ހަދީޖާގެ ޖުމްލައާއެކު ޖާބިރުގެ މޫނުމަތިން ވެސް މާޔޫސްކަމާއި މޮޅިވެރިކަމުގެ ލިސާންތައް ފާޅުވިއެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލި ހިނދު ޚިޔާލުތަކުގެ ވާފަށްތައް ގުޅިލާމެހި ސިފަވާން ފެށީ އެއްގޮތަކަށް ވެސް އޭނަ ހަނދާންކުރަން ބޭނުންވި ދުވަސްތަކެއް ނޫނެވެ. އެހިތި ހަދނާންތަކާ ދުރަށް ދާން އޭނަ ބޭނުން ވިއެވެ. އެއީ އޭނަގެ މުޅި ހަޔާތުގައި ވެސް ކުރިމަތިލާންޖެހުނު އެންމެ ގިލަންވެރި ދުވަސްތަކެވެ. އޭނަގެ މުޅި ޢާއިލާ ބަރުބާދުވެގެން ދިޔަ ދުވަސް ވެސް މެއެވެ.

''ޖާބިރު... ހަމަ އެންމެ ސުވާލެއް ކުރަން އަހަރެން ބޭނުމީ، އަހަރުމެން ނެތް ދުނިޔެއެއްގައި ޝާޢާއަށް އުފާވެރި ޚަޔާތެއް ލިބޭނެތަ؟...'' ޖާބިރުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ހަދީޖާ އެހި އެވެ. އެސުވާލުގެ ޖަވާބަށް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާކަން ހާމަކޮށްދެނީ އެމޫނުން ފެންނަމުން ދިޔަ ޝުއޫރުތަކުންނެވެ. މިހާރަކަށް އައިސް އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. ފެންނަމުންދާ އިންޒާރުތަކުގެ ރަނގަބީލުތައް ނުފެންނަ ކަމަކަށް ހެދޭކަށް ނެތެވެ. ހަމައެއާއެކު މާޒީގައި ކަންވެދިޔަ ގޮތް ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދެވޭކަށް ވެސް މެއެވެ. އޭނައާއި ޖާބިރުގެ ދިރިހުރުމުގެ ހުޅުކޮޅު އެވަނީ ނިވެން ކައިރިވެފައެވެ. ޖާބިރު ފާޅުނުކުރިކަމުގައި ވިޔަސް އޭނައަށް ޖާބިރުގެ ދެލޮލުން މާޔޫސްކަމާއި ނާއުއްމީދުގެ އޮއެވަރު ފާހަގަ ކުރެވެއެވެ. ޝާޢާގެ މުސްތަޤުބަލާ މެދު ބިރުގެންފައިވާ މިންވަރު ވެސް މެއެވެ. އެއްއިރެއްގައި ވެސް ޖާބިރުގެ ހުނަރާ މެދު ޝައްކު އުފައްދާކަށް އޭނަ ބޭނުމެއް ނުވެއެވެ. އޭނަގެ ޢާއިލާއަށް އެހިސާބަށް ވެސް އާދެވިފައިވަނީ ޖާބިރުގެ ހުޝިޔާރުކަމާއި ޤާބިލުކަމުންނެވެ. އެހެނަސް ޖާބިރުގެ އިހުހުރި ހަކަތައެއް މިހާރަކު އެހަށިގަނޑަކު ނުވެއެވެ. އަންނަން އުޅޭ ގަދަފަދަ ތޫފާނާ ކުރިމަތިލާނެ ހިތްވަރެއް ވެސް މެއެވެ. ޖާބިރު އެދަނީ މުސްކުޅި ބަލީގެ ޝިކާރައަކަށް ވަމުންނެވެ. ހުރިހާކަމެއް ބޮއްސުންލައިގެން ހިނގައިދާނެކަމުގެ ބިރު އޭނަގެ ހިތުގައި ވަކިހިއްޕާލާފައި އެވަނީ އެސަބާ ހުރެއެވެ. އެމީހުން ނެތް ދުނިޔެއެއްގައި ހުރިހަމައެކަނި މާމަ ދަރިފުޅަށް ވެދާނެ ގޮތަކާމެދު އޭނަ ބިރުގަނެއެވެ.

''ޖަވާބެއް ދީބަލަ...'' އެތައް މިނެޓެއް ފާއިތުވެ ދިޔަފަހުން ވެސް ޖާބިރުގެ ފަރާތުން އިޝާރާތެއް ނުލިބުމުން ޖާބިރުގެ އަތުގައި ހާދީޖާ ހިފާލިއެވެ. ހަދީޖާގެ އެހަރަކާތުން ޖާބިރަށް ސިހުމެއް ލިބުނެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ހަދީޖާއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލަން ޖެހުނެވެ. އޭނަގެ ހިތުގައި ވަންހަނާ ކުރެވިފައިވާ އުދާސްތައް ހަދީޖާއާ ހިއްސާކުރެވޭކަށް ނެތެވެ. އޭގެ ސަބަބުން ގޭގެ މަސްލަހަތައް ބޮޑު އިންޤިލާބެއް އައިސްދާނެތީއެވެ. ބިރުވެރިކަން އުފެދިދާނެތީ އެވެ. އެއާއެކު އޭނައަށް މިފަހަރު ވެސް މަޖުބޫރުވީ އޭނަގެ އަންހެނުން އަނދިރީގައި ބަހައްޓާށެވެ.

''ހަދީޖާ ކަންބޮޑުނުވެބަލަ... މިހާ ތަނަށް ވެސް ހުރިހާކަމެއް ބަލަހައްޓަމުން މިއަންނަނީއެއްނު، އަހަރެން އެދޭނީ އެންމެ ކަމަކަށް، ކުރިން ވެސް އަހަންނަށް އިތުބާރުކުރި ފަދައިން މިފަހަރު ވެސް އަހަންނަށް އިތުބާރުކުރޭ...'' ޖާބިރު އެދުނެވެ.

''އަހަންނަށް ތިކަން އެނގެޔޭ، އެކަމަކު ދުނިއުމުރަކަށް ހުރިހާކަމެއް އެގޮތުގައި ދެމިއެއް ނޯންނާނެއެއްނު، ކޮންމެވެސް އެއްދުވަހަކުން އަހަރުމެނަށް ހަޤީޤަތާ ކުރިމަތިލާން ޖެހޭނެ، އެދުވަހުން ޝާޢާއަށް އަހަރުމެން ދޭނީ ކޮން ޖަވާބެއްތަ؟... ހުރިހާ ނުރައްކަލަކުން ވެސް އެމަންޖެ ސަލާމަތްކުރަން އަހަރެން ބޭނުން...'' ހަދީޖާގެ ހިތުގައި އުފެދުނު އުދާސްކަން އޭނަގެ ލޮލުން ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިއެވެ. މިމަންޒަރު ބަލަން އިން ޖާބިރުގެ ހިތަށް އަސަރުނުކޮށެއް ނުދިޔައެވެ. އަވަސްއަވަހަށް ހަދީޖާގެ ގާތަށް ޖެހިލަމުން އެހިތަށް ލިބިފައިވި މާޔޫސްކަމަށް ލުއިކަމެއް ގެނެސްދެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އުނދަގޫކަމެއްކަން އެނގޭ އިރު ވެސް މެއެވެ. އެއީ އޭނަގެ ހަޔާތުގެ ދުވަސްވީ ބައިވެރިޔާއެވެ. މުސީބާތުގެ ވަގުތުގައި ހަދީޖާއަށް މަދަދުވެރިވުން އެއީ އޭނަގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ.

''މާޒީގައި ކަންވެދިޔަ ގޮތް ތަކުރާރުވެދިކަ ނުދޭނަން!، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވާނެ...'' ހަދީޖާގެ އަތުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނައަށް ހަދީޖާ ވިސްނަމުން އެދަނީ ކޮންކަމަކާއި މެދުގައިކަން ރަގަޅަށް އެނގުނެވެ. އެއުދާސްތަކުގެ ފަހަތުގައި ފޮރުވިފައިވި ސިއްރުތައް ވެސް މެއެވެ. އެއީ އޭނައާއި ވެސް ވަކިނުވާ ޖަޒުބާތުތަކެކެވެ.

*****

''އޭ، ކޮން ކަމަކަށް ގެއްލިފަތަ ތީންނަނީ؟، މަށަށް ނާންގާ ކަންތައްގަނޑެއް ހިންގަނީތަ؟، އަނެއްކާ މިއުޅޭ ޔޫނުސްއަށް ޖަވާބެއް ދިނީތަ؟...'' މެންދުރުގެ ކެއުމަށް އިންސާފުކުރަން އައިޝާއާއި ޝާޢާ ތިބީ އެއާރޕޯޓް ރެސްޓޯރެންޓްގައެވެ. ވަގުތުގެ ގޮތުން އެތާނގައި ގިނަ އަދަދެއްގެ މީހުން ހޭލަމޭލަވަމުން ދިޔަ އެވެ. އިރުކޮޅެއް ފަހުން އަތުގައި އޮތް އޫ ތަށީގެ ތެރެއަށް ދޫކޮށްލަމުން އައިޝާ އަނެއްކާ ވެސް ޝާޢާއަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އެހެނިހެން ދުވަސްތަކާއި ނުބައްދަލު އާދަތަކެއް ޝާޢާގެ ފަރާތުން އޭނައަށް ފެންނާތީއެވެ. ޝާޢާއަކީ އަނގަގަދަ ކުއްޖެކެވެ. އަބަދު ވެސް އެމޫނުގައި ތަފާތު ޖޯޝެއް ވާނެއެވެ. ނަމަވެސް މިއަދު ހީވަނީ ކަމަކާ މެދު މާބޮޑަށް ފިކުރު ހިންގުމުގެ ސަބަބުން ރޫހު ގެއްލިފައިވާހެންނެވެ. އައިޝާއަށް ހައިރާންކަން ލިބުނީ ވެސް އެސަބަބާ ހުރެއެވެ.

''ޝާ!، ވަޓްސް ރޯންގް، ގޭގަ ކަމެއް ވީތަ؟، މާމައާއި ކާފަ އަނެއްކާ ބަލީތަ؟...'' އައިޝާގެ އަޑުގައި މިފަހަރު ކަންބޮޑުވުން އެކުލެވިފައި ވިއެވެ.

''ގޭގަ ކަމެއް ދިމައެއް ނުވޭ، މާމަމެން ވެސް ރަގަޅު އެކަމަކު ރޭގަ ފެނުނު ހުވަފެނެއްގެ ސަބަބުން މޫޑު ކަޓާފަ މިހުރީ، އޭގެ މަތިން ހަނދާން ނެތިފަ ހުރެފަ ކުއްލިޔަކަށް ހަނދާން ވާން ފެށީ... ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީ... ހީވަނީ ހަޤީޤަތެއް ހެން...'' ސިކުނޑީގައި ހުރިހާކަމެއް ބައްކޮށްގެން ހުންނަން ވެއްޖެއްޔާމު އާޚިރު ނަތީޖާ ރަގަޅުނާވެކަން ދޭހަވުމުން އައިޝާއާއި އޭނަގެ އިހުސާސްތައް ޝާޢާ ހިއްސާކުރިއެވެ. ޝާޢާގެ ވާހަކަތައް އަޑުއަހަން ހުރި އައިޝާ ފެށީ ހޭށެވެ. އެއާއެކު ހިތްހަމަނުޖެހުނު ފަދައަކުން ޝާޢާ ލޯއަޅާލިއެވެ.

''ޝާ ވެސް ދޯ، ހުވަފެނަކީ ބިލާހެކޭ، ތީ އިހަށް ދުވަހު މިތާ މިއުޅޭ ޖާވިދު މިއަވަށު ކުއްޖަކު ޖިންނި މޮޔަވެއްޖެޔޭ ބުނީމަ އެކަމާ ވިސްނަމުން ގޮސް ފެނުނު ހުވަފެނެއް، އެހެންނޫނަސް އަހަރެން ޤަބޫލުކުރާކަމެއް ނޫން ތީ... ޒަމާން މިދަނީ ބަދަލުވަމުން، އިހުގެ ބޯދާ ވިސްނުންތައް ދޫކޮށްލަން އެބަޖެހޭ... ރަގަޅަށް ވިއްޔާ ޖާވިދު އެބުނާ ކުއްޖާ ވެސް މަޝްހޫރުވާން ޖެއްސި ސްޓަންޓެއްކަމަށް އެވާނީ، އަހަރުމެން ވެސް އިރުއޮއްސޭ ގަޑީގަ ދިޔަވަރުހިކިފަ އޮތިއްޔާ ދަމެއްނު ފަރުހިލަން، ދުވަހަކު އެބުނާ ޖިންނިއަކާ ދިމާވިތަ؟، ނުވެއެއްނު... މީހުން ދައްކާ ކޮންމެ ވާހަކައަކަށް އިތުބާރެއް ވެސް ނުކުރެވޭނެ، ޕްރޫފް ބޭނުންވާނެ ދޯ، ޝާ ވެސް ދެން ބޯގޯސް ކަންތަކާ މެދު ނުވިސްނާ...''

