލަކަށް ވާތީއެވެ. އެކަމުގެ ސަބަބުން ޝާޢާއަށް އިތުރު މާޔޫސްކަމާއި ހިތްދަތިކަން ނޫން އެހެން އެއްޗެއް ނުލިބޭނެއެވެ.

''ޖާބިރު، އަހަރެން މިބުނާ އެއްޗެއް އަޑު އެބައިވޭތަ؟... ކިހިނެއްތަ ކަންތައް ކުރަންވީ؟... ޝާޢާ ވަރަށް ގަޔާވޭހެން ހިވަނީ އެސޮރު ދެކެ، އެކަމަކު އެކަން ހުއްޓުވަން ވެސް އަހަރުމެން އެބަޖެހޭ... އެކަމަކު އޭގެ ސަބަބުން އަހަރުމެންނާ ޝާޢާގެ ގުޅުމަށް ހީނަރުކަމެއް ވެސް އަތުވެދާނެ، ފަހަރެއްގައި ވެސް އެފަދައިން ކަންތައް ވާކަށް އަހަރެން ބޭނުމެއް ނޫން... އެކަމަކު ދެން ތިބި މީހުންގެ ސަލާމަތަށް ވެސް އަހަރުމެން ވިސްނަން ޖެހޭނެ ދޯ... އެއްފަހަރު އެކަމަށް އިހުމާލުވެވިއްޖެ، އެކަމުގެ ނަތީޖާ ކިތަންމެހާ ވެސް ހިތި....'' މާޒީގެ ތަޖުރިބާ ހަނދުމަކުރަމުން ހަދީޖާ ބުންޏެވެ.

''އަހަރެން ތިކަމާމެދު ފަހުން ވިސްނާނަން...'' ޖާބިރުގެ ސިކުނޑިއަށް ބަރުވުމުން އޭނަ ހުރީ ލުޔެއް ބޭނުންވެފައެވެ. ހަމަޖެހިލައިގެން ވިސްނާލެވޭނީ އޭރުންނެވެ. ނަމަވެސް އެގޮތް ހަދީޖާއަކަށް ކަމަކު ނުދިޔަ އެވެ.

''ފަހުންނޭ؟... ފަހަށް ބަހައްޓާކަށް އަހަރެން އެގޮތަކަށް ވެސް ބޭނުމެއް ނޫން... މިކަމުގައި ގުޅިފައިވިމަނީ މީހުންގެ ފުރާނަތަކަކޭ... ޖާބިރު އެކަމާ މެދު ވިސްނާލާކަށް ނޫޅެންތަ؟...'' ހިތްހަމަނުޖެހުމާއެކު ހަދީޖާއަށް ބުނެވުނެވެ. ''މާޒީގައި ވެސް ކަންތައް ވެދިޔައީ އެހެން، ޖާބިރު ދުރާލާ ވިސްނާލިނަމަ އެހިތްދަތިކަމާ އަހަރުމެން ކުރިމަތިލާކަށް ދުވަހު ނުޖެހުނީސް، އަހަރުމެންގެ ދެ އަންހެންދަރީން މިދުނިޔެ ދޫކޮށް ދާކަށް ވެސް ނުޖެހުނީސް... އެހުރިހާ ކަމަކަށް ވެސް އަހަރެން ޖާބިރަށް މަޢާފުކުރިން، ހަމައެކަނި ޝާޢާއަށް ޓަކައި، އެކަމަކު ޝާޢާއަށް ދެރަގޮތެއް ވެއްޖެއްޔާމު ދެން އަހަރެންގެ މަޢާފެއް ޖާބިރަކަށް ނުލިބޭނެ...''

ނުރުހުންވުމާއެކު ހަދީޖާ އޭނަގެ ގޮނޑިން ތެދުވުނެވެ. އަދި އިތުރަށް މަޑުކުރުމެއް ނެތި ދާން ހިނގައިގަތީ އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި އޮހެން ފެށި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. މިމަންޒަރު ބަލަން އިން ޖާބިރު ވާހަކަދައްކަން އުޅުނެވެ. ނަމަވެސް އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. ހަދީޖާ އެބުނީ އޭނައަށް ދޮގު ނުކުރެވޭނެ ހަޤީޤަތްތަކެވެ. އޭނައަށް އިހުމާލުނުވެވުނުނަމަ އޭނަގެ ޢާއިލާ ބަރުބާދުވެގެން ނުދިޔައީހެވެ. ހަމައެއާއެކު ބަދަލުހިފުމުގެ ހައިޖާންގަނޑެއް ވެސް އޭނައާއި ރޫހާނީ ބާރުތަކާ ދެމެދު އުފަން ނުވީހެވެ. އެހުރިހާ ކަމެއްގެ ތެރޭގައި ޝާޢާ ހައްޔަރުވެ ހަނާވުމުގެ ދޮރު ނުހުޅުވުނީހެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އޭނައަށް ވަނީ ކުށްކުރެވިފައެވެ. އެހެނަސް އެކުށް އިސްލާހުކުރަން އޭނަ ބޭނުމެވެ.

