މާކެޓު ހޯދުމަށް "ވިނޯވާ" ވެސް ވެކޭޝަންސް އެކްޕޯގައި ބައިވެރިވަނީ

ވިލިމާލޭގައި ހުންނަ ވިނޯވާ ގެސްޓް ހައުސް ---

މިއަހަރު ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ވިލިމާލޭގައި ހުޅުވި "ވިނޯވާ" ގެސްޓް ހައުސްއިން ހައިރައިޒްގެ ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވެއްޖެ އެވެ.

އެ ގެސްޓް ހައުސް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް ވިދާޅުވީ، ވެކޭޝަންސް އެކްސްޕޯ އަކީ ބައިނަލް އަގުވާމީ ގިނަ ފަރާތްތަކެއް ޒިޔާރަތް ކުރާ، ބޮޑު އެކްސްޕޯޝާ އެއް ލިބޭ މައުރަޒެއް ކަމަށާއި، އެ މައުރަޒުގައި އެ ގެސްޓް ހައުސްއިން ބައިވެރިވީ މާކެޓު ހޯދުމުގެ މަގްސަދުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އޮކިއުޕެންސީ އުޅެނީ އަދި 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދު. އަދި އަލަށް ހުޅުވައިގެން އުޅޭތީ މާކެޓު އެހާ ރަނގަޅެއް ނޫން. އެހެންވެ މާކެޓު ހޯދަން އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން،" ޖުމްލަ 29 ކޮޓަރީގެ އެ ގެސްޓު ހައުސްގެ އެމްޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ގެސްޓް ހައުސެއް ހުޅުވީ އެރަށަށް ލޯކަލް ޓުރިޒަމް ފުޅާ ކުރުމުގެ މަގްސަދުގައި، މާލެ އަދި ހުޅުމާލެ ނޫން އެހެން ތަނެއްގައި މާލެ ސަރަހައްދުން ފަތުރުވެރިންނަށް ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ވިޝާމް ވިދާޅުވީ ވެކޭޝަންސް އެކްސްޕޯގައި ޝޯކޭސް ކުރާނީ އެ ގެސްޓް ހައުސް ކަމަށާއި އެ މައުރަޒާމެދު ވަރަށް ފޮނި އުއްމީދު ކުރާ ކަމަށެވެ. އަދި އެ މައުރަޒުގައި ބައިވެރިވީ ރަނގަޅު މާކެޓަކަށް ރީޗް ވާނެ ކަމުގެ ފޮނި އުއްމީދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިނޯވާ ގެސްޓް ހައުސް ހުންނަނީ މާލެއިން ފަސް މިނެޓު ކައިރީގައި އޮންނަ ވިލިމާލޭގެ އިރުމަތީ ފަރާތު ބީޗު ކުރިމައްޗަށް ވާ ގޮތަށެވެ.

ވެކޭޝަންސް އެކްސްޕޯ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރު އޯގަސްޓު މަހުގައެވެ. އެއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓްރެވަލް ފެއާ އެވެ. މިއަހަރު އެ އެކްސްޕޯގެ ދެވަނަ އެޑިޝަން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު އެވެ.

comment ކޮމެންޓް