ޗައިނާ ގެންދަނީ އެފްރިކާ އިސްތިއުމާރުކޮށް އަޅުވެތި ކުރަމުން: ޔޫރަޕް

ޓަޖާނީ

ބްރަސަލްސް (މާޗް 30): ޗައިނާއިން އެފްރިކާގެ ގައުމުތައް އިގްތިސާދީ ގޮތުން އިސްތިއުމާރުކޮށް އަތްދަށުލަމުން ގެންދާކަމަށާއި މީގެ އަހަރުތަކެއް ފަހުން އެފްރިކާ، ޗައިނާގެ ބައެއްކަމަށް ވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ޔޫރަޕުން ބުނެފިއެވެ.

ޔޫރަޕިޔަން ޕާލެމެންޓްގެ ރައީސް އެންޓޯނިޔޯ ޓަޖާނީ ވިދާޅުވީ ޗައިނާ، އެފްރިކާގެ ގައުމުތަކުގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރުން އިންވެސްޓް ކުރަމުންގެންދިޔުމުގެ ނަތީޖާއަކީ އެފްރިކާގެ ގައުމުތައް ޗައިނާގެ އިގްތިސާދީ ކޮންޓްރޯލްގެ ދަށަށްދިޔުމެވެ. ޖަރުމަނުގެ ނޫހެއްކަމަށްވާ ދިވިލެތަށް ދެއްވި ބަސްދީގަތުމެއްގައި ޓަޖާނީ ވިދާޅުވީ ޗައިނާއިން އެފްރިކާގައި އިންވެސްޓްކުރަމުން ގެންދާތާ ވިއްސަކަށް އަހަރުވެފައިވާއިރު އެފްރިކާގެ ގައުމުތަކުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަކީ މިހާރު ޗައިނާ ކަމުގައެވެ.

މީގެކުރިން އެފްރިކާގެ ގައުމުތަކުގެ އެންމެ ބޮޑު އިގްތިސާދީ ބައިވެރިއަކީ ޔޫރަޕެވެ. މިއީ ޗައިނާއާ ގާތްކުރާ މިންވަރަށްވެސް ޔޫރަޕުން އެފްރިކާގެ ގައުމުތަކުގައި އިގްތިސާދީގޮތުން އިންވެސްޓް ނުކުރުމުގެ ނަތީޖާ ކަމަށާއި މިނަތީޖާއަށް ބަލާފައި ޔޫރަޕުން އެފްރިކާގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރުން އިންވެސްޓްކުރަންޖެހޭ ކަމަށް ޓަޖާނީ ވިދާޅުވިއެވެ.

އެފްރިކާގައި އިންވެސްޓް ކުރުމުގައި ޗައިނާ، ޔޫރަޕާ ވަރަށް ތަފާތެވެ. އެފްރިކާގެ ގައުމުތައް އިސްތިއްމާރުކޮށް އަޅުވެތިކޮށްގެން ގުޅުނީ ޔޫރަޕުންނެވެ. އެފްރިކާގެ ގައުމުތަކަށް ސިޔާސީ ގޮތުން މިނިވަންކަން ދިނުމަށްފަހު ޔޫރަޕުން މަސައްކަތްކުރީ އިގްތިސާދީގޮތުން އެފްރިކާ އަޅުވެތި ކުރުމަށެވެ. މިގޮތުން ޔޫރަޕުން ގެންގުޅުނީ އެފްރިކާގެ ގައުމުތަކުގައިވާ ގުދްރަތީ ރޯމެޓީރިއަލްސް ހެޔޮއަގުގައި ޔޫރަޕަށް އިންޕޯޓްކޮށް އެތަކެތި ޔޫރަޕްގެ ފެކްޓްރީތަކުގައި ޕްރޮސެސްކޮށް ސިނާއީ މާއްދާތަކަށް ބަދަލުކޮށްގެން އެފްރިކާއަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް އިންތިހާއަށް ބޮޑު އަގުގައި ވިއްކައިގެން ބޮޑު ފައިދާ ހާސިލް ކުރުމުގެ ސިޔާސަތެވެ.

