50 އަހަރު ދުވަހަށް އަމާޒުކޮށް މާލޭ ނަރުދަމާ ނިޒާމު ތަރައްގީކުރަން ފަށައިފި

މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ކުރިޔަށް އޮތް 50 އަހަރު ދުވަހަށް އަމާޒުކޮށްގެން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

ކާނިވަލު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ތިމާވެއްޓާ ބެހޭ ވަޒީރު އިބްރާހިމް ތާރިގެވެ.

މީގެ ކުރިން މާލޭގައި އަޅާފައި އޮތް ނަރުދަމާ ނިޒާމަކީ 70،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް މީގެ 30 އަހަރު ކުރިން އަޅާފައި އޮތް ނަރުދަމާއެކެވެ.

އެގޮތުން 75 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީގެ ފަރާތުން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް މިއަދު ފެށި މަސައްކަތްތަކަކީ ކުރިއަށް އޮތް 50 އަހަރު ދުވަހަށް މާލޭގައި ތިން ލައްކައިގެ އާބާދީއެއް އުޅޭނެ ކަމަށް ވިސްނައިގެން އަޅަން ފެށި ނަރުދަމާގެ ނިޒާމެކެވެ.

އަދި ނިޒާމްގެ ތެރެއިން ޖުމްލަ ނުވަ ޕަމްޕު ސްޓޭޝަން އިތުރަށް ތަރައްގީކޮށް، 8000 މީޓަރުގެ ވިއުގައެއް ގާއިމް ކުރެވޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ ތެރޭގައި ހަތް ޕަމްޕު ސްޓޭޝަނެއް ތަރައްގީ ކޮށް، 6000 މީޓަރުގެ ވިއުގައެއް ގުޅާލެވޭނެއެވެ.

މާލޭގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް:

އިންޑަސްޓްރިއަލް ވިލެޖުގައި ޕަމްޕު ސްޓޭޝަނެއް ހެދުން:

މާލޭ ހުޅަނގު ދެކުނުގައި ބިން ހިއްކައިގެން ހަދާފައިވާ މާލެ އިންޑަސްޓްރިއަލް ވިލެޖުގައި އެމްޑަބްލިއުއެސްސީގެ ޕަމްޕު ސްޓޭޝަނެއް ހަދާ އިރު، އެތަނަކީ މާލޭގެ މައި އެއް ޕަމްޕު ސްޓޭޝަނަށް ވާނެއެވެ. އަދި މާލޭ ހުޅަނގުގައި އޮންނަ ރަސްފަންނު ސަރަހައްދުން ނަޖިސް ބޭރުކުރުމުގެ ނިޒާމު ވެސް، އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރާނެއެވެ.

ނަޖިސް ބޭރުކުރާނީ އިންޑަސްޓްރިއަލް ވިލެޖާއި މަސްވެރިންގެ ޕާކާ ދިމާލުން:

އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ މާލެއިން މައިގަނޑު ދެ ސަރަހައްދަކުން ސުވަރޭޖް ނުވަތަ ނަޖިސް ބޭރު ކުރުމަށެވެ. އެއީ މިހާރު ވެސް ނަޖިސް ބޭރުކުރަމުންދާ ސަރަހައްދެއް ކަމުގައިވާ، މަސްވެރިންގެ ޕާކު ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމުކުރާ ޕަމްޕު ސްޓޭޝަނުންނެވެ.

މާލޭގެ ޕަމްޕު ސްޓޭޝަން 2، ސްޓޭޝަން 3، ސްޓޭޝަން 4 އަދި ސްޓޭޝަން 9 ގުޅާލެވޭނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ މައި ސްޓޭޝަނަށެވެ. އަދި ސްޓޭޝަން 5، ސްޓޭޝަން 6، ސްޓޭޝަން 7 އަދި ސްޓޭޝަން 8 ގުޅާލެވޭނީ މަސްވެރިންގެ ޕާކަށެވެ.

ޖަންޖްޝަން ފުރިޔަ ނުދިނުމަށް އިތުރު ހޮޅިތަކެއް އަޅަނީ:

އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ މާލޭގެ މަގުތަކުގައި ވަޅުލާފައި ހުރި ނަޖިސް ޖަންކްޝަންތައް ފުރިގެން، މަގުތަކަށް ނަޖިސް ލީކުވުން ހުއްޓުވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށެވެ.

ރަނގަޅަށް ނަޖިސް ފްލޯ ނުވުމުގެ ސަބަބުން މަގުތަކަށް ނަޖިސް ލީކުވާ ނަމަވެސް، އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ އެއް ޖަންކްޝަން އަނެއް ޖަންކްޝަނާ ގުޅުވުމަށް މިހާރު އަޅާފައި ހުރި ހޮޅިތަކަށް ވުރެ ތަންކޮޅެއް މަތިން އިތުރު ހޮޅި ލައިނެއް އެޅުމަށެވެ.

އެހެން ހެދުމުން، ޖަންކްޝަން ވަކި ހިސާބަކަށް ފުރުމުން، އެ ޖަންކްޝަންގައި ހުރި ނަޖިސް އެހެން ދިމާލަކަށް ޑައިވާޓް ވާނެއެވެ. އަދި ޖަންކްޝަން ފުރިގެން ލީކުވުން ހުއްޓުވޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރަމުންދާއިރު، މާލޭގައި ވެސް ނަރުދަމާގެ ނިޒާމް ތަރައްގީ ކުރަން ފެށުމަކީ މާލޭ ރައްޔިތުންނަށް ވެސް ރައީސް ޔާމީން އަޅާލައްވާ ކަމުގެ ހެއްކެއް ކަމަށެވެ.

comment ކޮމެންޓް