ސުވައިން ފުލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ސުވައިން ފުލޫއިން ރައްކާތެރިވުމަށް ބަޔަކު މާސްކު އަޅައިގެން-- ސަން ފައިލް ފޮޓޯ

ސުވައިން ފުލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެއީ ސްވައިން ފުލޫ ޖެހިގެން ރާއްޖެ އިން މަރުވި ހަތަރު ވަނަ މީހާ އެވެ. އޭނާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "ސަން"އަށް ވިދާޅުވީ ސުވައިން ފުލޫ ޖެހިގެން މަރުވީ 79 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ އައިޖީއެމްއެޗަށް ގެނެސްފައި ވަނީ އެހެން ބައްޔަކަށް ފަރުވާ ދިނުމަށް ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޓެސްޓުތައް ހެދުމުން އެ މީހާ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު 1742 މީހަކު ވަނީ މާލެއާއި އަތޮޅު ތެރެއިން އަރިދަފުސްރޯގާއަށް ފަރުވާ ހޯދައިފަ އެވެ.

އިއްޔެގެ ނިޔަލަށް އެޗްވަންއެންވަންއަށް ޝައްކު ކުރެވިގެން 501 މީހަކު ޓެސްޓް ކޮށްފައިވާ އިރު، އޭގެ ތެރެއިން 185 މީހަކު ވަނީ އެ ރޯގާއަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެޗްވަންއެންވަން އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އަދި ކުރިން ޕޮސިޓިވްވެގެން ފަރުވާދެމުން ދިޔަ 12 މީހަކު ވަނީ، ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް