ފިނޭންސްގެ ހޮޓްލައިން "1617" ތައާރަފްކޮށްފި

ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން "1617" މިއަދު ތައާރަފްކޮށްފި އެވެ.

އެ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހޮޓްލައިން ތައާރަފްކޮށްދެއްވީ އެ މިނިސްޓްރީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ، އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ސީނިއާ އެޑްމިން އޮފިސަރު ފާތިމަތު ރައީފާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މިނިސްޓްރީއަށް އަންނަ 80 ޕަސެންޓު ކޯލުތަކަކީ ޕޭމަންޓް ކަންތަކުގައި އަންނަ ކޯލްތައް ކަމަށެވެ. އެއާ އެކު އެ މިނިސްޓްރީ ވެފައި އޮތީ ކޯލް ސެންޓަރަކަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފިނޭންސްގެ ހޮޓްލައިން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުނައްވަރު މީޑިއާއަށް މައުލުމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ނަމަވެސް މި ހިދުމަތް ތައާރަފު ކުރުމުން އެއް ނަމްބަރަކަށް ގުޅާލައިގެން މިފަދަ މައުލޫމާތުތައް ހޯދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އެއީ ހަމަ އެކަނި ހޮޓްލައިނެއް ކަމުގައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅު ކުރެވޭނެ އެވެ. އަދި އޭނާ ބޭނުން ވަނީ މިއަހަރު ނިމުމުގެ ކުރިން ކަސްޓަމަރު ބޭނުންވާ މައުލޫމާތު އެސްއެމްއެސް އަކުން ލިބޭނެ ގޮތް ހަމަޖައްސައި އެ ޚިދުމަތް ވެސް ތައާރަފް ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ތައާރަފު ކުރި "1617" ހޮޓްލައިނުން ޕޭމަންޓާއި ބިޑްތަކާއި ގުޅޭ މައުލޫމާތު ދޭނެ އެވެ. މި ސެންޓަރުން ހިދުމަތް ލިބޭނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.

comment ކޮމެންޓް