ޑާކްރެއިން އެންޓަޓެއިންމެންޓުން، އަންނަ ބުދަ ދުވަހުގެ ރޭ ރިލީޒް ކުރަން ތައްޔާރު ވެފައިވާ ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯޔްބަކީ"ގެ މޭކިން ބެލުންތެރިންނަށް ދައްކާލައިފިއެވެ. އެ ފިލްމުގެ ޓީމުން ބުނަނީ ފިލްމު ބަލަން އޮލިމްޕަހަށް ވަންނަ އެންމެން ހެއްވާލާނެ ކަމަށެވެ.
ފިލްމުގެ އޮފިޝިއަލް ޓްރެއިލާ އާއި ދެ ލަވައެއް ބެލުންތެރިންނަށް މީގެ ކުރިން ވަނީ ދޫކޮށްލާފައެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ " މީ ލޯތްބަކީ" ކާމިޔާބު ވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި އާންމު ކޮށްފައިވާ އެފިލްމުގެ މޭކިން ހާއްސަ ކޮށްފައިވަނީ ފިލްމުގެ މަންޒަރުތައް ޝޫޓް ކުރުމުގައި ދިމާވި ހާއްސަ ކަންކަމާއި ފިލްމާ ބެހޭ ގޮތުން ތަރިން ދައްކާ މުހިއްމު ވާހަކަ ތަކުގެ މައްޗަށެވެ. ހުރިހާ ތަރިންވެސް ބުނަނީ އެއީ ވަރަށް މަޖާ ފިލްމަަކަށް ވާނެ ކަމަށެވެ. އަދި އޮލިމްޕަހަށް ދާން ވާނީ ހޭން ތައްޔާރު ވެގެން ކަމަށެވެ.
"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި ލީޑު ރޯލުން ފެނިގެންދާނެ އައްޒަ އާއި ޖުމައްޔިލް---
ބައެއް ތަރިންގެ އިންޓަވިއުތައް މޭކިން ގައި ހިމަނާފައިވާއިރު ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ މަރިޔަމް އައްޒަ ބުނީ، ޑާކްރެއިން އެންޓަޓެއިންމެންޓާ އެއްކޮށް ފިލްމެއްގެ މަސައްކަތް ކޮށްލަން ލިބުމުން ވަރަށް އުފާވި ކަމަށާއި ބޮޑު ޓީމަކާ އެކު މަަސައްކަތް ކުރި އެ ފިލްމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަަމަށެވެ.
ފިލްމީ ދާއިރާގެ ތަޖުރިބާ ހުރި ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންގެ ހުނަރު "މީ ލޯތްބަކީ" އިން ފެނިގެންދާނެއެވެ. ނަމަވެސް އަލަަށް ތައާރަފްވާ ކުދިން ވެސް ބުނަނީ އެކަހަލަ ބޮޑު ޓީމަކާ އެކު މަަސައްކަތް ކޮށްލަން ލިބުމުން ޝޫޓިން ތެރޭގައިވެސް ދަތިތަކާއި ކުރިމަތި ނުވާ ކަމަށާއި ތަޖުރިބާ ހުރި ތަރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެެ.
"މީ ލޯތްބަކީ" ގެ މޭކިން----
އަލީ ޝިފާއު އާއި އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަކަށް އުފައްދާފައިވާ "މީ ލޯތްބަކީ" އިން ގިނަ ސަޕްރައިޒް ތަކެއް ފެނިގެންދާނެ ކަމަށާއި އެ ހުރިހާ ސަޕްރައިޒްތައް ބަލާލަން ހޭން ތައްޔާރުވެގެން އޮލިމްޕަހަށް ވަޑައިގަތުމަށްވެސް ހުރިހާ ތަރިން ވަނީ ބުނެފައެވެ.
މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވާ "މީ ލޯތްބަކީ" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަމުންދާއިރު އެ ފިލްމުގެ ޓީމުން އަންނަނީ ޕްރިމިއަރ ނައިޓަށް އެންމެ ފުރިހަމައަށް ތައްޔާރު ވަމުންނެވެ.