ފުލުސް އޮފީހަށް ހާޒިރުކުރީ އޯޑިއޯ ސާމްޕަލެއް ނެގުމަށް: ގާސިމް

ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަންނަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުލުހުންގެ އިދާރާއަށް މިއަދު ހަވީރު ހާޒިރުކުރީ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އޯޑިއޯ ސާމްޕަލެއް ނެގުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، އޯޑިއޯ ސާމްޕަލް ނަގާފައި ވަނީ މީގެކުރިން ވެސް އޭނާ ހާޒިރުކުރި މައްސަލައާ ގުޅިގެން ކަމަށެވެ. އެ ސާމްޕަލް ނެގީ އޭނާގެ އޯޑިއޯ އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެ ބޭފުޅުން ބޭނުންވީ އަޅުގަނޑުގެ އަޑާއި އަޅުގަނޑުގެ ފޮޓޯ ނަގަން. ވީޑީއޯ އެނަލިސްސްއެއް ހެދުމަށް 26 ވަނަ ދުވަހުގެ ރޭ ދެއްކި ވާހަކައިން،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ފުލުހުންގެ އަމަލާއި ބަހުން އެބޭފުޅުންގެ ޕްރޮފެޝަނަލްކަން ފެނިގެން ހިނގައްޖެ ކަމަށެވެ.

ގާސިމް ވިދާޅުވީ، ދޮގު ރިޕޯޓްތަކެއް ކޮށްގެން މައްސަލަތަކެއް ތަހުގީގުކުރި ނަމަވެސް އޭނާ މިއަދު ފައްޓަވާފައިވާ މަސައްކަތް ހުއްޓާ ނުލައްވާނޭ ކަމަށާއި އެ މަސައްކަތް ނިންމާލާނީ މި ރާއްޖޭން އަނިޔާވެރިކަން ފުހެލާފައި ކަމަށެވެ.

ގާސިމާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރާ މައްސަލަ އަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ ޖަލްސާގައި ގާސިމް ވިދާޅުވެފައި ވަނީ މަސީހާ ދެކޮޅަށް ވޯޓުދޭ މެމްބަރުންނަށް ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ކާމިޔާބުކޮށްދިނުމަށް އިދިކޮޅު ހަތަރު ލީޑަރުން ހުރިހާގޮތަކުން ވެސް އެހީވާނެ ކަމަށެވެ.

"މާދަމާގެ ވޯޓުގައި އަޅުގަނޑުމެންނަށް ތާއިދުކޮށް މަސީހު ބޭރުކުރުމަށް ވޯޓު ދޭ މެމްބަރުން އާދެ ފެއްސަށް އޮއްބަވާ މެމްބަރުންނަކީ އިރާދަކުރެއްވިިއްޔާ އެ މެމްބަރަކު މިހާރު ހުރި ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުން ވެގެން ޓިކެޓް ދޭނަން އެ ދާއިރާއަކަށް ނިކުމެ ވަޑައިގަތުމަށް. އަޅުގަނޑުމެން އެހީތެރިވެދޭނަން ހުރިހާ ގޮތަކުން ވެސް،" ގާސިމް އޭރު ވިދާޅުވެފައިއެވެ.

ގާސިމްގެ އިތުރުން ޖޭޕީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ވަނީ މިރޭ 8:00ގައި ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފައެވެ.

comment ކޮމެންޓް