އޯޑިޓުން ފެލިވަރު ފާސްވެ، ބޮޑެތި މާކެޓުތަކަށް ވަނުމުގެ ފުރުސަތު ބޮޑުވެއްޖެ

މާލެ މަސްމާރުކޭޓު ތެރެއިން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ބައިނަލްއަގުވާމީ އެންމެ މަތީ ފެންވަރުގެ މާކެޓުތަކާއި ބްރޭންޑުތަކަށް މަސް ސަޕްލައި ކުރުމަށް ޓަކައި ވަކި މިންގަނޑުތަކަކަށް ފެތޭތޯ ބެލުމަށް ކުރި އޯޑިޓްއިން ފެލިވަރު ފާސްވެއްޖެ އެވެ.

މިފްކޯއިން މިއަދު ބުނީ އެ އޯޑިޓަކީ އިނގިރޭސި ވިލާތުގެ އެންމެ ނަން މަޝްހޫރު އެއް އޮޑިޓް ފާމަކުން ކުރިއަށް ގެންދިޔަ އޯޑިޓެއް ކަމަށެވެ. އެ އޮޑިޓް އިއްޔެގެ ނިޔަލަށް ނިމި، އޮޑިޓުން ފާސްވެފައިވާ އިރު ސަޕްލައި ކުރުމަށް އޯޑަރުތަކެއް ވެސް ލިިބިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއު އެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ އެކުންފުނީގެ އެންމެ ބޮޑު މާކެޓަކީ އިނގިރޭސި ވިލާތް ކަމަށާއި، ނަމަވެސް ކުންފުނި ބައިބައި ކުރުމުގެ ސަބަބުން އެ މާކެޓަށް ސަޕްލައި ނުކުރެވި، އެ މާކެޓު ގެއްލިފައިވާ ކަމަށެވެ. އަދި މި އޮޓިޓުން ފާސް ވެއްޖެ ނަމަ އެ މާކެޓު ލިބުމަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ބޭރުގެ ފަރާތްތަކުން ކުރާ އެފަދަ އޮޑިޓްތަކަކީ ރާއްޖޭގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އަދި އެފަދަ އޮޑިޓްތަކުގެ ތެރެއިން ރާއްޖޭގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތަކަކީ ތިމާވެއްޓާ ރައްޓެހި، ދޮށީގެ މަސްވެރިކަމުން ބަންދު ކުރެވޭ ތަކެތިތޯ ބެލުމުގެ އިތުރުން މާކެޓުތައް ތިމާވެއްޓާ ރައްޓެހި ގޮތަށް ބާނާ މަހަށް ހޭލުންތެރި ކުރުވުމާއި މަސް ބަންދުކުރާ ކޮލިޓީ ދަނެގަތުމުގެ އިތުރުން އެ ފަރާތްތަކުން ބޭނުންވާ މިންވަރަށް ސަޕްލައި ކެޕޭސިޓީ ހުރިތޯ ބަލަ އެވެ.

މިފްކޯގެ ފެލިވަރު، އެ އޮޑިޓުން ފާސްވެފައިވާ އިރު، އޮޑިޓް ކުރި ކުންފުނިން މިހާރު ވަނީ ފެލިވަރުގެ އުފެއްދުންތެރިކަން ދެގުނަކޮށް ބައިނަލްއަގުވާމީ ބްރޭންޑުތައް ތައާރަފް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. މިފްކޯއިން ބުނި ގޮތުގައި، އެ މަސައްކަތުގެ ދަށުން ފެލިވަރުގެ ޕްރޮޑަކްޝަން ފެސިލިޓީގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން އިތުރު 200 މުވައްޒަފުން ހޯދުމަށް މިފްކޯ އިން ވަނީ މިހާރު ފުރުސަތު ހުޅުވާލާފަ އެވެ.

"މިފްކޯ އިން ގަބޫލު ކުރާ ގޮތުގަ އާއި އަދި ކުރެވިފައިވާ އޯޑިޓްތަކުން ލިބިފައިވާ ގްރޭޑުތަކަށް ބަލާއިރު ފެލިވަރުގައި މަސް ބަންދު ކުރާ ކާރުޚާނާ އަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބްރޭންޑުތަކަށް ވެސް ބަންދުކުރެވޭ ފެންވަރުގެ ކޮލިޓީ ފެންވަރު ހުރި އަދި މުވައްޒިފުންގެ ހޭލުންތެރިކަން ހުރި ގާބިލު މުވައްތިފުން ތިބި ފެކްޓަރީއެކެވެ،" މިފްކޯއިން ބުންޏެވެ.

comment ކޮމެންޓް