އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫން، ހައްލަކީ ގަޟާޤަދަރަށް އީމަންވުން: ހުތުބާ

ވިލިމާލެ ގަބުރުސްތާން---ސަަން ފޮޓޯ: މުހައްމަދު އަފްރާހް

އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫންކަމަށާއި އިންސާނުންނަށް މުސީބާތްތައް މިންވަރު ކުރައްވަނީ، އިންސާނާ ހަލާކުކޮށް އަޒާބު ދެއްވުމަށް ނޫންކަމަށާއި ނަަމަވެސް އެ އިންސާނާ ﷲ ސުބުހާނަހޫ ވަތައަލާގެ ޤަޟާ ޤަދަރަށް އީމާންވާ މިންވަރެއް ބައްލަވައި އެ ކަލާނގެ ހަޟްރަތަށް ކުއްތަންވާ މިންވަރެއް ބެއްލެވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޤަޟާގަދަރަށް އީމާންވުން މި މައުލޫގެ ދަށުން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ ޤަޟާގަދަރަށް އީމާންވެއްޖެ މީހަކު އެމީހެއްގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަ ޖެހުމާ އެކު ކަމަށެވެ. އަދި ޤަޟާގަދަރަށް އީމާންވާ މީހަކު ފިތުނައިގެ ސަބަބުން ގުޑުގުޑު އަޅައިގެންނުދާނެ ކަމަށާއި އަދި ދަތި އުނދަގޫ ހާލަތުގައި އެމީހަކު ބަލިކަށިވެގެންނުދާނެ ކަމަށެވެ.

އަދި ބުނެފައިވަނީ ޤަޟާ ގަދަރަށް އީމާންވުމުން ނަފްސާނީ ގޮތުން ތިމާ ވަރުގަދަވެ، އިއްޒަތުއް ނަފްސް ރައްކާތެރިކުރުމުގެ އިތުބާރު ބޮޑުވުމާއި ހިތްހަމަޖެހިލައިގެން ދިރިއުޅުންވޭތި ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިރިއުޅުން ފަސޭހަވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ނުބައިކަމެއްކަމަށާއި ޤަޟާގަދަރަށް އީމާންވާ މީހުންގެ ފަރާތުން އެފަދަ އަމަލުތައް ނުފެންނަކަމަށްވެސް ޚުޠުބާގައި ވެއެވެ.

" ޤަޟާގަދަރަށް އީމާންނުވާމީހުން ތިމާއަށް ދިމާވާ މުސީބާތްތަކަށް ކެތް ނުކުރެވިގެން އަމިއްލައަށް މަރުވާ މައްސަލަ ގިނަ. އެއީ ނުބައި އަމަލެއް. އަމިއްލައަށް މަރުވާ މީހުން އެކަން އެގޮަތަށް ކުރަނީ ކިހިނެތް ވެގެންތޯ ބަލާއިރު ފެންނަނީ ދިމާވާ ކުދިކުދި ކަންތައްތަކަށް ކެތް ނުކުރެވިގެން އަމިއްލަ ނަފްސު މަރާލަތަން. ނަމަވެސް އެއީ އިސްލާމް ދީނުގައި މަނާކުރައްވާފައިވާކަމެއް،" ޚޅުތުބާގައިވެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ އިންސާނާއަށް ކުރިމަތިވާ މުސީބާތްތަކުގައި އަބަދު ފޮރުވިފައި ވަނީ އުނދަގޫތަކެއްނޫން ކަމަށެވެ. އެކަމަކީ އިންސާނުންގެ ނަޒަރުގައި މުސީބާތެއްގެ ގޮތުގައި ފެނުނަސް އެކަމުގައި ފޮރުވިފައިވާ ހެޔޮކަންތައްތަކެއް ވާކަމަށާއި ނަމަވެސް އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުހާނަހޫވަތައާލާ ކަމަށް ވަނީ ބުނެފައެވެ. އަދި މުސީބާތެއް ކުރިމަތިވާ ހިނދު އެކަމާ ހިތްހަމަނުޖެހި ކެތްތެރިނުވެ، ނުރުހުންވުމަކީ މާތް ﷲ ގެ ކޯފާއަށް އެމީހަކު ހުށަހެޅި އެމީހަކީ އަބާއްޖަވެރިއެއްގެ ގޮތުގައި ނަރަކައިގައި ދެމިހުރުން ކުރިމަތިވެދާނެކަމަށް ވަނީބުނެފައެވެ.

" ހުރިހާ ކަމެއް މެދުވެރިވެގެންދާނީ މާތް ﷲ ގެ އިރާދަފުޅާއި އިލްމުފުޅުންކަން އެނގޭނަމަ ބިރު ގަނެ ހިތް ނުތަނަވަސް ވާކަށް ނުޖެހޭނެ. އިމާންކަމުގެ ސަބަބުން ހިތުގައި އަމާންކަމާއި ޔަގީީންކަން އިތުރުވެގެންދާނެ،" ހުތުބާގައި ބުނެފައިވެއެވެ.

"ދުނިޔެއިން އެކަލާނގެ ދެއްވާ ދީލަތި ނިއުމަތްތަކަށް ކިބުރުވެރިނުވާށެވެ. އެކަލާނގެ އެ ނިއުމަތްތައް ގެންދެވި ނަމަވެސް އެކަމާ މާޔޫސްވެ ދިރިއުޅުން ހަލާކުކޮށްނުލާށެވެ. ހެޔޮގޮތް މިންވަރުކުރައްވައި އަދި އެ ނިއުމަތް ގެންދެވީވެސް އަޅާ އިމްތިހާން ކުރުމުގެ ގޮތުން ކަން ރުހި ގަބޫލުކޮށް ދިމާވާ މުސީބާތްތަކަށް ކެތްތެރިވާށެވެ."

ހުތުބާގައި ބުނެފައިވަނީ މާތް ﷲ ދެއްވާ ނިއުމަތަށް ޝުކުރުވެރިވެއްޖެ ނަމަ އެ ނިއުމަތް އިތުރުކުރައްވާނެ ކަމަށާއި އަދި ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންވެއްޖެނަމަ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް