ލޯބިވެރިން ފާރަލަނީ މިހެން، ސަމާލުވޭ!

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރު ފުރުމުން އެ އަންހެން ކުއްޖާގެ ލޯބިވެރިޔާ ހަދިޔާއަކަށް ދިނީ ފޯނެކެވެ. އޭރު ބާޒާރުގައި އެންމެ ނަން ވިދާލާ ބްރޭންޑްގެ ފޯނެކެވެ. ކޮންމެ އަކަސް އެއީ އޭނާ އަށް ލިބިގެންދިޔަ ބޮޑު އުފަލަކާއި "ސަޕްރައިޒް" އަކަށް ވެގެންދިޔައެވެ. އަދި ފަހުން ލިބުނު ސަޕްރައިޒް މާބޮޑެވެ.

މާކަ ގިނަ ދުވަހެއްނުވެ އެވެ. ތަފާތު މައްސަލަތައް ޖެހެން ފަށައިފި އެވެ. އޭގެން ވެސް އެންމެ ހައިރާން ކުރުވަނިވި ކަމަކީ ނުލާހިކު ސިއްރުން ކުރާ ފޯން ކޯލްތަކާއި މެސެޖްތައް ތަފްސީލާއާ އެކު ލޯބިވެރިޔާއަށް އެނގޭތީ އެވެ. ކޮންމެ އަކަސް އެ މައްސަލަ މާބޮޑުވެއްޖެ އެވެ. އެތައް ގޮތަކުން ވެސް މިވާގޮތެއް ނޭނގުނެވެ.

އެންމެ ފަހުން އެއަންހެން ކުއްޖާ ތުހުމަތު ކުރަނީ އޭނާއަށް ހިދުމަތްދޭ މުއާސަލާތީ ކުންފުންޏަށެވެ. އެކުންފުނީގެ މީހަކާ ގުޅިގެން އޭނާގެ ލޯބިވެރިޔާ އެމައުލޫމާތުތައް ހޯދާ ކަމަށެވެ. ގާނޫނު އަސާސީ ބުނާ ގޮތުން އެފަދަ މުއާމަލާތްތަކަކީ ސިއްރު އެއްޗިއްސެވެ.

ކޮންމެއަކަސް އަންހެން ކުއްޖާގެ ހިތްހަމަ ނުޖެހުންތަކާ އެކު އެ މައްސަލަ މިހާރު ވަނީ އިންވެސްޓްގިގޭޓްކޮށްފަ އެވެ. އެކަންވީގޮތް ބެލިއިރު އުޅެނީ މުއާސަލާތީ ކުންފުނީގެ މައްސަލައެއް ނޫނެެވެ. އެއީ އެއަންހެން ކުއްޖާގެ ލޯބިވެރިޔާ އެފޯން އޭނާ އަށް ދިން އިރު ފޯނަށް އަޅާފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށް އެފިރިހެން ކުއްޖާ ހޯދާ މައުލޫމާތުތަކެވެ.

ސަމާލުވޭ އެފަދަ އެޕްލިކޭޝަންތައް ގިނަ

ފޯނުގައި ހުންނަ މައުލޫމާތުތައް އެހެން ފޯނުން ބެލޭ ތަފާތު އެޕްލިކޭޝަންތައް ހުރެ އެވެ. ހިލޭ ޑައުންލޯޑް ކުރެވޭ އެޕްލިކޭޝަންތަކާއި ގަނެގެން ބޭނުންކުރެވޭ އެޕްލިކޭޝަންތަކެވެ. އެފަދަ އެޕްލިކޭޝަންތައް އެފޯނަކަށް އެޅުމަށް ފަހު އެފޯނަށް އެޕްލިކޭޝަނަށް އަޅާފައި ހުންނަކަން ނޭނގޭ ގޮތަށް "ހައިޑް"ކުރެވެ އެވެ.

އެއެޕްލިކޭޝަން އަޅާފައިވާ ފޯނުން ކުރާ ފޯން ކޯލްތަކުގެ މައުލޫމާތާއި އެ ކޯލްތަކުގެ އަޑުގެ އިތުރުން އެސްއެމްއެސްތަކާއި ނަގާ ފޮޓޯތައް އެއެޕްލިކޭޝަން އެޅި މީހާއަށް އެހެން ފޯނެއް މެދުވެރިކޮށް ބެލެ އެވެ. އަދި ފޭސްބުކާއި ވައިބާ ފަދަ ސޯޝަލް މީޑިއާގެ ޗެޓްލޮގްތައް ވެސް ބަލައިހެދެ އެވެ.

"އެފޯނުން ކުރާ ކަންކަން ބެލޭނެ، ފޮޓޯއެއް ނެގިޔަސް ލިބޭނެ، ފޭސްބުކް ވެސް، އަދި ވަކިވަރަކަށް ޕޭކޮށްފިއްޔާ ކޯލް ސައުންޑް ރެކޯޑް ވެސް ލިބޭނެ،" އައިޓީ ދާއިރާގެ ތަޖުރިބާކާރަކު ބުންޏެވެ.

އެކަހަލަ އެޕްލިކޭޝަނެއް އެޅިކަން އިނގޭނީ ކިހިނެއް!

އެފަދަ އެޕްލިކޭޝަނެއް ތިމާގެ ފޯނަށް ނޭނގި ނަމަވެސް އަޅާފައިވާ ނަމަ ފޯނުން ޑޭޓާގެ ހަރަދު ބޮޑުވާނެ އެވެ.

އެފަދަ އެޕްލިކޭޝަނެއް އަޅާފައިވާ ނަމަ އެކަން ބެލުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެއީ އެއެޕްލިކޭޝަންތައް ހައިޑްކޮށްފައި ހުންނަލެއް ބޮޑުކަމުންނެވެ.

"ވަރަށް އުނގަދޫވާނެ، ގިނަ ފަހަރަށް ކޮންމެވެސް އާންމު އެޕްލިކޭޝަނެއްގެ ތެރޭގައި ނުވަތަ އެނޫން ވެސް އެގޮތަށް އިންނާނީ، ވަރަށް އެނގޭ މީހަކަށް ނޫނީ އިންނަކަން ހޯދާކަށް ނޭނގޭނެ،" ރާއްޖޭގެ މުއާސަލާތީ ދާއިރާގައި މަސައްކަތް ކުރައްވާ އިސް ފަރާތަކުން ވިދާޅުވި އެވެ.

އެފަދަ ޝައްކެއް ވާނަމަ މީގައި އެންމެ ރަނގަޅު ގޮތަކީ ފޯން ރިސެޓްކޮށްލުމެވެ. ފޯނު ގަންނައިރު ހުންނަ އެޕްލިކޭޝަންތައް ފިޔަވައި އެހެން ހުރިހާ އެޕްލިކޭޝަނެއް ޑިލީޓްވާގޮތަށް ރީސެޓްކޮށްލުމުން ހައިޑްކޮށްފައިވާ އެއެޕްލިކޭޝަން ވެސް ޑިލީޓްވާނެ އެވެ.

މުއާސަލާތީ ކުންފުނިތަކުން ނުބަލާކަމުގެ ޔަގީންކަންދޭ

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ފޯނުން ކުރާ މުއާމަލާތްތައް ފަދަ މުއާމަލާތްތަކަކީ ކޮންމެ މީހެއްގެ ވެސް ޒާތީ ސިއްރު މައުލޫމާތުތަކެވެ. އެ މައުލޫމާތުތަކަކީ ސިއްރުއެއްޗިއްސެވެ. ގައުމީ ސަލާމަތައް ނުވަތަ ކުށެއް ކުރުމަށް ކުރާ މުއާމަލާތްތައް ވެސް ބެލޭނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫއިން ޔަގީންކަންދޭ ގޮތުގައި އެ ކުންފުނިތަކުން ކަސްޓަމަރުންގެ ކޯލްތައް އަޑުއެހުން ފަދަ ކަންކަން ނުކުރާނެ އެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވަނީ އެކަންކަން ނުކުރެވޭގޮތަށް ކަމަށް ވެސް ކުންފުނިތަކުން ބުނެ އެވެ.

ކިތަންމެ ލޯބިން ދިނަސް އަދި ކިތަންމެ އިތުބާރު ކުރާ މީހެއްގެ އަތައް ދިނަސް ދިރިއުޅުމުގެ ހުރިހާ ކަމެއް ގުޅިފައިވާ ފޯނަށް ސަމާލުކަން ދޭންޖެހޭލެއް އިތުރުކުރާށެވެ. ތިމާގެ ޒާތީ މައުލޫމާތުތައް ހޯދައިގަންނަން ފަސޭހަ މަގުތަކެއް ހޯދައިފި އެވެ. އެކަންކަމަށް އިތުރަށް ސަމާލުވާށެވެ.

comment ކޮމެންޓް