މިއީ ހިތި ތަޖުރިބާއެއް، ގައުމީ ޓީމާ ދުރަށްދާން އެބަ ވިސްނަން: މެނޭޖަރު ލަތީފް

ގައުމީ ވޮލީ ޓީމް ފޮޓޯއަކަށް ހުއްޓިގެން - ފެހި ޖާޒީަގއި ކަނާތުން ދެވަނަ އަށް ގައުމީ ޓީމުގެ މެނޭޖަރު އަލީ ލަތީފް--ފޮޓޯ ވީއޭއެމް

ނަވާރަ އަހަރުވީ ވޮލީގެ ހަޔާތުގައި އެންމެ ހިތްދަތިވި ދުވަހަކީ އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި ނޭޕާލް އަތުން ބަލިވި ދުވަސް ކަމަށާއި އެ މުބާރާތުގައި ނަތީޖާ ނުކުތް ގޮތުން ކުރެވުނީ ހިތި ތަޖުރިބާއެއް ކަމަށް ގައުމީ ވޮލީ ޓީމުގެ މެނޭޖަރު އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ، މިހާރު ރާއްޖޭގައި ކުރިއަށްދާ ބައިނަލްއަގްވާމީ ވޮލީބޯޅަ މުބާރާތުގައި ދިވެހި ގައުމީ ޓީމުން ނެރުނު ނަތީޖާތަކުގެ ސަބަބުން ގައުމީ ޓީމާ ދުރަށް ދިއުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފައެވެ.

މުބާރާތުގެ ކަންކަން ދިޔަގޮތާ މެދު ވާހަކަފުޅުދައްކަވަމުން ލަތީފް ވިދާޅުވީ، ރާއްޖޭގައި މުބާރާތް ބާއްވާތީ ރަންމެޑަލް ލިބޭނެ ކަމަށް ވަރަށް އުންމީދު ކުރި ކަމަށާއި އެކަމަށް ވަރަށް އިންތިޒާރު ކުރި ކަމަށެވެ. ނަމަވެސް ކިރްގިސްތާން އަތުން ބަލިވެ، ނޭޕާލާ ބައްދަލުކުރި މެޗުވެސް އެހާ ވަދަވެރިކޮށް ގޮސް އެ ޓީމު އަތުން ބަލިވި ހިސާބުން ދެން މިކަން ނުވާނެކަން އެނގުނުކަމަށެވެ. އަދި މިއީ ވޮލީ ހަޔާތުގައި އެންމެ ހިތްދަތިވީ ދުވަސް ކަމަށް، އެންމެ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ މެނޭޖަރު ލަތީފް --- ފޮޓޯ/ ވީއޭއެމް

"ހިޒް ކްލަބް ގައުމީ ތަށި މިލްކު ކުރި ދުވަހަކީ ވަރަށް ހިތްދަތިވި ދުވަހެއް. އެދުވަހު ވަރަށް ދެރަވެފަ ހުރެފަ ތަށި ލިބުނީމަ ފަހުން އުފާވި. ނަމަވެސް ނޭޕާލް އަތުން ބަލިވެ އުންމީދުތައް ފުނޑުފުނޑު ވީކަން އެނގުނު ދުވަހަކީ ވޮލީގެހަޔާތުގަވެސް އެންމެ ދެރަވި ދުވަސް،" ލަތީފް ވިދާޅުވިއެވެ.

މީގެ ހަތަރު އަހަރުކުރިންސުރެ ގައުމީ ޓީމުގެ މެނޭޖަރުކަން ކުރައްވަމުން އަންނަ ލަތީފް ވިދާޅުވީ، ކުޅުންތެރީންވެސް އަދި މުޅި ވޮލީ އާއިލާއިންވެސް މިފަހަރުގެ މުބާރާތުގެ ތަށި ގައުމުގައި ބަހައްޓަން ވަރަށް މަސައްކަތް ކުރި ކަމަށާއި ފުރަތަމަ ކުޅުނު ދެ މެޗުގައިވެސް ގައުމީ ޓީމުން ވަރަށް ރަަގަޅަށް ކުޅުނު ކަމަށެވެ.

އުންމީދު ކުރި ނަތީޖާ ނުލިބި މުބާރާތުން ވަކިވާން ޖެހުމުން އިތުރަށް މަގާމުގައި ދެމި ހުންނަވާނަންތޯ ސުވާލު ކުރުމުން ލަތީފް ވިދާޅުވީ، މިވަގުތު ބޭނުންވަނީ ގައުމީ ޓީމާ ދުރަށް ޖެހިލަން ކަމަށާއި އެ ގޮތަށް ބޭނުންވަނީ ބައިވަރު ސަބަބުތަކާއިވެސް އެކުގައި ކަމަށެވެ.

" މުޅި ދިރިއުޅުން މި ހޭދަވީ ވޮލީއަށް ހިދުމަތް ކުރުމުގައި. ދެން ބޭނުންވަނީ ދުވަސްކޮޅަކު ގައުމީީޓމާ ދުރުގަ ހުންނަން. އާއިލާއަށްވެސް ވަގުތު ދޭން ބޭނުންވޭ، އަދި ވިޔަފާރިއަށްވެސް ވަގުތު ދިނުމަށް ގައުމީ ޓީމާ ދުރަށް ދާން މި ވިސްނަނީ. ނަމަވެސް ވޮލީއާ ދުރަކަށް ނުދާނަން،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ގައުމީ ޓީމުގައި ހުރުމާއި ޓީމާ ދުރަށް ދިއުމާ މެދު ގޮތެއް ނިންމާނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި ރައީސް ބެނުންވާ ކަމުގައި ވާނަމަ އަދިވެސް މަގާމުގައި މަޑުކުރާނެ ކަމަށެވެ. އަދި މިހާރުގެ ރައީސް މުހައްމަދު ލަތީފްގެ ދައުރު ނިމެންދެން ލަތީފްގެ ފަހަތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންކަންވެސް ކުރައްވަމުން ގެންދަވާ ލަތީފް ވިދާޅުވިއެވެ.

އަމިއްލަ ގައުމުގައި މުބާރަތެއް ބާއްވައި، ލިބުނު ފުރުޞަތު ބޭކާރު ވުމުން ވޮލީއަށް މީގެ ސަބަބުން ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯއާ، މި ތަޖްރިބާއަކީ ކޮންކަހަަލަ ތަޖުރިބާއެއް ތޯ ސުވާލު ދެންނެވުމުން ލަތީފް ވިދާޅުވީ، މިއީ ވޮލީގެ ހަޔާތުގައި ފަހަތަށް އެޅުނު ފިޔަވަޅެއްކަމަށެވެ. އަދި މި ތަޖުރިބާ ސިފަ ކުރާނީ ހިތި ތަޖުރިބާއެއް ގޮތަށް ކަމަށާއި މިކަން ދުވަހަކުވެސް ހިތުން ފިލައި ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ދުވަހަކުވެސް މި ތަޖުރިބާ ހިތަކުން ނުފިލާނެ. މުސްތަގުބަލަށް ވެސް، ފާއިތުވެ ދިޔަތަނަށްވެސް މި ތަޖުރިބާއަކީ ހިތި ތަޖުރިބާއެއް. ހަގީގަތުގައި ހަތަރު އަހަރު ތެރޭގައި ދެ ވަަނަ އަދި ތިން ވަނަ ހޯދުމަށްފަހު މިފަހަރު ހަތަރުވަނައަށް ދިޔައިމަ މި އެޅުނީ ފަހަތަށް ފިޔަވަޅެއް،" ލަތީފް ވިދާޅުވިއެވެ.

ގައުމީ އަންހެން އަދި ފިރިހެން ޓީމުގެވެސް މެނޭޖަރުކަން ކުރައްވާފައިވާ ލަތީފް ވަނީ ވޮލީއަށް ގިނަ ހިދުމަތްތަކެއް ކުރައްވައި ގައުމީ ވޮލީ ޓީމުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީ ތަކުގައި އިސް ދައުރެއްއަދާ ކުރައްވާފައެވެ.

comment ކޮމެންޓް