ޓްރާންސިޓުކޮށްފައި އަށް މަންޒިލަކަށް ދަތުރުކުރެވޭ ގޮތަށް ރާއްޖެ-ތައިލެންޑް ވައިގެ ދަތުރުގެ އެއްބަސްވުމެއް

ތައިލެންޑާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އާ އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ ޕީއެސްއެމް

ރާއްޖެއާ ތައިލެންޑާ ދެމެދު ވައިގެ ދަތުރުތައް އިތުރަށް ފުޅާކުރުމާ ބެހޭ ގޮތުން ބޭއްވި މަޝްވަރާތައް ނިންމައި، މަޝްވަރާކުރެވުނު ކަންތައްތަކުގެ މައްޗަށް ހިމެނޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ެއެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލާއި، ތައިލެންޑްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ޗޫލާ ކުމުމަނޮޕްއެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއް އެކުލަވައިލީ 1989 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ތައިލެންޑު އަދި ރާއްޖޭގެ އެއާލައިންތަކަށް ފިފްތު ފްރީޑަމް ރައިޓްސް އޮފް އެއާ ނުވަތަ އެއް ގައުމުގައި ޓްރާންސިޓުކޮށްފައި އެހެން ގައުމަކަށް ފުރުމުގެ ހައްގު ލިބޭ ނަމަވެސް، މިވަގުތު އެގޮތަށް ދެ ގައުމުގެ އެއާލައިނުތަކަށް ވެސް ދަތުރުކުރެވެނީ ތިން މަންޒިލަށެވެ.

މިއަދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެއާލައިންތަކަށް ތައިލެންޑުގައި، އަދި ތައިލެންޑުގެ އެއާލައިންތަކަށް ރާއްޖޭގައި ޓްރާންސިޓުކުރުމަށްފަހު އަށް މަންޒިލަށް ދަތުރުކުރެވޭނެ އެވެ. އަދި މީގެ ކޮންމެ މަންޒިލަކަށް ހަފްތާއަކު ހަތް ދަތުރު ކުރެވޭނެ އެވެ.

ފިފްތު ފްރީޑަމް ރައިޓްސް ފުޅާކުރުމުގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް، ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަށްޓަކައި ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމަށް ސޭފްޓީއާ ބެހޭ މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން އެއް ގައުމުން އަނެއް ގައުމަށް ފަންނީ އެހީތެރިކަން ދިނުމާއި، އެއާލައިނުތަކުން އެދޭ އެއާޕޯޓު ސްލޮޓު ގަޑިތައް ހަމަޖެއްސުމަށް އެހީތެރިވެދިނުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.

ރާއްޖެއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދޭ ގައުމަށް ވާ އިރު، މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ތައިލެންޑަށް ސީޕްލޭން އޮޕަރޭޝަނުގެ ދާއިރާގައި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

ތައިލެންޑާއި ރާއްޖެއާ ދެމެދު މިވަގުތު ދަތުރުކުރަނީ ތައިލެންޑުގެ ތައިލެންޑްގެ ބެންގްކޮކް އެއާވޭސްއާއި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނެވެ. މޯލްޑިވިއަނުން މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބެންގްކޮކްގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ހަ ދަތުރު ކުރެއެވެ. އަދި ބެންގްކޮކް އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި ބެންގްކޮކްގެ ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަތުރު ކުރެއެވެ.

ތައިލެންޑަކީ ވިޔަފާރިއާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ. އަދި ރާއްޖެއަށް ތައިލެންޑުގެ 16،400 އެއްހާ ފަތުރުވެރިން މިދިޔަ އަހަރު ވަނީ ޒިޔާރަތް ކޮށްފައެވެ.

comment ކޮމެންޓް