*****

އޮއްސެމުން ދިޔަ އިރުގެ ޖާދުވީ ކުލަތަކުން އުދަރެސް އޮތީ ރަންގުކޮށްލެވިފަ އެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތަށް ވުމުން ނޫކަށިފުރައިގެ ޒުވާނުންތައް ބޯވަހިފުމަށްޓަކައި މޫދަށް އެރި އުޅެ އެވެ. އެއްބަޔަކު ގޮނޑުދޮށަށް ފުރިހަމަކަން ގެނެސްދީފައި އޮތް ހުދު ދޮންވެލިގަނޑުމަތީ އިރުގެ ވަދާއީ ސަލާމުގެ މަންޒަރުތަކުން އުފާލިބިގަންނަމުން ދިޔަ އެވެ. އެމީހުންތަކުގެ ތެރޭގައި ޔޫނުސް އާއި ޝާޢާ ވެސް ހިމެނެއެވެ. އޮފީހުގެ ރަސްމީ ގަޑި ނިންމާލުމަށްފަހު އެދެޒުވާނުން އައިސް ތިބީ އިރުއޮއްސޭ މަންޒަރު ބަލާލުމަށްޓަކަ އެވެ.

''މިހާރު ވަރަށް ލަސްވެއްޖެ، އަނެއްކާ މާމަ ބުނެފަ އޮތީ އަވަހަށް ގެއަށް އަންނާށޭ ވެސް... ނުގޮސްފިއްޔާ ރުޅިއަންނާނެ...'' އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން ޝާޢާ ބުންޏެވެ. އޭރު ޝާޢާއާއި ޖެހިގެން އިން ޔޫނުސްގެ ތޫނު ބެލުންތައް ޝާޢާއަށް ހުއްޓިފައިވިއެވެ. އިރުގެ ރަން ދަޅަތައް ޝާޢާގެ އޮމާން މޫނަށް އެޅިފައިވާއިރު ބަލާލަން ނިކަން ހިތްގައިމެވެ. އެދިގު އިސްތަށިގަނޑު މިނިވަން ވައިގެ ތެރެއަށް ދޫކޮށްލެވިފައި ވިއިރު އިރުއިރުކޮޅާ އެކޯތާފަތަށް އިސްތަށިކޮޅުތައް ފައިބައިގެން ދެއެވެ. ވާހަކަދައްކާ އިރު އެތުންފަތަށް އަންނަ ހަރަކާތްތައް ވެސް އެހާމެ ޗާލެވެ. ވަށައިގެންވި މާހައުލަށް ޔޫނުސްގެ ސަމާލުކަން ދެވިފައިނެތީ ޝާޢާގެ ޖާދޫގައި ޖެހިފައި ވީތީ އެވެ.

''ޔޫނުސް...'' ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބުމުން ތަންކޮޅެއް ބާރަށް ޝާޢާ ގޮވާލިއެވެ. އެއާއެކު ޔޫނުސްއަށް ސިހުން ލިބުނެވެ. އޭނަގެ ލޮލާއި ހިއްސުއްތައް ވަށައިގެންވި މާހައުލަށް ހުޅުވުނީ ދެނެވެ.

''ކީކޭ؟...'' ޔޫނުސްއަށް އަހާލެވުނެވެ.

''ދެންމެ އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެން ދޯ؟... އަހަރެން ބުނީ މިތަނުން ދާން ހިނގާށޭ... މިހާރު އެއޮއް ހަޔެއް ޖެހީ... މަޢުރިބަށް ގޮވުމުގެ ކުރިން ގެއަށް ދާން ޖެހޭނެ...'' ޝާޢާ ބުނެލިއެވެ.

''އަދި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަމާ، އަހަރެން ޝާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސް ދީފާނަމޭ...'' ޔޫނުސް ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު