ޓްރީޓޮޕް ހޮސްޕިޓަލުން ފެންނަނީ އުންމީދީ މަންޒަރެއް: ހެލްތު މިނިސްޓަރު

02 އޭޕްރިލް 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުޅުމާލޭގައި ގާއިމުކުރާ މަލްޓި ސްޕެޝިއަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުން ފެންނަނީ އުންމީދީ، އުފާވެރި މަންޒަރުތަކެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވަނީ، ޓްރީޓޮޕް ހޮސްޕިޓަލު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމަށް އެ ހޮސްޕިޓަލުގެ ސައިޓަށް ޒިޔާރަތް ކުރައްވައިފައެވެ.

ޓްރީޓޮޕް އިންވެސްޓްމެންޓްސްއިން ތުރުކީގެ ތުރުމަކްސް ކުންފުންޏާ ގުޅިގެން ހުޅުމާލޭގައި އަޅަމުންދާ ޓްރީޓޮޕް ހޮސްޕިޓަލު ހިންގުމުގެ ކަންކަން ކުރިޔަށް ގެންދާނީ ހޮސްޕިޓަލު ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު، މެލޭޝިއާގެ ބައިނަލްއަގުވާމީ ކުންފުނި ރެމްސޭ ސައިމް ޑާބީ ހެލްތުކެއާއިންނެވެ.

02 އޭޕްރިލް 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓްރީޓޮޕްް ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މި ހޮސްޕިޓަލަކީ ދިވެހި ގިނަ ރައްޔިތުންތަކަކާ ގުޅިފައިވާ ތަނެއް ކަމަށާއި، މި ހޮސްޕިޓަލުގެ ސަބަބުން ސިއްހީ ނިޒާމަށް ހެޔޮ، ގިނަ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުގެ ސައިޓުން މިއަދު ފެނިވަޑައިގަތީ، "އުންމީދީ، އުފާވެރި މަންޒަރުތަކެ"ކެވެ.

"ފެނުނީ އުންމީދީ، އުފާވެރި މަންޒަރުތަކެއް. އެންމެ ފަހުގެ ޓެކްނޮލޮޖީއާއި މެޝިނަރީ ގެނެވިފައިވާ ހޮސްޕިޓަލެއް ނިމިގެންދާ މަންޒަރު،

"އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭން ނުވަތަ ފަހުކޮޅު ނިމި، ދިވެހި ރައްޔިތުންނަށް މިތަން ހުޅުވި، ޚިދުމަތް ލިބޭނެ،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

02 އޭޕްރިލް 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓްރީޓޮޕް އިންވެސްޓްމެންޓްސްގެ ޑިރެކްޓަރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި، ޓްރީޓޮޮޕް ހޮސްޕިޓަަލު ވެގެން ދާނީ ވަސީލަތްތަކުގެ ގޮތުން، އިރު ދެކުނު އޭޝިއާއާއި އިރުމަތީ އޭޝިއާގައިވެސް ނެތް ފަދަ، މިސާލީ ހޮސްޕިޓަލަކަށް ކަމަށެވެ.

02 އޭޕްރިލް 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިތަން ޑިޒައިން ކޮށްފައިވަނީ މިޒަމާނުގެ އެންމެ ހައި ޓެކްނޮލޮޖީއިން. މެލޭޝިއާ ކަހަލަ ތަންތަނުގައިވެސް ނެތް ކަހަލަ ޓެކްނޮލޮޖީއާ އެއްކޮށް. ހުރިހާ އެއްޗެއް ވާނީ ޑިޖިޓަލައިޒް ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ހޮސްޕިޓަލުގެ ކޮންޓްރެކްޓަރުގެ މަސައްކަތް ނިމުމުން މެނޭޖްމެންޓް ކުންފުންޏާ ހޮސްޕިޓަލު ހަވާލުކުރާނެ ކަމަށެވެ. އަދި ސިސްޓަމްތައް ސެޓުކުރުމަށް ތިން މަސް ދުވަސް ދިނުމަށްފަހު ހޮސްޕިޓަލު ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލަފާކުރެވެނީ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް،" ސަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް