ރާއްޖެއާ ތައިލެންޑާ ދެމެދު ވައިގެ ދަތުރުތައް ފުޅާކުރަނީ

ތައިލެންޑާއި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކުގެ ބައްދަލުވުން ކުރިޔަށް ދަނީ --- ފޮޓޯ/ ސިވިލް އޭވިއޭޝަން

ތައިލެންޑާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް އިތުރަށް ފުޅާކުރުމާ މެދު މަޝްވަރާތައް ފަށައިފިއެވެ.

ރާއްޖެއާއި ތައިލެންޑާ ދެމެދު ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއް އެކުލަވައިލީ 1989 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި މިހާރު ކުރިޔަށްދާ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރުމަށް ދެގައުމުން އައްޔަނުކޮށްފައިވާ އެއާލައިންތަކަށް މިހާރަށް ވުރެ ހުޅުވާލެވިފައިވާ މާހައުލެއްގައި ވައިގެ ދަތުރުގެ ޚިދުމަތް ދިނުމުގެ މަގު ފަހިކޮށްފިނުމަށްޓަކައި، 1989 ވަނަ އަހަރުގެ އެއްބަސްވުމަށް އިސްލާހު ގެނައުމާ ބެހޭގޮތުން ވާހަކަތައް ކުރިޔަށް ދާނެއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ކުރިޔަށްދާ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލާއި، ތައިލެންޑްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޗޫލާ ސުކުމަނޯޕެވެ.

ދެ ދުވަހުގެ މުއްދަތަށް މި ބައްދަލުވުން ކުރިޔަށްދާ އިރު، މަޝްވަރާކުރެވިގެން އެއްބަސްވެވޭ ނުކުތާތަކުގެ މައްޗަށް ބިނާކުރެވޭ އެމްއޯޔޫއެއްގައި ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ތައިލެންޑާއި ރާއްޖެއާ ދެމެދު މިވަގުތު ދަތުރުކުރަނީ ތައިލެންޑުގެ ތައިލެންޑްގެ ބެންގްކޮކް އެއާވޭސްއާއި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނެވެ. މޯލްޑިވިއަނުން މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބެންގްކޮކްގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ހަ ދަތުރު ކުރެއެވެ. އަދި ބެންގްކޮކް އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި ބެންގްކޮކްގެ ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަތުރު ކުރެއެވެ.

ތައިލެންޑަކީ ވިޔަފާރިއާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ. އަދި ރާއްޖެއަށް ތައިލެންޑުގެ 16،400 އެއްހާ ފަތުރުވެރިން މިދިޔަ އަހަރު ވަނީ ޒިޔާރަތް ކޮށްފައެވެ.

comment ކޮމެންޓް