އަލިފުށްޓާއި މީދޫ މެޗު މިއަދު ހަވީރު އުނގޫފާރުގައި، ފޯރިއެއް އެބަހުރި!

މިނިވަންޗެމްޕިއަންޝިޕް އަލިފުށި އަދި މީދޫ ބައްދަލުކުރާމެޗު--ފޮޓޯ/ މީދު ފުޓްބޯޅަ ކުލަބް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރ. އަތޮޅު ބުރުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމު ކަމަށްވާ އަލިފުށްޓާއި މީދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އުނގޫފާރަށް ޖަމާވާން ފަށައިފިއެވެ.

ޖުމުލަ 6 ޓީމު ބައިވެރިވާ ރ. އަތޮޅު ބުރުގެ ދެވަނަ މެޗުގައި އެ އަތޮޅުގެ ދެ ބިތުގައި އޮންނަ ދެ ރަށުން ކުޅޭއިރު މި ދެޓީމުން އެންމެ ފަހުން ވާދަވެރި މުބާރާތެއްގެ މެޗެއްގައި ވާދަކޮށްފައިވަނީ 2009 ވަނަ އަހަރު އޮތް އަތޮޅު މުބާރާތުގައެވެ. އެމެޗުން މޮޅުވީ އަލިފުށްޓެވެ.

އަލިފުށީ ޓީމަށް އަލްވަދާއު ކިޔުމަށް އެރަށު ގިނަ އަދަދެއްގެ ރައިޔިތުން އެ ރަށުގެ ބަނދަރު މަތީގައި--ފޮޓޯ/ އަލިފުށީ ފުޓްބޯޅަ ޓީމް

ސަން ސްޕޯޓްސްއާ ވާހަކަދައްކަމުން މިވަގުތު ޓީމާއެކު ކުޅެންގޮސް އުނގޫފާރުގައި ހުރި އަލިފުށީ ކައުންސިލް މެންބަރު އަލީ އަޒްމީން ވިދާޅުވީ، އަލިފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން އުނގުފާރަށް ގޮސްފައިވާ ކަމަށާއި އުންމީދަކީ މި މެޗުން މޮޅުވެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ.

"ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ސަޕޯޓަރުން މިއަދުގެ މެޗުގައި އަލިފުށީ ޓީމަށް ސަޕޯޓް ދިނުމަށް އުނގޫފާރަށް އަންނާނެކަމަށް މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

އަލިފުށީ ޓީމު އުނގޫފާރަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަލިފުށި ސަޕޯޓަރުން އުނގޫފާރަށް ދިޔުމަށް ތައްޔާރުވަނީ -- ފޮޓޯ/އަލިފުށީ ފުޓްބޯޅަ ޓީމް

މީދޫ ޓީމުގެ މެނޭޖަރު ރަހުމަތުﷲ ސަން ސްޕޯޓްސްއަށް ވިދާޅުވީ މިއަދުގެ މެޗަށް އެރަށު ޓީމު އުނގޫފާރަށް ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި ޓީމަށް ސަޕޯޓް ކުރުމަށް 400 އެއްހާ ސަޕޯޓަރުން އުނގޫފާރަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އުނގޫފާރަށް ދިޔުމަށް މީދޫ ބަނދަރު މަތީގައި-- ފޮޓޯ/ މީދޫ ފުޓްބޯޅް ކުލަބް

" ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބަލަން ދާނެ. އުންމީދަކީ މެޗުން މޮޅުވުން. މިހާރު މިއޮތީ ކުރިއާބަލާއިރު މާވަރުގަދަ މާޒުވާން ޓީމެއް،" އޭނާ ވިދާޅުވިއެވެ.

މީދޫ ފުޓްބޯޅަކުލަބުގެ ފަރިތަކުރުން ތަކުގެތެރެއިން-- ފޮޓޯ/ މީދޫ ފުޓްބޯޅް ކުލަބް

މިނިވަން ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ބުރުގައި އިއްޔެ ރަސްމާދޫއާ އުނގޫފާރު ބައްދަލުކުރި މެޗުން މޮޅުވީ އުނގޫފާރެވެ.އުނގޫފާރުގެ ބޯޅަ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.

އަލިފުށީ އަދި މީދޫ ބައްދަލު ކުރާ މެޗު ފެށޭނީ މިއަދު ހަވީރު 16:00 ގައެވެ.

comment ކޮމެންޓް