ގެނެސްފައި ހުރި އޮރެންޖު ޖޫސްތަށްޓަށް ލާފައި ހުރި ހޮޅީގައި ތުންޖަހައި ކޯވަރެއް ބޯލުމަށްފަހު އައިޝާ ވާހަކަ ދެއްކިއެވެ. އޭނައަށް ޝާޢާގެ ވާހަކަތައްވީ މަޖާ ކަމަކަށެވެ. އެކަމަށް އިތުރު ސަމާލުކަމެއް ވެސް ނުދިނީ އެހެންވެއެވެ. އޭނައަކީ އެއްއިރެއްގައި ވެސް ރޫޚާނީ ކަންތައްތަކުގެ ހަޤީޤަތް ޤަބޫލުކުރާ މީހެއް ނޫނެވެ. އޭނަ ޤަބޫލުކުރާ ގޮތުގައި އެއީ ކުރީގެ ދިވެހިންގެ ބޯދާ ވިންސުމެވެ. މިހާރު ޒުވާނުން އެއަށްވުރެ މިނިވަން ޚިޔާލެއް ގެންގުޅެން ޖެހެއެވެ. އޭނަ ޝާޢާއަށް ވިސްނައިދޭން އުޅުނީ ވެސް އެކަމެވެ.

''އެކަމަކު ހާދަ ހަޤީޤަތާ އެއްގޮތޭ، ހީވީ އެތާނގައި އަހަންނަށް ހުރެވުނުހެން...'' ޝާޢާއަށް އަދިވެސް އޭނަގެ ޚިޔާލުތަކުގެ ދުނިޔެއިން ނުނިކުމެވެއެވެ. އެބިރުވެރިކަން ތަޖުރިބާ ކުރަންޖެހުނީ އޭނައަށްކަމުގައި ވީތީ އެވެ.

''ވިލް ޔޫ ޖަސްޓް ލެޓް އިޓް ގޯ؟... އެންމެފަހުން ތިކަމާ ހުރެ ޝައްކުބަލި ވެސް ޖެހިދާނެ، އޭރަށް މިރަށުގަ އަޑު ފެތުރިދާނެ ޝާ ޖިންނި މޮޔަވެއްޖެޔޭ ކިޔާފަ... ގިނަފަހަރު މި ޖިންނިއޭ ބުނެގެން ވާ ކަންތައްތަކަކީ އަސްލު ނަފުސާނީ މައްސަލަތަކޭ... އިހު މީހުންނަށް ނޭގޭތީ ފަންޑިތާއާ އެއްޗެހި ހަދާ އުޅުނީ... ތި ބޭކާރު ވާހަކަތަކަށް ވުރެން ވިސްނަން ހުރި އެހެނިހެން ކަންތައް ވެސް އެބަހުއްޓެއްނު، ލައިކް ޔޫނުސް... މިހާރު ޔޫނުސްއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލިންތަ؟...... އެސޮރު މިއަދު ނުވެސް ފެނޭ، އަނެއްކާ އޭނައަށް ކިހިނެއް ވީބަ؟، އެހެންޏާ އަބަދު ހުންނާނީ ޝާގެ ފޫބުޑުގަ ވިއްދާލާފަ...'' އައިޝާގެ ޖުމްލައިން މިފަހަރު ޝާޢާ ގާތަށް ހިނިއައެވެ. އެއީ ހެޔޮ ބަދަލެއްކަމުގައި އައިޝާ ނިންމިއެވެ. އެއާއެކު އޭނަ އިތުރަށް ޔޫނުސްގެ މައުޟޫޢުއަށް ވާހަކަދެއްކިއެވެ. އެއީ ޝާޢާ ގަޔާވާ ކަމެއްކަން އެނގޭތީ އެވެ. ހަމައެއާއެކު ޝާޢާގެ ޚިޔާލުތަކުގެ ސަމުގާ ޔޫނުސަށް އަނބުރާލެވޭނެތީ ވެސް މެއެވެ.

''ޔޫނުސް ކޮއްކޮއަކު ބަލިވެގެން ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީ... އަދި އެތަނަށް ވެސް ނުދެވިގެން މިއުޅެނީ، މިއަދު ހަވީރު ވާނެ ގެއަށް ދާއިރު ހޮސްޕިޓަލަށް ވަދެލާފަ ދާން...'' ޝާޢާ ބުނެލިއެވެ.

''ހޫނނނ، ތީ ހަމަ ޔޫނުސްގެ މޫނު ބަލަން ކެތްނުކުރެވިގެން ދައްކާ ވާހަކައޭ...'' ދިމާކުރާ ރާގަކަށް އައިޝާ ބުނެލިއެވެ. އެއާއެކު ޝާޢާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވާން އުޅުނެވެ.

''ދެން ކޮން ދުވަހަކުން ޖަވާބު ދޭނީ؟، މިހާރު އޭނަ ލޯބި ވެސް ހުޝަހެޅީ، ގިނަ ދުވަސްވަންދެން ތިހެން ހިމޭނުން ހުރުން ރަގަޅެއް ނުވާނެ...... އެނގޭތަ މިތާ މިއުޅޭ ބަޑި ނަދުހާ ވަރަށް މޭކަރައިގަނެގެން އުޅެނީ ޔޫނުސް ޝާއާއެކު އުޅޭތީ، އޭނަގެ ފްރެންޑެއް މަ ގާތު ބުނީ... އެފަނިގަނޑުގެ ބަލާވެރިކަން ނުޖެހެނީސް އަވަހަށް ޔޫނުސްއަށް ޖަވާބެއްދޭން އުޅޭ، އެހެންނޫނީ ތެޔޮނާށި ކާޅު ގެންގޮސްފާނެ، އޭރަށް ފަހުން ހިތާމަކުރަން ޖެހިދާނެ...'' އޭނައަށް ބަލަން އިން ޝާޢާ އާއި ހަތަރުކަޅި ހަމަކޮށްލަމުން އައިޝާ ބުނެލިއެވެ. އޭނަގެ މަގުސަދުކަމުގައިވީ ޝާޢާއަށް ވިސްނައިދިނުމެވެ.

''އޭނައަށް ލާހިކެއް ނޫން މަގޭ ހައްޤަކަށް އަތްގަދަ ކުރާކަށް...'' ނަދުހާގެ ނަން އިވުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ޝާޢާގެ ހިތުގައި ވަންހަނާވެފައި އޮތް ސިއްރު އޭނަގެ ދުލުކުރިން ބޭރުވެއްޖެއެވެ. އެއާއެކު އައިޝާ ދެލޯބޮޑުކޮށްލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ އަތްތިލަބަޑި ޖަހާލަމުން ކަރުން ތޫލި ހަޅޭކެއްގެ އަޑު ނެރެލުމާއެކު މޭޒުމަތީ އޮތް ޝާޢާގެ އަތުގައި ހިފާލިއެވެ. ވަށައިގެން ހުރި މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުތައް ދެއެކުވެރިންނަށް އަމާޒުވިއެވެ. އެހެނަސް އެކަމަކަށް އެއިން އެކަކު ވެސް ސަމާލުކަމެއް ނުދިނެވެ. މީހުންގެ ނަޒަރިއްޔާތަކީ މުހިންމުއެއްޗެއްކަމުގައި ނުވާތީ އެވެ.

''އޯ...މައި...ގޯޑް... ދެން އަވަހަށް ތިކަން ޔޫނުސްއަށް އަންގަންވީ، މަށަށް ހީވަނީ އޭރުން އޭނަ އުފަލުން ގޮސް މޮޔަވެދާނެހެން، އޭނަ ކިހާ ދުވަހެއް ވެއްޖެ ޝާ ފަހަތުން އުޅޭތާ، އޭނަ ހިތްވަރުއެލުވާނުލުމުން އެންމެފަހުން ޝާގެ ހިތް ވެސް އަތުލައިފި... ތިދެމީހުން ވަރަށް ގުޅޭނެ...''

އައިޝާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އޭރު ޝާޢާގެ ތުންފަތްމަތީގައި ވެސް ހިނިތުންވުމެއް ވިއެވެ. ހަޔާތުގެ ބައިވެރިޔަކު ޚިޔާރުކުރަން އޭނަ ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކާއި މިންގަނޑުތަކަށް ފެތޭ ހަމައެކަނި ފަރާތަކީ ޔޫނުސް އެވެ. އިސްކޮޅު ދިގުވެފައި ލިބިފައިވަނީ އޭނަ އެންމެ އެދޭ ފަދަ ޒަމާނަށް ފެތޭ ހަށިގަނޑެކެވެ. ލޮލަށް ފިނިކަމާއި ރާހަތު ގެނެސްދޭނެ ފުރިހަމަ ސޫރައެކެވެ. ހިތުގެ ވިންދުތައް އަވަސްކުރުވާނެ ފަދަ ތޫނުފިލި ދެލޮލެވެ. އެހުރިހާ ސިފަތަކުގެ ތެރޭން ވެސް އޭނައަށް އެންމެ ކަމުދަނީ ޔޫނުސްގެ ސަމާސާ މިޒާޖެވެ. އޭނައަށް ބަހައްޓާ ހާއްސަ އަހައްމިޔަތުކަމެވެ. އޭނަގެ ހިތާ ކުޅެލުމުގެ ބާރު ޔޫނުސްއަށް ލިބުނީ ވެސް އެސަބާހެދިއެވެ.

*****

އިރުއޮއްސެ ދުނިޔެމަތި ހަމަހިމޭންވަމުން ދިޔަ ވަގުތެވެ. އިރުގެ ވަދާއީ ސަލާމުގެ ނިޝާންތައް ލަސްލަހުން ޖައްވުމަތިން ފޮހެވެން ފަށައިފިއެވެ. މަޑުމަޑުން ރޭގަނޑުގެ ހަމަހިމޭންކަމާއި އަނދިރިކަމުގެ ތެރެއަށް ދުނިޔެ ގެނބެމުން ދިޔަ ހިނދު ތަރިތަކުގެ ވިދުން ވެސް ފާޅުވާން ފަށައިފިއެވެ.

އަނދިރިކަން ވެރިވަމުން އައި ގޯތި ތެރެއަށް ނިކުތް ޖާބިރު އުދަރެހަށް ނަޒަރު ހިންގާލިއެވެ. އޭރު ގޯތީގައި ހުރި އަނބުގަސްތަކުގެ ގޮފި ތަކުގެ ތެރޭން ޖައްވުން ފޭދެމުން ދިޔަ އިރުގެ ދަޅަތަކުގެ ކުލަވަރު ފެނެއެވެ. ފުންނޭވާއެއް ދޫކޮށްލަން އުޅުނު ޖާބިރަށް ސިހުމެއް ގެނުވީ ހަމަހިމޭން މާހައުލުގެ ތެރޭން ކާޅެއް ގޮވަލީ އަޑަށެވެ. އެއާއެކު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ފެންޑާއާއި އެންމެ މަގަތަށް ހުރި އަނބުގަހުން ފުރާޅުމައްޗަށް ތިރިވެގެން ގޮސްފައި އޮތް ގޮއްޕަކަށެވެ. އޭރު ގޮފީގައި އިން ކާޅު ބަލަހައްޓައިގެން އިނީ ސީދާ ޖާބިރަށެވެ. ކަޅިޖަހާލުމެއް ނެތި ޖާބިރު އެސޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އަވަސް ފިޔަވަޅުތަކެއްގައި ގޭގެ މައިދޮރާއިދިމާއަށް މިސްރާބު ޖެހިއެވެ. އެހިނދު ކާޅު ވެސް ގަހުގެ ތިރީ ގޮފި ދޫކޮށް އުދުއްސައިގަތީ މައްޗަށް އެރުމަށެވެ. ހީވީ ކުރި އަމުރަކަށް ތަބާވީ ހެންނެވެ. އިތުރު އިންސާނެއްގެ ބުއްދިއަށް ޤަބޫލުނުކުރެވޭނެ ކަންތައްތަކެއް އެމަދު ސިންކުތުކޮޅުގައި ހިނގިއެވެ.

މައިދޮރު ކައިރިއަށް ހުއްޓިލަމުން ޖާބިރު ފަރުވާތެރިކަމާއެކު ބަލާލީ ބޯގަންވިލާ ގަހަށެވެ. އެއަށްފަހު އޭނަ ގަހުގެ މައިމުލާއި ދިމާއަށް ގުދުވެލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔަ މަންޒަރުން ހިތް ނުތަނަވަސް ވިއެވެ. މޫތަކަށް ބައްޔެއްޖެހިފައިވާ އުސޫލުން ބާރުދޫވެ މަރުވުމުގެ ނިޝާންތައް ވާތަން ފެނިއެވެ. އަވަސްއަވަހަށް ކޮޅަށް ތެދުވަމުން އިރުދޭމާގަސް ކައިރިއަށް ހުއްޓިލަމުން ހަމަ އެފަދައިން ކަންތައް ކުރިއެވެ. އޭރު ޖާބިރުގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ފަށައިފިއެވެ. އަނދިރިކަންވެރިވާން ފަށާފައި އޮތް އުޑަށް ބަލާލަމުން އަވަސްއަވަހަށް އޭނަ މައިގެއަށް ވަންނަން ހިނގައިގަތެވެ.

*****

''ޝާޢާ، ކޮންތާކުތަ ތިހުރީ؟...'' ބޮޑުކޮޓަރީގައި ހުރި ޖާބިރު އޭނަ ފޯންކޯލުކުރަން ގެންގުޅޭ ނޮކިއާ ބައްތި ފޯނުން ޝާޢާއަށް ގުޅާލަމުން ސުވާލުކުރިއެވެ. އޭނަގެ އަޑުން ލިބިފައިވި ނުތަނަވަސްކަން އޭނަ ސިއްރުކުރިއެވެ.

''ހޮސްޕިޓަލުގަ މިހުރީ...'' އާދައިގެމަތިން ކާފަ އޭނައަށް އަންގާފައި އޮންނަނީ އިރުއޮއްސެންވާއިރަށް ގެއަށް އައުމަށެވެ. މިފަހަރު ވެސް އޭނައަށް ހީވީ ލަސްވެގެން ގުޅަނީ ކަމަށެވެ.

''އެކަނިތަ؟... ހޮސްޕިޓަލުގަ ކީއްތިކުރަނީ؟...'' ޖާބިރަށް އަހާލެވުނެވެ.

''އައިޝާއައެކު ރައްޓެއްސަކު ގާތަށް އައިއްސަ، އިރުކޮޅަކުން ގެއަށް ދާނަން...'' ޝާޢާ މައުލޫމާތު ސާފުކޮށްދިނެވެ. ޝާޢާއެކު މީހަކު ހުރުމުން ޖާބިރަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ލަސްނުވެ އައުމަށް ބުނެލަމުން ޖާބިރު ފޯންކޯލު ކުރުކޮށްލިއެވެ.

''ހަދީޖާ...'' ކޮޓަރިއަށް މިސްރާބުޖަހަމުން ހަދީޖާއަށް ޖާބިރު ގޮވާލިއެވެ. ނަމާދުން ފޭބި ހަދީޖާއަށް ޖާބިރުގެ އަޑު އިވުމުން ކޮޓަރިން ނިކުންނަން އުޅުނެވެ. އޭނައަށް ދޮރުމައްޗަށް ނިކުމެވުނު އިރު ޖާބިރު އައިސް ވަންނަނީއެވެ.

''ވަރަށް ދެރަ ގޮތެއް ވެގެން މިއުޅެނީ...'' ޖާބިރުގެ ހާސްކަން ފެނި ހަދީޖާއަށް ހައިރާންކަން ލިބުނެވެ. އޭނަ ސުވާލުކުރަން އުޅެފައި ވެސް ޖާބިރަށް އެތެރެއަށް ވަންނަން ތަންދައްކާލިއެވެ. އެއާއެކު އެނދުގައި ގޮސް އިށީން ޖާބިރަށް ބަލަން ހުރެފައި އެނދާއި ދިމާއަށް ހިނގައިގެންފިއެވެ.

''ކަންތައްތައް ވަރަށް ގޯސް... ޝާޢާ އަހަރުމެނަށް ކަމެއް ސިއްރު އެބަކުރޭ، ރޭގަ ހަޅޭއްލެވީ ހޯނެއް ފެނިގެނެއް ނޫން...'' ހަދީޖާއަށް ބަލާލަމުން ޖާބިރު ވާހަކަދެއްކިއެވެ. ސިއްރުކުރަން ބޭނުންވިކަމުގައި ވިޔަސް މަސްރަހު ގޮސްފައި އޮތް ނާޒުކު ހާލަތުގެ ގޮތުން އިތުރަށް ހަނުހުންނާކަށް ޖާބިރަށް ނުކެރުނެވެ. ހަޤީޤަތް އެނގުމުގެ ހައްގު ހަދީޖާއަށް އޮތީތީއެވެ. ބޯމަތިކުރުވަމުން އަންނަ ގަދަ ތޫފާނީ ކެރީގެ ހަމަލާތަކުން ރައްކާތެރިވާން ދުރާލާ ފިޔަވަޅުއެޅެން އޮންނާނީ އޭރުންނެވެ.

''ކޮންކަމެއް؟...'' ހަދީޖާއަށް އަހާލެވުނެވެ. ޖާބިރުގެ ޖުމްލައިން އޭނައަށް ޝޮކެއް ލިބިފައި ވިއެވެ.

''ގޭގެ މީހުންގެ ރައްކާތެރިކަމަށް އަހަރެން ހަދާފައި ހުރި ކަންތަކުގެ ބާރު އެދަނީ ކެނޑެމުން...'' ޖާބިރުގެ އަޑުގައި ސީރިޔަސްކަން ވިއެވެ. އޭގެ ސަބަބުން ހަދީޖާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ.

