ގާސިމް ފުލުހަށް ހާޒިރު ކުރުމުން، އެމްއެމްއޭ ކައިރިއަށް ބަޔަކު އެއްވެއްޖެ

ގާސިމް ފުލުހަށް ހާޒިރު ކުރުމުން، އެއްވި މީހުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރު ކުރުމުން، އިދިކޮޅު ސަޕޯޓަރުން ޖުމްހޫރީ މައިދާނާ ދިމާލު، އެމްއެމްއޭ ކައިރިއަށް އެއްވެއްޖެ އެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް، ގާސިމް މިރޭ ވަޑައިގެންނެވި ވަގުތު އެމަނިކުފާނާއެކު އިދިކޮޅު ފަރާތްތައް ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. ގާސިމް ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ ޖުމްހޫރީ މައިދާންގެ ތެރެއިން ކަހަލަ ގޮތަކަށެވެ. ގާސިމްގެ ފަހަތްޕުޅުން އެހެން ބޭފުޅުން ވަޑައިގަންނަވަން އުޅުމުން ފުލުހުން ވަނީ އެ ބޭފުޅުން ހުއްޓުވައި، ގާސިމް އެކަނި ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު ދީފަ އެވެ. ގާސިމާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލު ވެސް ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ.

އެވަގުތު ގިނަ ބަޔަކު ތިބީ ޖުމްހޫރީ މައިދާން ތެރޭ ކަހަލަ ގޮތަކަށެވެ. ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން ދުރަށް ޖައްސައި، އެމްއެމްއޭއަށް ވުރެ ފަހަތަށް ޖައްސާފަ އެވެ.

ގާސިމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު، އެމަނިކުފާނާކު އިދިކޮޅު ފަރާތްތައް ހިންގަވާފައި ވަޑައިގެންނެވީ މ. ކުނޫޒަާށް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެމްއެމްއޭއާ ދިމާލަށް އެއްވި މީހުން ސަރުކާރާ ދެކޮޅަށް އަޑު އުފުލި އެވެ. އެމްއެމްއޭ އާއި މަސް މާރުކޭޓު ސަރަހައްދުގެ ގޯޅިތަކާއި މަގުތަކަށް އެއްވެފައި ތިބި މީހުން، ދުރަށް ޖެއްސުމަށް ފުލުހުން އެކި ފަހަރު މަތިން މަސައްކަތް ކުރި އެވެ. ނަމަވެސް ދުރަށް ޖެއްސުމާއެކު އެކިއެކި ގޯޅިތަކުގެ ކަންމަޗަކަށް ދިޔައީ އެއްވަމުންނެވެ.

އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރޭގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުން ހިމެނެ އެވެ.

އެމްއެމްއޭއާ ދިމާލަށް އެއްވެފައި ތިބި މީހުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

އެމްއެމްއޭއާ ދިމާލަށް އެއްވި މީހުން ގާސިމް ފުލުސް އޮފީހުން ނުކުންނަންދެން، މަގުމަތީގައި މަޑުކޮށްގެން ތިއްބެވެ. ފުލުހުންގެ ފޮނުވި ޗިޓަކާ ގުޅިގެން މިރޭ 8:30ގައި ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު، ގާސިމް ފުލުސް އޮފީހުން ނުކުންނެވީ މިރޭ 12:00 ޖެހިފަހުންނެވެ.

comment ކޮމެންޓް