އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

އޭޝިއަން ޗެމްޕިއަންޝިޕަށް ފުރި ރާއްޖޭގެ ގައުމީ ޓީޓީ ޓީމު: މުބާރާތުގެ ކުރިން ޗައިނާގައި އެއް ހަފްތާގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވޭ --- ފޮޓޯ/ ޓީޓީއޭއެމް

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމު ޗައިނާއަށް ފުރައިފިއެވެ.

މިފެށޭ މަހުގެ 9 އިން ފެށިގެން 16ގެ ނިޔަލަށް ޗައިނާގެ ވޫޝީގައި ކުރިއަށްދާ އެ މުބާރާތަށް މިއަދު ހަވީރު ފުރި ޓީމުގައި ހިމެނެނީ އަންހެން ހަތަރު ކުޅުންތެރިންނާ ފިރިހެން ތިން ކުޅުންތެރިންނެވެ. އޭގެ އިތުރުން ޓީމުގެ އެންމެ އިސް އޮފިޝަލެއްގެ ގޮތުގައި ދަތުރުގައި ބައިވެރިވެފައިވަނީ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ)އެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ ޓީމު ޗައިނާގެ ނަންޖިން ސިޓީގައި އެއް ހަފްތާގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އެ ޕްރޮގްރާމްގެ ތެރެއިން ޕްރޮވިންސް ލެވެލްގެ ކުޅުންތެރިންނާއެކު އެކުވެރިކަމުގެ މެޗުތަކަށް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ، ޗައިނާގެ ޓްރޭނިން ޕްރޮގްރާމްގެ ކަންތައް ހަމަޖެހުނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ފުކާންގެ ބެއްލެވުމުގެ ދަށުން ޗައިނާ ސަރުކާރުން ކަމަށާއި ޗައިނާގެ ސަރުކާރަށް އެސޯސިއޭޝަންގެ ފަރާތުން ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި ދަތުރުގެ ކަންތައްތައް ހަމަޖެއްސުމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދީފައިވާ އެހީތެރިކަން ފާހަގަކޮށް ސަރުކާރަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަހަރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހޯދާ ނަތީޖާ ރަނގަޅުވެއްޖެނަމަ، އަންނަ އަހަރު ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ. އެ މުބާރާތުން ޖާގަ ލިބޭނީ މިއަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ރޭންކިންއަށް ބެލުމަށްފަހުއެވެ. އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްފަހު ރާއްޖޭގެ ޓީމު އެނބުރު ގައުމަށް އައުމަށް ހަމަޖެހިފައިވަނީ މިފެށޭ މަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ގައުމީ ޓީޓީ ޓީމު

އަންހެން ކުޅުންތެރިން:

  • އައިޝަތު ޝިއުރާ ޝަރީފް
  • އައިޝަތު ރަފާ ނާޒިމް
  • ފާތިމަތު ޖުމާނާ ނިމާލް
  • އައިޝަތު ފަދުވާ ރަޝީދު

ފިރިހެން ކުޅުންތެރިން:

  • މޫސާ މުންސިފް އަހްމަދު
  • މުހައްމަދު ޒީސްތު ނަސީމް
  • މުހައްމަދު ޝައްފާން އިސްމާއީލް

ކޯޗު: ޗަމިންދާ ރޮޑްރިގޯ

comment ކޮމެންޓް