''އެއީ ކީއްވެ؟... ޖާބިރު ބުނީމެއްނު އެހެން ނުވާނެއޭ... ދެން ކީއްވެ؟...'' ނުތަނަވަސްވެފައިވި އަޑަކުން ހަދީޖާ ސުވާލުކުރިއެވެ. ''ޝާޢާ؟...''

''މުސްކުޅިވުމުން އަހުރިހާކަމަކަށް އަހަރެންގެ އަތްމަތީގައި އޮތް ބާރު މިދަނީ ކެނޑެމުން، އަހަރެން ކުރިން ކުރި ކަންތައް ކުރަން މިހާރު ހަށިގަނޑު ތަނެއް ނުދޭ...... އެމީހުންގެ ބާރު އޭގެ ސަބަބުން އެދަނީ ގަދަވަމުން... ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވަމުން އެދަނީ އެހެންވެ... އަހަރެން މިވާހަކަ ބުނަން ހުންނަތާ ގިނަ ދުވަސްތަކެއް ވެސް ވެއްޖެ، އެކަމަކު ހިމޭނުން ހުރީ ހަދީޖާއަށް ނުތަނަވަސްކަމެއް ލިބިދާނެތީ، އެކަމަކު އަހަރުމެން ދެމީހުން ވެސް މިހާރު ތައްޔާރުވާން އެބަޖެހޭ... ޝާޢާގެ ސަލާމަތަށް އަހަރެން އިތުރުކަމެއް ހަދާނަން، އެކަމަކު ވަގުތު ބޭނުންވާނެ... މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން ޝާޢާއަށް އިރުއޮއްސޭދަޅައަށް ގެއިން ނުކުމުގެ ފުރުސަތު ދީގެންނުވާނެ...''

ޖާބިރު ބުނެލިއެވެ. ހަދީޖާއަށް އޭރު ރޮވެމުން ދިޔަ އެވެ. މާޒީ ތަކުރާރުވާކަށް އޭނަގެ ހިތެއް ނޭދެއެވެ. އެހެން ކަންތައް ވެއްޖެނަމަ އޭނަގެ ހިތް ހުއްޓިދާނެއެވެ.

''މިކަމުން ސަލާމަތްވާނެތަ؟...'' ކަރުނަތައް ފޮހެލަމުން ހަދީޖާ އެހިއެވެ. އެއާއެކު ޖާބިރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''އާނ... މިހުރިހާ ދުވަހު ވެސް އެގޮތަކަށްނު ދެމިއޮތީ...'' ޖާބިރު ބުނެލިއެވެ. އެއީ އޭނަގެ ހިތުގައި އޮތް ހަޤީޤަތެއް ނޫނެވެ. ތެދު ހާމަކުރަންޏާ އޭނަ ޖެހޭނީ އޭނަގެ ނުކުޅެދުންތެރިކަން ބުނެދޭށެވެ. މުސްކުޅިވުމުން އޭނަ އެވަނީ ބަލިކަށިވެފައެވެ. އޭނަގެ އަދުއްވުން އެދަނީ އޭނަގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ނޭވާހިނގަމުންދާހާ ހިނދަކު ބަލި ޤަބޫލުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ޝާޢާގެ ރައްކާތެރިކަމަށްޓަކައި އޭނަގެ ފުރާނަ ޤުރުބާންކުރަން ވެސް އޭނަ އެހުރީ ތައްޔާރަށެވެ. އެމައުސޫމް ކުއްޖާއަށް ދެރައެއްލިބެން ނޭދޭތީއެވެ.

''ހަދީޖާ... މީ ބިރުގަންނަންވީ ވަގުތެއް ނޫން، ހިތްވަރާއެކު ކުރިމަތިލާންވީ ވަގުތު...... ޝާޢާއަށް އަދި ބޮޑު ނުރައްކަލެއް ނެތް، ފިޔަވަޅު އަޅައިފިއްޔާ އެކަން އެގޮތުގައި ދެމި އޮންނާނެ...'' ކޮޅަށް ތެދުވެލަމުން ހަދީޖާގެ ކޮނޑުގައި ޖާބިރު ދެއަތުން ހިފާލިއެވެ. އަދި އޭނަގެ ހިތްވަރުކަމުގައި ވާށޭ ބުނެލީ އެދެލޮލުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު