ފުލޫއަށް އިތުރު 23 މީހަކު ޕޮސިޓިވް ވެއްޖެ، އެޗްޕީއޭއިން ވިދާޅުވަނީ އާންމު ހާލަތެއް ކަމަށް

އައިޖީއެމްއެޗްގެ ފުލޫ ކްލިނިކުގައި ބަޔަކު ޑޮކްޓަރަށް ދައްކަން މަޑުކޮށްލައިގެން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެ ދިޔަ ދެދުވަހު އިތުރު 23 މީހުން އެޗް1އެން1 އަށް ޕޮސިޓިވްވި ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވާއިރު އެއީ އާންމު ހާލަތެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މީގެ ދެދުވަސް ކުރިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 48 ގަޑިއިރު ތެރޭގައި 14 މީހުން ވަނީ އެޗް1އެން1 އަށް ޕޮސިޓިވް ވެފަ އެވެ. ނަމަވެސް ވޭތުވެ ދިތަ 48 ގަޑިއިރު ތެރޭގައި މި އަދަދު ވަނީ އިތުރުވެފަ އެވެ.

ހެލްތް ޕރިޓެކްޝަން އެޖެންސީގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތީ މީހުންނަށް އެއްވެ އުޅެވޭ ވަރުގެ އާންމު ހާލަތެއް ކަމަށެވެ. އަދި އެޗް1އެން1 އަށް ޕޮސިޓިވް ވާ މީހުންގެ އަދަދު އިތުރު ވުމަކީ ބަލި ކޮންޓްރޯލް ނުވުން ނޫން ކަމަށް މައިމޫނާ ވިދާޅުވި އެވެ.

" ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުކަމަށް ފާހަގަކުރެވެނީ. އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް މަދު. އެހެންވީމަ މިއީ އާންމު ހާލަތެކޭ ބުނެވިދާނެ. އެއްވެ އުޅޭ ތަންތަނަށް ނުކުތުމަކީ މައްސަލައެއް ނޫން. އެކަމަކު ރޯގާ ޖެހިއްޖެ ނަމަ ގޭގައި މަޑުކުރުން ރަނގަޅީ" މައިމޫނާ ވިދާޅުވި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދއްކާގޮތުން ވޭތުވެ ދިޔަ ދެދުވަހު އަރިދަފުސް ރޯގާ ޖެހިގެން 1154 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަދި އޭގެ ތެރެއިން 73 މީހަކު ޓެސްޓްކުރި އިރު 23 މީހަކު ވަނީ އެޗް1އެން1 އަށް ޕޮސިޓިވް ވެފަ އެވެ.

މިހާރު އެޑްމިޓްކޮށްގެން 20 މީހަކަށް ފަރުވާ ދެމުން ދާއިރު، ފަރުވާ ހޯދުމަށް ފަހު ވޭތުވެ 48 ގަޑިއިރު ތެރޭގައި ވަނީ 10 މީހަކު ދޫކޮށްލާފަ އެވެ.

comment ކޮމެންޓް