މިސިޔާސަތުގެ ސަބަބުން އެފްރިކާގެ ގައުމުތައް ދިޔައީ ދުވަހެއް ދުވަހަކަށް ފަގީރުވަމުންނެވެ. އިގްތިސާދީ ގޮތުން ޔޫރަޕަށް އަޅުވެތިވެ އަބަދު ޔޫރަޕަށް ސަލާމްޖަހާށެވެ. ޔޫރަޕުން އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނަށް ތައުލީމާއި ތަމްރީނެއް ނުދެއެވެ. އަދި އެފްރިކާގެ ގައުމުތަކުގައި ފެކްޓްރީ ތަކެއްވެސް ބިނާކޮށެއް ނުދެއެވެ.

މިއާޚިލާފަށް ޗައިނާ ގެންދަނީ އެފްރިކާގެ ގައުމުތަކުގެ ރޯމެޓީރިއަލް ޚުދު އެފްރިކާގެ ގައުމުތަކުގައި ޕްރޮސެސްކޮށްގެން ދުނިޔޭގެ ބާޒާރަށް ނެރެމުންނެވެ. މިކަމަށް ބޭނުންވާ ފެކްޓްރީތައް ޗައިނާއިން ބިނާކޮށްދެނީ ވެސް އެފްރިކާގެ ގައުމުތަކުގައެވެ. އަދި އެފްރިކާގައި ގާއިމްކުރާ ފެކްޓްރީ ތަކުގައި މަސައްކަތްކުރާ މީހުންނަކީވެސް އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނެވެ. މިކަން ޗައިނާއިން ކުރަނީ އެފްރިކާގެ ގައުމުތަކުގައި ފެކްޓްރީތައް ބިނާކުރުމަށާއި ފެކްޓްރީތަކުގައި މަސައްކަތް ކުރުމަށް އެފްރިކާގެ ރައްޔިތުން ތަމްރީން ކުރުމަށް އެތަށް ބިލިޔަން ޑޮލަރެއް އިންވެސްޓް ކޮށްގެންނެވެ.

އަނެއްކޮޅުން އެފްރިކާގެ ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ޗައިނާ ނުވަދެއެވެ. ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ފިކުތަކާއި އައިޑިއޮލޮޖީތައް އެފްރިކާގައި ފަތުރައި އެފްރިކާގެ ގައުމުތަކުގައި ފިތުނަ އުފެއްދުމަށް ޔޫރަޕުން މަސައްކަތްކުރާއިރު ޗައިނާއިން މިކަންވެސް ނުކުރެއެވެ. ޗައިނާގެ ސަބަބުން އެފްރިކާގައި ދާޚިލީ ހަނގުރާމަތައް ހައްލުވުމަށް މަގުފަހިވާއިރު ޔޫރަޕްގެ ސަބަބުން އެފްރިކާގެ ގައުމުތަކުގައި ފެތުރެނީ ދާޚިލީ ހަނގުރާމަތަކާއި އަރާރުންތަކެވެ.

ޔޫރަޕިޔަން ޕާލެމެންޓްގެ ރައީސް އެންޓޯނިޔޯ ޓަޖާނީ ވިދާޅުވީ ޗައިނާ ހަމައެކަނި އަމާޒުކުރަނީ އެފްރިކާގެ މުއްސަނދިކަމުގެ ބޭނުން ހިފުމަށް ކަމަށާ އެފްރިކާގެ ގައުމުތަކުގެ އިޖްތިމާއީ ކަންކަމާ ޗައިނާ އަޅާނުލާ ކަމުގައެވެ. މިގޮތުން އެފްރިކާގެ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ބޭރުވާމީހުންގެ ހުރިހާ ބުރައެއް އުފުލަންޖެހެނީ ޔޫރަޕަށް ކަމަށާ ޗައިނާއަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން ހިޖްރަކުރާމީހުންގެ ތެރެއިން ދެބައިކުޅަ އެއްބައެއްހާ މީހުންނަކީ އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނެވެ. ޗައިނާއަކީ ހިޖްރަކުރާމީހުންނަށް މަރްހަބާކިޔާ ގައުމަކަށް ނުވެފައި ޗައިނާއަކީ އެފްރިކާއާއި ދުރުގައުމެއްކަމުން އެފްރިކާގެ ރެފިއުޖީންނެއް ޗައިނާއަކަށް ނުދެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް