އުމުރުން 12 އަހަރުގައި ސުޓޯކް ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދާ އަނާ--

ނ. ވެލިދޫ ޑިއަރެސްޓް ވިލާ، 12 އަހަރުގެ އައިމިނަތު އަނާ އިބްރާހިމް މާލެ އައީ، ބޭބެ ގައުމީ ގުރުއާން މުބާރާތަށް ހޮވިގެން މަންމަ މާލެ އައިއިރު ޗުއްޓީއަކަށެވެ. މިދިޔަ ހަފްތާ އަންގާރަ ދުވަހެވެ. ހުޅުމާލޭގައި އުޅެމުންދިޔަ ގޭގައި ކޮއްކޮމެންނާއެކު ކުޅެން ބެލްކަނީގައި ހުރެފައި ކުއްލިއަކަށް ގެއަށް ވަދެ "މަންމާ ބޮލަށް ގޮތެއް ވަނީ" އޭ ބުންޏެވެ. ދެން ކުއްލިއަކަށް ވެއްޓެމުން ވެއްޓެމުން ކަހަލަ ގޮތަކަށް ވެއްޓި ހޭނެތުނީއެވެ.

"ބެލިއިރު ހެޔެއް ނެތް. އަނގައިން ލޭ އައިސް ހުރި. ލެއާއެކު އަރިދަފުސް ކަހަލަ އެއްޗެއްވެސް ހުރި އައިސް،" އަނާގެ ބައްޕަ އިބްރާހިމް މުހައްމަދު ބުންޏެވެ.

ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް އަނާ ގެންދިޔައެވެ. އެ ހޮސްޕިޓަލުން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. ސްކޭންތައް ހެދުމަށްފަހު ޑޮކްޓަރުން ބުނީ 12 އަހަރުގެ އަނާއަށް ސުޓޯކްކެއް ޖެހި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

"އޭގެ އަނެއް ދުވަހު އޮޕަރޭޝަން ކޮށްފިން، އޮޕަރޭޝަންކޮށް ލޭތައް ނެގީ،" އަނާގެ ބައްޕަ ބުންޏެވެ.

އުމުރުން 12 އަހަރުގައި ސުޓޯކް ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދާ އަނާ--

މިހާރުވެސް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުންދާ އަނާ އަދިވެސް ހޭ ނާރުވައެވެ. ޑޮކްޓަރުންނާ ހަވާލާދީ އަނާގެ ބައްޕަ ބުނީ ހޭނާރުވައި ބާއްވާފައި ވަނީ ބައެއް މައްސަލަތައް އުޅޭތީ ހޭއެރުވުން ރަނގަޅު ކަމަށް ނުފެންނާތީ ކަމަށެވެ.

"އިއްޔެގައި ޑޮކްޓަރު ބުނި ރަނގަޅޭ. އެކަމަކު މިއަދު ބުނި ރަނގަޅެއް ނުވޭ، ކުރިއެރުމެއް ނުލިބޭ،" އިބްރާހިމް ބުންޏެވެ.

އަނާގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތް ނުކުރަނީއެވެ. އެ ހާލަތުގައި އޮއްވައި ހޭއަރުވައިފިނަމަ އިތުރު މައްސަލަތަކެއް ދިމާވެދާނެތީ އަދި ހޭނާރުވަން ޑޮކްޓަރުން ނިންމީއެވެ.

އިބްރާހިމް ބުނި ގޮތުގައި އަނާގެ އުމުރުން ތިން އަހަރުގައި ކަޅި ހުއްޓުމުގެ މައްސަލައެއް ކުރިމަތިވިއެވެ. ނަމަވެސް ވެލިދޫގައި ހުރި ޑޮކްޓަރަށް ދެއްކުމުން އެދުވަހުން އެދުވަހަށް އެކަން ހައްލުވިއެވެ. އޭގެ ފަހުން އެފަދަ ސިއްހީ އެއްވެސް މައްސަލައެއް އަނާގެ ފަރާތުން ފާހަގަނުވާ ކަމަށް އޭނާ ބައްޕަ ބުންޏެވެ.

އަނާގެ އާއިލާގައި ތިބެނީ ހަތަރު ކުދިންނެވެ. އޭގެ ތެރެއިން އަކީ އަކީ ދެ ވަނައަށް އެންމެ ދޮށީ ކުއްޖެކެވެ. އަދި ހަމައެކަނި ހުރި އަންހެން ދަރިފުޅެވެ. އެއާއިލާގެ އެހެން ކުދިންގެ ފަރާތުން ސިއްހީ އެފަދަ މައްސަލައެއް ފާހަގައެއްނުވެ އެވެ.

އަނާގެ ބައްޕަ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ދަރިފުޅުގެ ހާލަތު ރަނގަޅުވިހާ އަވަހަކަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ.

"ޑޮކްޓަރުން ބުނަނީ ކޮންމެ ތާކަށް ގެންދިޔަސް މިހާރު ދޭ ފަރުވާއޭ ދެވޭނީ، އެހެންވެ ހޭނާރާ އޮށްވައި ނުގެންދެވޭނެތާ، ދެން ޑޮކްޓަރުން ބުނާ ވާހަކަ ނޫންތޯ ގަބޫލް ކުރަންވާނީ، އަޅުގަނޑު ބޭނުންވަނީ އަނާ މިއަށް ވުރެ ރަނގަޅުވީހާ އަވަހަކަށް ބޭރަށް ގެންގޮސް ފަރުވާ ދޭން،" އަނާގެ ބައްޕަ ބުންޏެވެ.

ކުއްލިއަކަށް ދިމާވި އެހާދިސާގައި ހަމައެކަނި ހުރި އަންހެން ދަރިއަށް ޖެހުނު ހާލާއި މެދު ކަންބޮޑުވެފައިވާ އެއާއިލާއިން އިތުރު ފަރުވާއަށް ދިއުމަށް އެދެނީ ދީލަތި އެހީއަކަށެވެ.

އަނާއަށް އެހީތެރިވުމަށް:

އިބްރާހިމް(ބައްޕަ): 7765832

އެކައުންޓް:

އިބްރާހިމް މުހައްމަދު: ‎7705323001101

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް