ކުޑަކުދިންނަށް އިންފުލުއެންޒާ ފުލޫ ވެކްސިން ޖަހައިދިނުމުގެ ހިދުމަތް އައިޖީއެމްއެޗް އިން ފަށައިފި އެވެ.
މީގެ ކުރިން އައިޖީއެމްއެޗް އިން އެވެކްސިން ޖަހައިދެމުން ދިޔައީ ހަމަ އެކަނި މާބަނޑު މީހުނަށެވެ. ނަމަވެސް މިހާރު އުމުރުން ހަ މަހާއި 35 މަހާ ދޭތެރޭގެ ކުޑަކުދިންނަށް ދަނީ އެހޮސްޕިޓަލުން ވެކްސިން ދެމުންނެވެ.
އައިޖީއެމްއެޗްއިން ކުޑަކުދިންނަށް ވެކްސިން ޖަހައިދެނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 2:00 އިން 4:00 އަށެވެ.
އެވެކްސިން ޖަހައިދިނުމުގެ ހިދުމަތް މޯލްޑިވްސް ބުލަޑް ސާވިސް އިން ވެސް ވަނީ ފަށައިފަ އެވެ. ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ރެއަކު 20:00 އިން 22:00 އެ ސާވިސް އިން ވެކްސިން ޖަހައިދެނީ ދުވާލަކު 100 މީހުނަށެވެ.
އޭޑީކޭ، ސެނަހިޔާ، ދަމަނަވެށި އަދި ހުޅުމާލެ ވިލިމާލެ ހޮސްޕިޓަލުން ވެސް އަންނަނީ ވެކްސިން ޖަހައިދެމުންނެވެ. ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދަ އެވެ.
ތަޖުރިބާކާރު ޑޮކްޓަރު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި އެޗްވަންއެންވަންއަށް ދޭ ވެކްސިން އަކީ އެފަދަ ފުލޫ ރޯގާތަކުން ސަލާމަތްވުމަށް އޮތް ފުރުސަތެއް ކަމަށެވެ.
އިންފުލުއެންޒާ ވެކްސިން ޖެހުމުގެ ކުރިން ސަމާލުވާންވީ ކަންކަން
- އުމުރުން ހަމަސް ނުފުރޭ ކުދިންނަށް ވެކްސިން ނުޖެހުން
- އެއްވެސް ކަހަލަ އެލާޖީއެއް ހުންނަ ނަމަ ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރާ މަޝްވަރާކުރުން
- ގިއާން ބާރޭ ސިންޑްރޮމް (ޖީބީއެސް) ހުންނަ ކުދިން ވެކްސިން ނުޖެހުން
- އެއްވެސް ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނަމަ ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރާ މަޝްވަރާކުރުން