ސްވައިން ފުލޫއާ ގުޅިގެން އެޗްޕީއޭއިން ނެރުނު އެލާޓް ކެންސަލްކޮށްފި

ފުލޫއާ ގުޅިގެން ބަޔަކު ޑޮކްޓަރަށް ދައްކަން ގޮސް --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފުލޫ ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު އެލާޓް ލެވެލް ތިނެގެ ހާލަތެއް މިހާރު ނެތް ކަމަށާއ، މިހާރު އުޅެނީ އާންމު ރޯގާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން އެލާޓް ކެންސަލްކޮށް އާންމު ރޯގާއެއް ކަމަށް ބުނެފައިވާއިރު އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 48 ގަޑިއިރު ތެރޭގައި 23 މީހަކު ވަނީ އެޗްވަންއެންވަންއަށް ޕޮސިޓިވްވެފަ އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތުން މިހާރު ކަން ކުރަމުން ގެންދަނީ އާންމުކޮށް ރޯގާ އުޅޭއިރު ކަންކުރާ އުސޫލުން ކަމަށެވެ.

އެހެންކަމުން އާދިއްތަ ދުވަހުން ފެށިގެން ކުދިން ސުކޫލަށް ފޮނުވުން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

"މިހާރު ބަލިފެތުރުމުގެ ހާލަތު ރަނގަޅުވެފައި ވާތީ ސުކޫލުތަކަށް ކުދިން ފޮނުވުން އެންމެ ރަނގަޅުކަމުގައި ބެލެނިވެރިންގެ މައުލޫމާތައް ޓަކައި ދެންނެވިން،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްޕީއޭއިން އެލާޓް ކެންސަލްކޮށް ބަޔާން ނެރިފައިވާއިރު ފެށޭ ހަފްތާ ސުކޫލުތައް ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެޑިއުކޭޝަނުން މިދިއަ ހަފްތާ ވެސް ސުކޫލުތައް ހުޅުވި އެވެ. ނަމަވެސް ބަލި ފެތުރޭތީ ބެލެނިވެރިން ވަނީ ކުދިން ސުކޫލަށް ނުފޮނުވާފަ އެވެ.

ވޭތުވެ ދިޔަ ހަފްތާގައި ދެ ދުވަހު ސުކޫލަށް މަދު ކުއްޖެއް ގޮސްފައިވާތީ ހަފްތާގެ ފަހު ތިން ދުވަސް ވެސް ސުކޫލުތައް ބަންދުކުރަން އެޑިއުކޭޝަނުން ނިންމީ އެވެ.

އަރިދަފުސް ރޯގާ ވައިރަލް ހުން އަދި އިންފުލުއެންޒާ ފަދަ ބަލިތަކަކީ އަބަދުވެސް އުޅެމުންދާ މޫސުމީ ރޯގާތަކެއް ކަމުގައި ވާތީ އޭގެ ރައްކާތެރިވުމަށް ސާފު ތާހިރުކަން ދެމެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންފުލުއެންޒާ އެޗްވަންއެންވަން އަށް ޕޮސިޓިވްވި ހަ މީހަކު މިހާތަނަށް މަރުވެފައިވާއިރު އިއްޔެ 20 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދިޔައީ ފަރުވާދެމުންނެވެ.

comment ކޮމެންޓް